ޚަބަރު

ބަޖެޓް 2021: އެންމެ ބޮޑު އިސްކަމެއް ޞިއްޙީ ދާއިރާއަށް، ޖުމުލަ 4 ބިލިޔަން ރުފިޔާ


އަންނަ އަހަރުން ދައުލަތުން ހުށަހަޅާ ބަޖެޓްގެ ބޮޑު އިންސައްތައެއް ޞިއްޚީ ދާއިރާއަށް ޚާއްސަކޮށް، ސިއްޚީ ދާއިރާއަށް 4 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ 2021ވަނަ އަހަރާވެސް މިކުރިމަތިލަނީ ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިކަމަށާ، އުންމީދަކީ މިބައްޔަށް ވެކްސިނެއް ނުވަތަ ފަރުވާއެއް އަވަހަށް ހޯދިގެން ދިއުންކަމަށެވެ. މިބައްޔަށް ވެކްސިނެއް ލިބި ރައްޖެއަށް ވެކްސިން ގެނައުމަށާއި، ކުރަންޖެހޭ ހޭދަތަކަށް ބަޖެޓުގެ 4 ބިލިޔަން ރުފިޔާވަނީ ޞިއްޙީ ދާއިރާއަށް ޚާއްސަ ކޮށްފައެވެ.

"ކުރިއަށް އޮތްތާގައިވެސް މި ވައިރަސް ކޮންޓްރޯލް ކުރެވެން އޮތީ ޓެސްޓު ކުރާ ޢަދަދު އިތުރުކޮށްގެންނާއި ކޮންޓްރެކްޓް ޓްރޭސިންގއާއި ބަލިމީހުން އެކަހެރިކުރުން ކުރިއަށް ގެންދެވިގެން. މީގެ އިތުރުން ފަތުރުވެރިކަން ވެސް ރަނގަޅަށް ހުޅުވާލެވެން އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ފަސޭހައިން ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިގެން. އަދި މާތް ﷲގެ އިރާދަފުޅާއެކު މި ބައްޔަށް 2021ވަނަ އަހަރުގައި ވެކްސިންއެއް ފެނިއްޖެނަމަ މި ވެކްސިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބަޖެޓުގައި ޖާގަ ދެވިފައިވާނެ" ފިނޭންސް މިނިސްޓރަ އިބްރާހީމް އަމީރު ވިދާޅުވިއެވެ.

ސަރުކާރުން ކުރަމުންގެންދާ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ 5 ސަރަހައްދެއްގައި ޓަރޝަރީ ފެންވަރަށް ސިއްޙީ ޚިދުމަތް ތަރައްޤީކުރުން ކަމަށްވާއިރު، ޓަރޝަރީ ފެންވަރަށް މިހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށް މި އަހަރުގެ ބަޖެޓުން ފެށުނު މަޝްރޫޢުތައް 2021ވަނަ އަހަރުގައި ކުރިއަށްދާނެކަމަށެވެ. އަދި 2019އިން ފެށިގެން މި ސަރުކާރުން ސިއްޙީ ދާއިރާއަށް ކުރަމުން ގެންދާ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން، ފުރަބަންދުގެ ތެރޭގައިވެސް ރައްޔިތުންނަށް އޭގެ ފައިދާ އިންތިހާއަށް ލިބެމުންދާތަން ފެނިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއު ތަކުގެ ތެރޭގައި ކެންސަރ ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއު ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަޝްރޫއު ވެގެންދާނީ ކެންސަރާ އެހެނިހެން ގައިންގަޔަށް ނާރާ ބަލިތަކުން މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ ގައުމީ އޮނިގަނޑުގެ ތެރެއިން ދެވެމުންދާ އެހީތައް 2021 ވަނަ އަހަރުގައި ކުރިއަށް ދާނެކަމަށެވެ. މިގޮތުން ތަކެތީގެ އަގުހެޔޮ ކުރުމަށްދޭ އެހީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެހީއާއި، އުމުރުން ދުވަސްވީ ފަރާތްތަކަށް ދޭ އެހީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެހީ ހިމެނޭ. 2021 ވަނަ އަހަރު އާސަންދަ ސްކީމަށް ވާނީ 718 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައި ވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.