ހޯރަފުއްޓާއި މާލެ އާއި ދެމެދު ޝެޑިއުލް ދަތުރުތަށް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް މޯލްޑިވިއަން އިން ހާމަކޮށްފިއެވެ.
މިކަމާއި ގުޅޭ ގޮތުން ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ފުރަތަމަ ފްލައިޓު 26 ވަނަ ދުވަހު ބޭއްވުމަށް ފަހު ޑިސެމްބަރު މަހުން ފެށިގެން ހަފްތާއަކު 3 ފްލައިޓު ބާއްވާނެ ކަމަށެވެ.
ނަމަވެސް މިފްލައިޓު ބާއްވާނެ ދުވަސްތައް އަދި ހާމަކޮށްފައި ނުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ފްލައިޓުތަށް ބާއްވާ ދުވަސްތަށް ޑިމާންޑް އޮންނަ ގޮތުން އެނގިގެން ދާނެ ކަމަށާއި، ނަމަވެސް މިހާރު ހަފްތާއަކު 3 ފްލައިޓު ބޭއްވުމަށް ރޭވިފައިވާ ކަމަށެވެ.
މާލެއިން ހޯރަފުށްޓަށް ދިއުމުގެ އަގުތަށް އުޅެނީ ހ.ދ ކުޅުދުއްފުއްޓާއި ހ.ދ ހަނިމާދޫ އަށް ދިއުމާއި ދާދި އެއް އަގެއްގައި ކަމަށް މޯލްޑިވިއަން މައުލޫމާތުދެއެވެ. މިހާރުވެސް މިދެއެއާޕޯޓަށް ގާތްގަނޑަކަށް 1113ރ.އަށް އެއްކޮޅަށް ދަތުރު ކުރެވެއެވެ.
ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެއާޕޯޓު ހުޅުވުމުގެ ކުރިން 16 ވަނަ ދުވަހު އެއާޕޯޓަށް ކާމިޔާބު ކަމާއި އެކު ޓެސްޓް ފްލައިޓް ވަނީ ޖައްސާފައެވެ.
ހޯރަފުށީ އެއާޕޯޓަށް ދަތުރުފެށުމާއި އެކު ޤައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަން، މާލެ އާއިއެކު ރާއްޖޭގެ 16 ސަރަހައްދަކަށް ދަތުރު ކުރާނެއެވެ.