ޚަބަރު

އެއްވެސް ސަރުކާރެއްގެ ފުރަތަމަ ދެ އަހަރު ނުހިންގާހާ ގިނަ މަޝްރޫޢު ހިންގިއްޖެ - ރައީސް


މީގެކުރީގެ އެއްވެސް ސަރުކާރެއްގެ ފުރަތަމަ 2 އަހަރުގެ ތެރޭގައި ނުހިންގާހާ ގިނަ ޢަދަދެއްގެ މަޝްރޫޢުތަކެއް މިސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހިންގިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ މުސަބަތުގައި ޤައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވީ ކޯވިޑް-19އާ ދެކޮޅަށް، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރަންޖެހުނަސް، ތަރައްޤީގެ މަޝްރޫޢުތައްވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ސަމާލުކަން ދެއްވާކަމަށެވެ. ޤައުމީ ތަރައްޤީގެ 372 މަޝްރޫޢެއް މިހާތަނަށް ފަށާފައިވާއިރު، ޖުމްލަ 154 މަޝްރޫޢެއް މިހާރުވެސް ހިނގަމުން ދާކަމަށެވެ. އަދި އިތުރު 156 މަޝްރޫޢެއް ފެށުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާ ލާމަރުކަޒު ކުރުމުގެ 56 މަޝްރޫޢެއް، އަންނަ އަހަރުގެ ތެރޭގައި، ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރިއަށް ގެންދާނެކަމަށެވެ އޭގެ ތެރެއިން، މިސަރުކާރުން އެންމެބޮޑު އިސްކަމެއް ދީގެން ފެށި އެއް މަޝްރޫޢުގައި ހިމެނޭ، 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. މި 5 ޓާޝަރީ ހޮސްޕިޓަލުގެ މަންފާ އަންނަ އަހަރުގެ ތެރޭގައި ރައްޔިތުންނަށް ލިބެން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19އާ ގުޅިގެން އައި އިޤްތިޞާދީ ގެއްލުންތަކުން އަރައިގަތުމަށް މަސައްކަތްކުރާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދޭނެ އެއް ކަމަކީ، މީހުންބިނާކުރުންކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ތަޢުލީމީ ދާއިރާއިން 2021 ވަނަ އަހަރު ހިންގާމަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ 5 ސަރަޙައްދެއްގައި ފެންވަރު ރަނގަޅު، ވަށައިޖެހޭ ތަޢުލީމީ ނިޒާމަކަށް ބޭނުންވާނެ، އިންސާނީ އަދި ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމަށް އިސްކަންދެވޭނެކަމަށެވެ.

"މަތީ ތަޢުލީމުގެ ދާއިރާއިން އަޅުގަނޑު އެންމެ ފަޚުރުވެރިވާ އެއް ކަމަކީ، މި ސަރުކާރުގެ ފުރަތަމަ އަހަރު ތައާރަފްކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔަވައިދިނުމުގެ ޕްރޮގްރާމް. މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް 8200 އަށްވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވުމުގެ މަގު ސަރުކާރުން ފަހިކޮށްދީފި. އަދި މިސަރުކާރުން ހަމަޖައްސައިދިން ސްޓޫޑެންޓް ލޯންގެ ލުއިތަކާ އެކު، 23 ޤައުމެއްގައި، 1082 ދަރިވަރަކު މިހާރު އަންނަނީ މަތީ ތަޢުލީމް ޙާޞިލްކުރަމުން" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މިދިޔަ ދެ އަހަރުވެސް، ބައިނަލްއަޤްވާމީ ދާއިރާއިން، ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ޙާޞިލްކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިދާއިރާއިން އެންމެ ފާހަގަކޮށްލެވެނީ، ހީނަރުވެފައި އޮތް ޚާރިޖީ ގުޅުންތައް އަލުން ހަރުދަނާކުރެވި، ބައިނަލްއަޤްވާމީ މުޖްތަމަޢާއެކު ގާތް ގުޅުމެއް އުފެދިގެން ދިޔުންކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ވަރަށް ގިނަ މާލީ އެހީތަކެއްވެސް ލިބެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.