ޚަބަރު

މިމަހުގެ 26ވަނަ ދުވަހު ބަޖެޓް ފާސްކުރުމަށް އަމާޒު ކަނޑައަޅައިފި


އަންނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓް މިމަހުގެ 26ވަނަ ދުވަހު މަޖިލީހުން ފާސްކުރުމަށް އަމާޒު ހިފައިފިއެވެ.

މިއަދުވަނީ އަންނަ އަހަރަށް ލަފާކުރާ 34.7 ބިލިޔަން ރުފިޔާގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައެވެ. ބަޖެޓް ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރ ހޭދަކުރެއްވި 45 ވަރަކަށް މިނިޓަށްފަހު މެމްބަރުންނާއި ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ އަމާޒަކީ މިމަހުގެ 26ވަނަ ދުވަހު މަޖިލީހުން ބަޖެޓް ފާސްކުރުންކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ ބަޖެޓެގެ ބަހުސް މިމަހުގެ 16ވަނަ ދުވަހު ފައްޓަވާނެކަމަށެވެ. ބަޖެޓް ބަހުސްއަށް ޖުމްލަ 21 ގަޑިއިރު ހޭދަވާއިރު ބަހުސްކުރުމަށް ތާވަލް ކޮށްފައިވަނީ މިމަހުގެ 16 އަދި 17 އަދި 18ވަނަ ދުވަހަށެވެ. މިބަހުސްގެ މަރުހަލާއަށް ޖުމްލަ 21 ގަޑިއިރު ހޭދަވާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ. ބަޖެޓަށް ބަހުސް ކުރުމަށް މެމްބަރުންނަށް ދޭ ވަގުތު ކަނޑައަޅާނީ މަޖިލީހުގެ އާންމު ކޮމެޓީންނެވެ. މަޖިލިސް ރައީސް ވިދާޅުވީ އާންމުކޮމިޓީން މިމައްސަލާއި މިއަދު ގޮތެއް ކަނޑައަޅާނެކަމަށެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް މިއަދު ބަޖެޓް ފޮނުވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އަދި ކޮމިޓީގެ މަސައްކަތް ނިންމައި މިމަހުގެ 19ވަނަ ދުވަހު ރިޕޯޓްލިބި ރިޕޯޓަށް ބަހުސް ކުރުމަށް ފަށާނެކަމަށާ، މިރިޕޯޓަށް ބަހުސް ކުރުމަށްވެސް 10 ވަރަކަށް ގަޑިއިރު ހޭދަވާނެކަމަށް ބަލައި ބަޖެޓް ފާސްކުރުމަށް މަޖިލިސް ރައީސް އަމާޒު ކަނޑައަޅާފައިވަނީ މިމަހުގެ 26ވަނަ ދުވަހަށެވެ.

ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވީ 2021ވަނަ އަހަރާ ކުރިމަތިލާއިރު އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރިއިރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 33.3 ބިލިއަން ރުފިޔާއެވެ. އަދި ބަޖެޓާއި ޚަރަދާ ހުރި ތަފާތުގެ ބޮޑުބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 1.5 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.