ކޮންސްޓްރަކްޝަން ސައިޓުތަކުން އުކާލާ ކޮންކްރީޓާއި އެނޫންވެސް އެފަދަ ބާވަތްތައް މުގުރައި އަދި، ބާވެ ހަލާކުވެގެން އުކާލާ ވެހިކަލްތައް، ރިސައިކަލް ކުރާނެ ޚާއްސަ 2 ޕްލާންޓް ތިލަފުށީގައި ބެހެއްޓުމަށް މަސައްކަތް ކުރަމުންދާކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދާއި، ކ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދު ހިމެނޭ ހުރިހާ ރަށެއްގައި ތަބީޢީގޮތުން ރަށު ފެންވަރުގައި ނައްތާނުލެވޭ ކުނި ތިލަފުއްޓަށްގެނެސް ނައްތާލެވޭނެ ފަދަ ޒަމާނީ ވޭސްޓް މެނޭޖްމަންޓް ޕްލާންޓެއް ތިލަފުށީގައި ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ.
ތިލަފުށީގައި ކުނި މެނޭޖުކުރުމުގައި ހުރި ދަތިތަކާއި މައްސަލަތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މާލެއިން އެކަނިވެސް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 500 ޓަނުގެ ކުނި ތިލަފުއްޓަށް ގެންދާކަމަށެވެ. އަދި ތިލަފުށީގައި ސްޓޭޓް އޮފް ދަ އާޓްސް ވަސީލަތްތަކާއެކު ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ތިލަފުއްޓަށް ގެންނަ ކުނީގެ ތެރެއިން ރިސައިކަލް ކުރެވޭނެ ބާވަތްތަކާއި، އަންދަންޖެހޭ ބާވަތްތައް ވަކި ކުރެވޭނެ ސޯޓިން ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ރައްކާތެރިގޮތުގައި ކުނި އެންދުމަށް 250 ޓަނުގެ 2 އިންސިނަރޭޝަން ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"ސޯޓުކޮށްފައި އަންދާލަންޖެހޭ ކުނިތައް އެންދުމަށްޓަކާ އެތަނުގައި މި ޤާއިމުކުރަނީ 250 ޓަނުގެ 2 ޕްލާންޓް. ޖުމްލަ 500 ޓަނު އެންދޭވަރުގެ ކެޕޭސިޓީ އެތަނުގައި މި ޤާއިމުކުރަނީ. ސްޓޭޓް އޮފް ދަ އާޓް، އެންމެފަހުގެ ޒަމާނީ އިންސިނަރޭޝަން ޕްލާންޓްސްއާއި ރިސައިކްލިންގ ފެސިލިޓީއަކަށް އެތަންވާނެ. އެތަނުގެ ކެޕޭސިޓީ އަޅުގަނޑުމެން ކުރިއަށްއޮތް 20 އަކަށް އަހަރަށް ފުދޭވަރުވާނެ. އަދި ބޭނުންވާ ވަރަކަށް އެކަން ފުޅާކުރަމުން ގެންދެވޭގޮތަށް އެތަން ޑިޒައިންކޮށްފައިވާނީ" މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ތިލަފުށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ނިމިގެންދާއިރު، އެތަނުގައި ބާވެ ހަލާކުވެގެން އުކާލާ ވެހިކަލްތައް ރިސައިކަލް ކުރުމަށް ޚާއްސަ ވެހިކަލް ޑިސްމެންޓްލިންގ ޕްލާންޓެއް ބެހެއްޓިގެންދާނެކަމަށެވެ. އަދި ކޮންސްޓްރަކްޝަން ސައިޓުތަކުން އުކާލާ ކޮންކްރީޓް މުގުރުމަށް ޚާއްސަ ކޮންސްޓްރަކްޝަން ޑިމޮލިޝަން ވޭސްޓް ޕްލާންޓެއްވެސް ބެހެއްޓޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ތިލަފުށީގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށާއި، ރިސައިކަލް ކުރުމަށް ބާރު އެޅުމަށް ކުރާ މަސައްކަތަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމަކާއި ކުރިއެރުމެއްގެގޮތުގައި މިނިސްޓަރ ވަނީ ސިފަކުރައްވާފައެވެ.
"ކޮންކްރީޓާއި، ތަޅާލާ ފާރުތަކާއި މިކަހަލަ ބައިތައް މުގުރާފަ އެ އެތަކެތި ވެއްޔަށް ހަދާނެ ކޮންސްޓްރަކްޝަން ޑިމޮލިޝަން ވޭސްޓް ޕްލާންޓެއް ޤާއިމުކުރާނެ އެތަނުގައި. އޭރުން ފަރުން ނުވަތަ މޫދުން ވެލިނެގުމަށް އޮންނަ ޑިމާންޑް ކުޑަވެގެންދާނެ ކޮންސްޓްރަކްޝަނަށް އެތަކެތި އަލުން ބޭނުންކުރެވޭނެތީ. ހަމަ އެގޮތަށް ހަލާކުވެފައި ހުންނަ ވެހިކަލްތައް ކާރު ލޮރީ، ސައިކަލު ފަދަ ވެހިކަލްތައް ފިސްކޮށް ކުދިކޮށް އެ އެއްޗެހީގެ ބައިތައް ދަގަނޑުގެ ގޮތުގައި ބޭނުންކުރުމަށް ރިސައިކަލް ކުރާނެ ވެހިކަލް ޑިސްމެންޓްލިންގ ޕްލާންޓެއްވެސް ޤާއިމުކުރެވޭނެ އެތާނގައި" މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މި މަސައްކަތް އެންމެ އެކަށީގެންވާ ސްޕީޑެއްގައި ކުރިއަށް ނުގެންދެވި ވަނީ ކޯވިޑް-19ގެ ސަބަބުން ތަކެތި ގެނައުމުގައި ދިމާވި މައްސަލަތަކުގެ ސަބަބުންކަމަށެވެ. އެހެންނަމަވެސް މިހާރު ބައެއް ސާމާނު ރާއްޖެ ގެނެސްފައި ވާކަމަށާއި، އިތުރު ތަކެތި ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތުގެ ބޮޑުބައެއް ފުރިހަމަ ކުރެވިގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ތިލަފުށީގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށްޓަކައި އެތަން އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ގްރޭޓަރ މާލޭ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށް 209 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.