ޚަބަރު

މިފެށޭ އަހަރު އިތުރު 50 ޕޮލިސް ސްޓޭޝަން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައި : މިނިސްޓަރ އިމްރާން


ރާއްޖޭގެ ވެށީގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށްޓަކައި، އަތޮޅު ތެރޭގައި ހިންގޭ ކުށްތައް ހުއްޓުވައި އަމާން މާހައުލެއް ޤާއިމް ކުރުމަށް މިފެށޭ އަހަރުގެ ތެރޭގައި ރާއްޖޭގައި އިތުރު 50 ޕޮލިސް ސްޓޭޝަން ޤާއިމް ކުރުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ. މިނިސްޓަރ ވިދާޅުވީ ޕޮލިސް ސްޓޭޝަންތަކާއެކު ފުލުހުންގެ ޚިދުމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވީ މަޖިލީހުން މިހާރު އެކުލަވާލަމުންދާ ފުލުހުންގެ ބިލާއިއެކު މުޅި ފުލުހުންގެ މުއައްސަސާއަށް ބޮޑު ބަދަލުތަކެއް އަންނާނެކަމަށެވެ. ޚާއްސަކޮށް ހިންގުމުގެ ދާއިރާއަށާއި، ބޮޑެތި އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް އިތުރު އިޚްތިޔާރާއި ބާރު ލިބިގެންދާނެކަމަށެވެ.

ރާއްޖޭގެ ވެށީގެ ރައްކާތެރިކަން ކަށަވަރު ކުރުމަަށް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އަތޮޅު ތެރޭގައި ފުލުހުންގެ ޚިދުމަތް ފުޅާކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް އަހަރުގެ ތެރޭގައި އަތޮޅު ތެރޭގައި އިތުރު 50 ޕޮލިސް ސްޓޭޝަނެއް އެޅުމުގެ މަޝްރޫޢެއް ފެށުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު މިހިނގާ 2 އަހަރުގެ ތެރޭގައިވެސް 6 ޕޮލިސް ސްޓޭޝަނެއް ވަނީ ގާއިމްކުރެވިފަ. އަޅުގަޑުމެން މިހާރު ތައްޔާރުމިވަނީ އަންނަ އަހަރު އިތުރު 50 ޕޮލިސް ސްޓޭޝަނެއް އެޅުމަށް. ފާއިތުވެދިޔަ 15، 16 ވަރަކަށް އަހަރުގެ ތެރޭގައިވެސް އަތޮޅު ތެރޭގައި ގާއިމްކުރިފައިވަނީ 15 ވަރަކަށް ސްޓޭޝަން. މި ސްޓޭޝަންތަކާއިއެކު ޒަމާނީ އަދި ރައްޔިތުންނާއި ގާތުން ޚިދުމަތް ފޯރުކޮށް ދިނުމަށް ފަސޭހަ ވެގެންދާނެ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތަކީ މިސަރުކާރުން އެންމެ މުހިންމު އިސްކަމެއްދޭ އެއް މަސައްކަތް ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިއަހަރަށް އެކަނި ބަލާލިނަމަވެސް މަސްތުވާތަކެތީގެ ބޮޑެތި އޮޕަރޭޝަންތައް ހިންގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވި އެތަކެތި ނައްތާލެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"2013 ވަނަ އަހަރު މަސްތުވާތަކެތީގެ ޤާނޫނު އައިފަހުން ނިމިދިޔަ ވެރިކަމުގައި ނައްތާލެވިފައިވަނީ 32 ކިލޯގެ މަސްތުވާތަކެތި. އަޅުގަނޑުމެންވަނީ މިއަހަރުގެ އޮކްޓޯބަރު މަހާއި ހަމަޔަށް 0011 ކިލޯ ނައްތާލާފަ. އެއީ 1 ޓަނަށްވުރެ ބޮޑު އަދަދެއް. އަދި ހަމައެހެންމެ 135 ބޮޑު އޮޕަރޭޝަނެއް ކާމިޔާބު ކަމާއިއެކު ވަނީ ހިންގިފަ" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުށްކުރާ ފަރާތްތަކަށް ޖަލުގައި އަދަބު ދިނުމުގެ ސިޔާސަތަކީ މިސަރުކާރުން ތާއީދު ކުރާ ސިޔާސަތެއް ނޫންކަމަށެވެ. ސަރުކާރުން ބޭނުންވަނީ ކުށް ކުރާ މީހުންނަށް ޖަލުގައި އެކަށީގެންވާ ފަރުވާދީ ރިހެބިލިޓޭޝަންގެ ޕްރޮގުރާމުތައް ދިނުންކަމަށެވެ. ނަމަވެސް މިހާރު ޖަލުގެ ޖާގަ އޮތް ގޮތުން މިކަން އެންމެ އެކަށީގެންވާ ގޮތުގައި ނުކުރެވުނު ނަމަވެސް ކުރިއަށްއަށް އޮތް އަހަރުގެ ތެރޭގައި މިމަސައްކަތްވެސް ފުޅާ ގޮތެއްގައި ހިންގޭނެ ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.