ޚަބަރު

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ ޝަރީޢަތްތައް ލައިވް ކޮށްދިނުމަށް ޕީޖީ އެދިވަޑައިގެންފި


ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި އެންމެބޮޑު ކޮރަޕްޝަނުގެ ޢަމަލުކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެ އަޑުއެހުންތައް މިމަހު ފަށާއިރު ޝަރީއަތައް ލައިވް ކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް އެދިވަޑައިގެންފިއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމައްސަލައިގެ އަޑުއެހުންތައް މިމަހު ކްރިމިނަލް ކޯޓުގައި ފަށާއިރު އެއަޑުއެހުންތައް ލައިވް ސްޓްރީމްކުރުމަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިފައި ވާނެކަމަށެވެ. އެއީ މިމައްސަލަ ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކުރިއަށް ގެންދެވުމަށް ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ. ޝަމީމު ވިދާޅުވީ މި އިންތިޒާމު ކޯޓުން ހަމަޖައްސަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.

ދިވެހި ރައްޖޭގެ އަޑުން ގެނެންދޭ "އަހާށޭ ބުނާނަން" ޕްރޮގުރާމުގައި ޕީޖީ ޝަމީމް ވަނީ ރާއްޖޭގައި ވައްކަމާއި ޚިޔާނާތަކީ މީހުން ބިރު ގަންނަ ވަރުގެ ކަމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވައްކަމުގެ މައްސަލަތަކަކީވެސް ޖިންސީ ގޯނާއާއި، ފުރައްސާރައިގެ މައްސަލަތަކުގައި އަދަބު ލިބޭފަދައިން، އަދަބު ދެވޭނެ ކަމެއްކަމުގައި ހައްދަވައި، ވައްކަން ކޮށްފިނަމަ އެކަމަށް ހައްގު އަދަބު ލިބޭނެކަން އެކަން ކުރާ މީހުންނަށާއި މުޅި މުޖުތަމައަށް ވިސްނުވައިދެއްވާނެ ކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެމައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 ބޭފުޅަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރަކަށްވެސް ޚިޔާނާތުގެ ފައިސާ ލިބިފައިވެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ހޯދުމަށް ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.