ޚަބަރު

އެންމަޑިއާއި ފެހުރިހި އަރަނީ ހަމައެކަނި "ހަނިފަރު ބޭ" އަކަށްނޫން


ބ.އަތޮޅޭ ބުނުމުން ސިފަވަނީ މަންޓާ ނުވަތަ އެންމަޑި އަރާ "ހަނިފަރުބޭ"އެވެ. ބ.އަތޮޅަށް އަންނަ ގިނަ ދިވެހިން ބޭނުންވަނީ ހަނިފަރަށް ގޮސް މަންޓާއެއް ބަލާލުމަށެވެ.

މީ ކޮންމެ ދުވަހަކު ފެނަން މަންޒަރެއް ނޫނެވެ. ކޮންމެދުވަހަކު ހަނިފަރަށް މަންޓާ ނުވަތަ އެންމަޑިއެއް ނާރާނެއެވެ. ކަނޑުގައި އުޅޭ އެހެން ދިރުން ތަކެކޭ އެއްގޮތައް މަންޓާއާ އެންމަޑި ތިލަވަނީ، އޮއެވަރު ރަގަޅުވެ، އޭގެ ކާއެއްޗެހި ކަނޑުގައި ނުވަތަ އެވިލަކަށް އެރުމުންނެވެ. ހަނިފަރުން މަންޓާ ނުފެނިއްޖެޔާ އެއަތޮޅު ރިސޯޓްތަކުން ފަތުރުވެރިންނަށް މަންޓާ ދައްކައެވެ. މީ މިއަތޮޅުން ބޭރު މީހުންނަށް އާ ކަމަކަށް ވެދާނެއެވެ.

ހުޅަނގު މޫސުން ފެށުމުން ބ.އަތޮޅަށް އެންމަޑީގެ އީދު އައީއެވެ. އެންމަޑިއާއި ފެހުރިހި ބަލާލުމަށް ކެތްމަދުވެފައި ތިބޭމީހުން ރާއްޖެގައިވެސް ވަރަށް ގިނައެވެ. އެގޮތުން ހަނިފަރުބޭ މަޝްހޫރުވެފައި އޮންނަނީ ބ.އަތޮޅަށް އަންނަ މީހުންގެ "ޓްރޭޑް މާކް"އެއްގެ ގޮތުގައެވެ. ހަނިފަރުބޭ އަކީ އެއްސަރަހައްދަކުން އެންމެ ގިނައިން އެންމަޑިއާއި ވޭލް ޝާކް ރާއްޖެއިން ފެންނަ އެއްސަރަހައްދެވެ. ރާއްޖޭގައި މިފަދަ ދެވަނަ މަންޒިލެއް އޮތްކަމަކަށް ނުވެއެވެ. އެކަމަކު ހުޅަނގު މޫސުމުގެ ކޮންމެ ދުވަހަކު ހަނިފަރުބޭއަށް އެންމަޑިއެއް ނާރައެވެ.

ހަނިފަރަށް މަނޓާ ނުވަތަ ވޭލް ޝާކް ނާރާ ދުވަސްތަކުގައި ދެން ފަތުރުވެރިންނަށް އެންމަޑިއާއި ފެހުރެހި ދައްކަނީ ކިހިނެއްހެއްޔެވެ؟ މިއީ އަތޮޅުން ބޭރު މީހުންނަށް ސުވާލެކެވެ.

ބ.އަތޮޅުގައި އެންމަޑި އަރާ އެތައް ސަރަހައްދެއް ވެއެވެ. އެންމަޑި ޢާންމުކޮށް ފަތުރުވެރިން ބަލައިއުޅޭ 5 ސަރަހައްދެއް ބ.އަތޮޅުގައި އޮވެއެވެ. މީގެތެރޭގައި ހަނިފަރުބޭ އެކޭ އެއްވަރަށް އެންމަޑިއާއި ފެހުރިހި އަރާ ސަރަހައްދުތައް މިއަތޮޅުގައި ވެއެވެ.

އޭގެތެރެއިން އެއްސަރަހައްދަކީ ދޮންފަނުގެ ހުޅަނގުން އޮންނަ އަނގަފަރެވެ. މީވެސް ބަޔޮސްފިއަރ ރިޒާވްގެ ކޯއޭރިއާގައި ހިމެނިގެން ދެމެހެއްޓެނިވި ގޮތެއްގައި ޙިމާޔަތްކޮށް ބަލަހައްޓަމުން ދާ ސަރަހައްދެކެވެ. މި އަތޮޅުގައި އެންމަޑި ބަލާ އަނެއް ސަރަހައްދު ތަކަކީ ހުރާ ފަރާއި ނެލިވަރާއި މާނޭގާ ފަރެވެ.

