ޚަބަރު

ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ - ރައީސް


ކޯވިޑް-19އާއެކު ކުރެވުނު ތަޖުރިބާތަކަށް ބަލާއިރު، ކުރިއަށް އޮތް އަހަރަކީވެސް ގޮންޖެހުންތައް ގިނަ، ދަތިކަން ބޮޑު އަހަރަކަށް ވެދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޤައުމ މުޚާތަބް ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ލިބެމުންދާ އިޤްތިޞާދީ ގެއްލުންތަކަކީ، ފަސޭހައިން ފޫބެއްދޭ ވަރަށްވުރެ ބޮޑެތި ގެއްލުންތަކެއްކަމަށެވެ. އެހެންކަމަށް ވުމާއެކު ކުރިއަށް އޮތް އަހަރު، ސަރުކާރުން އެންމެބޮޑު އިސްކަމެއް ދޭނީ، އިޤްތިޞާދީ ތަދުމަޑުކަމުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

"ވަކިވަކި ފަރުދުންގެ އިޤްތިޞާދީ ފުދުންތެރިކަން އިތުރުކޮށް، ވިޔަފާރިތައް ކޮޅަށް ޖެހުމަށްޓަކައި، ދައުލަތް ހިންގުމުގެ ޚަރަދުތައް ކުޑަކޮށް، ރައްޔިތުންނާ ސީދާ ގުޅުން ހުރި މަޝްރޫޢުތަކަށާއި އިޖްތިމާޢީ ރައްކާތެރިކަމަށް، އަންނަ އަހަރުގެ ބަޖެޓުން ޖާގަ ދީފައިވާނެ. އަދި އަލަށް ތަޢާރަފްކުރި ސްކީމްތައް މެދުވެރިކޮށް، ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދާނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޯވިޑް-19އާ އެކު، އަނެއްކާވެސް ޔަޤީންވެގެން ދިޔައީ، ރާއްޖޭގެ އިޤްތިޞާދު ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާ ވެފައިއޮތް އޮތުމަށް ނިމުމަކަށް ގެނެސް އެހެން ދާއިރާތަކުންވެސް މަސައްކަތް ފަށަން ޖެހިފައިވާ ކާމަށެވެ. އިޤްތިޞާދު ސިންދަފާތު ކުރުމުގެގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަން ތަރައްޤީކުރުމަށް، އަންނަ އަހަރުގެ ތެރޭގައި، ޚާއްޞަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށެވެ.

"މަސްވެރިކަމުގެ ދާއިރާއިން، ކޫއްޑޫއާއި ފެލިވަރު އަދި ކަނޑުއޮތްގިރީގެ ވަސީލަތްތައް ތަރައްޤީކުރުމަށް މިއަންނަ އަހަރު ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރެވޭނެ. އަދި ދަނޑުވެރިކަން ފުޅާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ކުރިއަށް އޮތް ތިން އަހަރަށް އެއްވެސް ކުއްޔެއް ނުނަގާ ގޮތަށް، ރަށްރަށުން މިހާރުވާނީ ދަނޑުބިން ދޫކުރަން ފަށާފައި. އަދި ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޝްރޫޢުތައް ވެސް ކުރިއަށް ދާނެ." ރައީސް ވިދާޅުވިއެވެ.

ތަރައްޤީގެ މަގުގައި ޤައުމެއްގެ ހައިސިއްޔަތުން ހޯދޭނެ އެންމެ ބޮޑު ކުރިއެރުމަކީ، މިހާރަށްވުރެ ރަނގަޅު ޙާލަތެއްގައި، ކުރިމަގުގެ ޖީލަށް ޤައުމު ގެންގޮސްދިނުންކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއަދުގެ ދިރިތިބީންގެ އެންމެ މުހިންމު ވާޖިބަކީވެސް އެއީކަން ފާހަގަކޮށް ރައީސްވަނީ، ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތަކުން ރާއްޖެ ރައްކާތެރިކުރަންޖެހޭކަމަށް ވިދާޅުފައެވެ.