ދުނިޔެ

ދެކުނު ކޮރެއާގެ ޙާލަތު އިތުރަށް ގޯސްވެ އެލާޓް މައްޗަށް


ކޯވިޑް-19ގެ ސަބަބުން ދެކުނު ކޮރެއާގެ ޙާލަތު އިތުރަށް ގޯސްވެ، އެ ޤައުމުގެ ސަމާލުގެ މިންވަރު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ދެކުނު ކޮރެއާގައި މިހާތަނަށް 37،546 މީހުންނަށް ކޯވިޑް-19 ޖެހި 7،873 މީހުންވަނީ މަރުވެފައެވެ. އެންމެ ފުރަތަމަ ބަލިމަޑުކަން ފެތުރެން ފެށި ދުވަސްވަރު ދެކުނު ކޮރެއާ ފާހަގަވެފައި އޮތީ ބައްޔާއި ދެކޮޅަށް ހަރުދަނާ ފިޔަވަޅުތައް އަޅައި ބަލި ފެތުރުން ހުއްޓުވުމުގައި ކާމިޔާބު ޤައުމެއްގެ ގޮތުގައެވެ. ނަމަވެސް އެ ޤައުމުގައި ބަލިފެތުރޭ މިންވަރުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 615 މީހުންނަށް ބަލިޖެހި 4 މީހުން މަރުވެފައިވާއިރު އެއީ މިދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގައި އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޢަދަދެވެ. އެއާއިއެކު ހަސްފަތާލުތަކަށް ބާރުބޮޑުވުމުގެ ބިރު އޮތީ ހީވެފައެވެ.

ދެކުނު ކޮރެއާގެ ޞިއްޙަތާއިބެހޭ ވަޒީރު ޕާކް ނޫންގް-ހޫ ވިދާޅުވީ އިތުރު ފިޔަވަޅުތައް ނާޅައިފިނަމަ ބަލިމަޑުކަން އިތުރަށް ފެތުރުމުގެ ފުރުޞަތު ވަރަށް ބޮޑުކަމަށެވެ. މިވަގުތު ޤައުމަށް ކުރިމަތިވެފައިވަނީ ވަރަށް ނުރައްކާތެރި ޙާލަތެއްކަމަށާއި މުޅި ޤައުމުގެ ހުރިހާ ސަރަޙައްދަކަށް ބަލިފެތުރުމުގެ ކަންބޮޑުވުން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އެޅި ފިޔަވަޅުތަކުގެ ދަށުން ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ވަށައިގެންވާ ސަރަޙައްދުތަކުގައި ޑިސެމްބަރު މަހުގެ 8ވަނަ ދުވަހުން ފެށިގެން 50އަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުން މަނާވާނެއެވެ. އަދި ޖިމްތަކާއި ކަރޯކޭ ކުޅޭ ތަންތަންވެސް ބަންދުވާނެއެވެ.

ޑިސެމްބަރު މަހުގެ 5ވަނަ ދުވަހުގައިވެސް ސޯލް ސަރަޙައްދީ ސަރުކާރުންވަނީ އެ ސިޓީގައި ކާފިއު ހިންގާފައެވެ. އެ ސިޓީގެ ކެފޭތަކާއި ރެސްޓޯރަންޓުތައްފަދަ ގިނަ ވިޔަފާރިތައް ރޭގަނޑު ނުވައެއް ޖެހުމުން ބަންދުކުރުމަށް ސަރުކާރުންވަނީ އަންގައިފައެވެ.
ސޯލްއާއި ވަށައިގެންވާ ސަރަޙައްދުތަކުގެ އިތުރުން ދެކުނު ކޮރެއާގެ ބައެއް އެހެން ސަރަޙައްދުތަކުގައިވެސް ކޮންމެވެސް ވަރަކަށް ފިޔަވަޅުތައް ވަރުގަދަކުރުމަށްވަނީ ނިންމާފައެވެ. އެ ފިޔަވަޅުތައް ތިން ހަފުތާގެ މުއްދަތަށް ދެމިގެން ދާނެއެވެ.