ބ.އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ މީގެތެރެއިން މާނޭގާ ފަރަކީ އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް އެންމަޑި ފެންނަ ސަރަހައްދެއް ކަމަށެވެ. އެކަމު އެއީ ހަމައެކަނި ރިސޯޓްތަކުން އައިސް އެންމަޑި ބަލާ ސަރަހައްދުތަކެކެވެ. އެންމަޑި ބަލާށޭ ކިޔާފައި މިތަންތަނަށް އާންމުންގޮހެއް ނޫޅެއެވެ.

"އެކަމަކު މީވެސް ހަނިފަރު ބޭއެކޭ އެއްވަރަށް އެންމަޑިއާއި ފެހުރެހި ފެންނަ ސަރަހައްދެއް، ފަތުރުވެރިންގެ ސަމާލުކަންވެސް ހޯދާފައިވާ އެންމަޑި ބެލުމަށް މަޤްބޫލް ފަރެއް. ހަނިފަރުން ނުފެނިޖެއްޔާ މި އިން ކޮންމެވެސް އެއްސަރަހައްދަކުން އެންމަޑި ފެންނާނެ، ނުފެނުން އެއީ ވަރަށް ނާދިރުކަމެއް. ފަތުރުވެރިން ބ.އަތޮޅަށް އަންނަނީ އެންމެ ބޭނުމެއްގައޭ ދެންނެވިޔަސް ދޮގަކަށް ނުވަންޏާ އެކަތިފެނުނަސް އެމީހުން ހިތްހަމަޖެހޭނެ" ޝާފީ ޢަލީ ވިދާޅުވިއެވެ.

އަނަގަރަފު ޙިމާޔަތްކޮށްފައި އޮންނަނީ މިޔަރު ވިހައި އާލާވާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެއީ މި އަތޮޅުގެ "ޝާކް ނާސަރީ"އެވެ.
ހުޅަނގު މޫސުމުގައި ޔަގީނުންވެސް ބ.އަތޮޅުން އެންމަޑިފެންނާނެއެވެ. އެންމެ ގިނައިން ފެންނާނީ ވިއްސާރަ ދުވަސްތަކުގައި ކަނޑުގެ އޮއެވަރުވެސް ރަގަޅުވެ އެންމަޑި ކެއުމަށް ބޭނުންވާ "ޕްލެންޓޮންސް" އެރުމުންނެވެ.

މިހާރުވެސް މި އަތޮޅުގައި 9 ސަހަރަހައްދެއް ބަޔޯސްފިއަރ ރިޒާވްގެ ކޯއޭރިއާގެ ތެރޭގައި ހިމެނެއެވެ. މީގެތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި އުސޫލްތަކެއް ހެދި ބަލަހައްޓަމުން އަންނަނީ 4 ސަރަހައްދެކެވެ. ޝާފީ ވިދާޅުވީ ޙިމާޔަތްނުކޮށް އޮތް ސަރަހައްދުތައްވެސް ބަޔޯސްފިއަރ ރިޒާވްގެ ކޯ އޭރިއާ ތެރެއަށްވެއްދުމަަށް މަސައްކަތް ކުރަމުން ދާކަމަށެވެ.

"މި ސަރަހައްދުތަކަކީވެސް ހިމާޔަތް ކުރަންޖެހޭ ތަންތަން، އެކަމަކު މިތަންތަން ހިމާޔަތް ކުރާނީ އާންމުންނަށް އެކި ބޭނުންތައް ކުރެވޭގޮތްތަކަކަށް ބަލައިގެން، އެއީ އެންމަޑި އާ ވޭލްޝާކް ގިނައިން މި އަރަނީ އެންއަރާ ފަރުފަރަށް، އެހެންވީމަ މަސްވެރިންނަށް ދަތިނުވާގޮތަައް ބަލައިގެން މިކަންކުރާނީ" ޝާފީ އަލީ ވިދާޅުވިއެވެ.

ކޯވިޑް 19 ގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވާލުމާއެކު ބ.އަތޮޅަށް އަންނަމުންދާ ފަތުރުވެރިންގެ އަދަދު ރާއްޖޭގެ އެހެން އަތޮޅު ތަކާ ބަލާފައިގިނައެވެ. އެއީ ކަނޑުގެ ދިރުން މުއްސަނދި އަތޮޅަކަށްވުމުންކަމަށް ދިރާސާ ކުރާ ފަރާތްތަކާ ރިސޯޓްތަކުން ބުނެއެވެ. މި އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ %90 މީހުން ޒިޔާރަތްކުރަނީ ކަނޑުގެ ރީތިކަމާއި އެންމަޑި އާއި ފެހުރިހި ބަލާލުމަށެވެ.