ވިޔަފާރި

ބަޖެޓް 2021: ޓްރާންސްޕޯޓު އަދި ލޮޖިސްޓިކްގެ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް


ޓްރާންސްޕޯޓު އަދި ލޮޖިސްޓިކްގެ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ރާވާފައިވާ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، މުޙައްމަދު އިއާދު ހަމީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ ދައުލަތުގެ ބަޖެޓު 2021 ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް، މުޙައްމަދު އިއާދު ހަމީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު އެއް ސިނާއަތަކަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ގުޅީފަޅުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ޓްރާންސްޝިޕްމަންޓް ބަނދަރާއި އެކު ގިނަ ކުރިއެރުންތަކެއް ރާއްޖޭގެ އިޤްތިސާދަށް ލިބިގެންދާނެ ކަމަށް އިއާދު ވިދާޅުވިއެވެ.

"ހަޤީޤަތުގައި ރާއްޖެ މިއޮތް ލޮކޭޝަންގެ ގޮތުން ޓްރާންސްޝިޕްމަންޓް ޕޯޓެއް ތަރައްޤީކުރުމަކީ ރާއްޖެއަށް ވަރަށް ގިން އެޑްވާންޓޭޖްތަކެއް ނެގިގެންދާނެ ކަމެއްގެ ގޮތުގައި ފާހަގަވަނީ، މި ސަރަޙައްދުގައި މިހުރި ޤައުމުތަކުން އަހަރަކު ޓްރާންސްޝިޕް ކާގޯގެ ގޮތުގައި 68 މިލިއަން ކޮންޓެއިނަރ ހޭންޑަލްކުރޭ،" އިއާދު ވިދާޅުވިއެވެ.

އިއާދު ވިދާޅުވީ މާލޭ ކޮމަޝަލް ހާބަރަށް ގެންނަ މުދާ ފުރަތަމަ ބާލަނީ ކޮލޮމްބޯ ޕޯޓަށް ނުވަތަ ރާއްޖެއާއި ކައިރި އެހެން ޕޯޓަކަށް ކަމަށެވެ. އަދި އެއަރފަހު ރާއްޖެއަށް އެ މުދާ ގެންނަނީ ފީޑަރ ވެސެލްއެއްގައި ކަމަށާއި މިއާއެކު ވަރަށް ގިނަ ވަގުތު މިކަމަށް ހޭދަ ވާކަން އިއާދު ފާހަގަކުރެއްވިއެވެ. އަދި މިއާއެކު ޙަރަދުވެސް ބޮޑުވެގެންދާ ކަމުގައި ވިދާޅުވިއެވެ. އިއާދު ވިދާޅުވީ މިހާރު ރާއްޖޭގެ ކޮމާޝަލް ބަނދަރުގައި ހުރި ދަތިތަކަކީ ރާއްޖޭގެ އިޤްތިސާދު ފުޅާ ކުރުމަށް އޮތް ހުރަހެއް ކަމަށެވެ.

" ބަނދަރަކީ ރާއްޖޭގެ މައި ދޮރާށި، ދޮރާށީގައި މައްސަލައެއް އުޅޭ ކަމަށްވާ ނަމަ، ދޮރާށި ރަނގަޅަށް ނުހުޅުވޭ ކަމަށްވާ ނަމަ، އިޤްތިސާދު ކުރިއަރުވާ ތަރައްޤީކުރުންވާނީ ވަރަށް ދަތި އުދަނގޫ ކަމެއް، މިކަމަށް ހައްލެއް ހޯދުމަށް ފަރުމާ ކުރެވިފައިވާ މަޝްރޫއެއް ގުޅީފަޅު ޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއު،" އިއާދު ވިދާޅުވިއެވެ.

ދައުލަތުން ވަނީ ގުޅިފަޅުޕޯޓް ތަރައްޤީކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 476 މިލިޔަން ރުފިޔާވަނީ ކަނޑައަޅާފައެވެ.

ގުޅީފަޅުގައި ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމާފައި ވަނީ މާލޭގެ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ހެދި ރާއްޖޭގެ އިޤްތިސާދަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ސަބަބުންނެވެ.

މިކަމަށް ހައްލެއް ގެނެސް ސަރަޙައްދީގޮތުން ފާހަގަކޮށްލެވޭ އަދި ޒަމާނަށްފެތޭ ބޮޑު ބަނދަރެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު މި ބަނދަރާއެކު ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުހެޔޮވެ، އިޤުތިސާދަށް ރަނގަޅު ބަދަލެއް އަންނާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.