ޚަބަރު

މިއީ މަޖިލީޙުގެ ތާރީހުގައިވެސް އެންމެ ގިނަ މަސައްކަތްކުރި އަހަރު


19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ މަސައްކަތް ނިންމައި މިހާރު ވަނީ ޗުއްޓީއަށް ގޮސްފައެވެ. މިއަހަރުގެ މަޖިލީހުގެ 3 ދައުރުގައިވެސް މަސައްކަތް ކޮށްފައިވާއިރު، ކޯވިޑް-19 އާއި ގުޅިގެން މަޖިލީހުގެ މަސައްކަތްތަކަށްވެސް ކޮންމެވެސް ވަރަކަށް ވަނީ މަޑުޖެހުންތަކެއް އައިސްފައެވެ.

މަޖިލީހުގެ މިއަހަރުގެ މަސައްކަތް ނިންމާލާފައިވާއިރު، މިއީ މަޖިލީހުގެ ތާރީހުގައިވެސް އެންމެ ގިނަ ޖަލްސާތައް ބާއްވައި، އެންމެ ގިނަ މަސައްކަތް ނިންމި އަހަރަށް ވެގެން ވަނީ ގޮސްފައެވެ. މަޖިލީހުގެ މިއަހަރުގެ 3 ދައުރުގެ މަސައްކަތްކަށް ބަލާއިރު، މިއަހަރުގެ ތެރޭގައިވަނީ 117 ޖަލްސާ މަޖިލީހުގައި ބާއްވާފައެވެ. އޭގެ ތެރެއިން 42 ޖަލްސާއަކީ ފުރަތަމަ ދައުރުގެ ޖަލްސާތަކެވެ. ދެވަނަ ދައުރުގައި 47 ޖަލްސާ އެއް ބާއްވާފައިރު، ފަހު ދައުރުގައިވަނީ 28 ޖަލްސާއެއް ބާއްވާފައެވެ.

މަޖިލީހުގެ މިއަހަރުގެ ތެރޭގައި މަޖިލީހުގެ ތަޅުމުގައާއި ކޮމިޓީތަކުގައި ކުރެވުނު މުހިންމު މަސައްކަތްތަކާއިއެކު މުހިންމު ޤާނޫނުތަކެއް ވުޖޫދަށް ގެނެސްފައިވެއެވެ. ޖިނާއީ އިޖުރާތު ޤާނޫނާއި، ތައުލީމީ ޤާނޫނާއި، ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި، ލާމަރުކަޒީ ޤާނޫނާއި، ކުޑަކުދިންގެ ހައްޤުތަކާއި ބެހޭ ޤާނޫނުފަދަ މުހިންމު ގިނަ ޤާނޫނުތަކެއް ވަނީ ބޮޑެތި އިސްލާހުތަކާއިއެކު މަޖިލީހުން ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ދައުރުގައި ވަނީ 49 ބިލެއް މަޖިލީހުން ފާސްކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ދައުރުގައި ވަނީ 13 ޤާނޫނެއް ފާސްކޮށްފައެވެ. ދެވަނަ ދައުރުގައި 21 ޤާނޫނެއް އަދި ފަހު ދައުރުގައި 15 ޤާނޫނެއް ވަނީ ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަހަރުގެ ތިން ދައުރުގައި ސަރުކާރުން ވަނީ މަޖިލީހަށް 38 މައްސަލައެއް ހުށަހަޅާފައެވެ. ރިޔާސަތުން 32 މައްސަލައެއް ހުށަހަޅާފައިވާއިރު، ކުއްލި މައްސަލަތަކުގެ ގޮތުގައި 24 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި މިއަހަރުގެ ތެރޭގައި 27 ޤަރާރެއް މަޖިލީހަށް ވަނީ ހުށަހަޅާ، ކުރިއަށް ގެންގޮސްފައެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ސަރުކާރުގެ ބޮޑު މެޖޯރިޓީއެއް އޮތް މަޖިލީހެކެވެ. ނަމަވެސް މަޖިލިސް ތެރެއިން ވަނީ ސަރުކާރު ޒިންމާދާރުކޮށް ޖަވާބުދާރީ ކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިއަހަރުގެ ތިން ދައުރުގައި ވަނީ 62 ފަހަރު ވަޒީރުން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ދައުރުގައި 15 ފަހަރަށް ވަޒީރުން ހާޒިރު ކުރެވުނުއިރު، ދެވަ ދައުރުގައި 30 ފަހަރަށް އަދި ފަހު ދައުރުގައި 17 ފަހަރަށް ވަޒީރުން ހާޒިރުކޮށް ޖަވާބުދާރީ ކުރުވާފައެވެ.

މީގެ އިތުރުންވެސް މަޖިލީހުގެ ކޮމިޓީތަކަށްވެސް ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކާއި، ބޯޑުތަކާއި، މިނިވަން މުއައްސަސާތައް ހާޒިރުކޮށް ވަނީ ސުވާލުކޮށް ޖަވާބުދާރީ ކުރުވާފައެވެ. މިއަހަރަކީ މުހިންމު މަސައްކަތްތަކެއް މަޖިލީހުގައި ކުރިއަށްގެންދިޔަ އަހަރަކަށްވާއިރު ގޮންޖެހުންވެސް ބޮޑު އަހަރެކެވެ.