ދުނިޔެ

އިނގިރޭސިވިލާތުގައިވެސް ކަރަންޓީނު މުއްދަތަކީ މިހާރު 10 ދުވަސް


އިނގިރޭސިވިލާތަށް "ޓްރެވަލް ކޮރިޑޯ"ގެ ބޭރުން ދަތުރުކުރާ ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ކަރަންޓީނުގެ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރުމަށް ނިންމާފައިވާކަމަށް އެ ޤައުމުން ބުނެފިއެވެ. މި ބަދަލަށް ޢަމަލުކުރަން ފަށާނީ މިމަހުގެ 14 ވަނަ ދުވަހުން ފެށިގެންކަމަށް އެ ޤައުމުން ބުނެއެވެ.

އިނގިރޭސިވިލާތުގެ އެންމެ އިސް މެޑިކަލް އޮފިސަރުން ނެރުނު ބަޔާނެއްގައި ބުނީ އެންމެ ފަހުގެ ހޯދުންތަކުގެ އަލީގައި ކަރަންޓީނުގެ މުއްދަތު 14 ދުވަހުން 10 ދުވަހަށް ކުރު ކުރުމަކީ އެންމެ ރަނގަޅުކަމެއް ކަމުގައި ނިންމާފައިވާކަމަށެވެ.

ކަރަންޓީނުގެ މުއްދަތު ކުރު ކުރުމުން ކޯވިޑް ޖެހިފައިވާ މީހަކާއި ބައްދަލުވުފައިވުމުގެ ސަބަބުން އެކަހެރިކޮށްފައިވާ މީހުންވެސް 14 ދުވަހުގެ ކަރަންޓީނުގެ ބަދަލުގައި ފުރިހަމަ ކުރަންޖެހޭނީ 10 ދުވަހެވެ. އަދި ބަލި ޖެހިފައިވާ މީހުން އެކަހެރިވާންޖެހޭނީ ބަލީގެ އަލާމާތްތައް ފެންނަން ފެށިފަހުން 10 ދުވަހުގެ މުއްދަތަށެވެ. ބަލިޖެހި އަލާމާތް ނުފެންނަ މީހުން އެކަހެރިވާނީ ބައްޔަށް ތަހުލީލުކޮށް ޕޮސިޓިވް ނަތީޖާ ލިބުމަށްފަހު ދިހަ ދުވަހުގެ މުއްދަތަށެވެ.

ކަރަންޓީނުގެ މުއްދަތު ކުރު ކުރުމަށް ނިންމާފައިވާ ނިންމުމަކީ އިނގިރޭސިވިލާތުގައި މި ފަހުން ދެމުންދާ ލުއިތަކުގެ ތެރެއިން މިހާތަނަށް ފަތުރުވެރިކަމުގެ ސިނާޢަތުން އެންމެ ބޮޑަށް ހިތްހަމަޖެހުނު ބަދަލެވެ. އެ ބަދަލަށް އެ ދާއިރާގެ ފަރާތްތަކުންވަނީ މަރުޙަބާ ކިޔައިފައެވެ.

އިނގިރޭސިވިލާތުންވަނީ އެ ޤައުމަށް ވިޔަފާރީގެ ބޭނުމަށް ދަތުރުކުރާ ފަރާތްތަކުން ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ނުޖެހޭނެކަމަށް މިދިޔަ މަހުން ފެށިގެން ނިންމާފައެވެ. އޭގެ އިތުރުން ޕާފޯމިންގ އާޓްސްގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި، ޓީވީ ޕްރޮޑަކްޝަންގައި ޙަރަކާތްތެރިވާ މީހުންނާއި ނޫސްވެރިންނާއި މަތީ ފަންތީގެ ކުޅިވަރު ކުޅޭ ފަރާތްތަކަށްވެސް އެ ޤައުމަށް ޒިޔާރަތްކުރުމުގައިވަނީ ލުއިތަކެއް ދީފައެވެ.

ޑިސެމްބަރު މަހުގެ 15ވަނަ ދުވަހުން ފެށިގެން، އިންގިރޭސިވިލާތަށް ޒިޔާރަތްކުރާ ފަރާތްތައް އެ ޤައުމަށް އެތެރެވުމަށްފަހު ފަސް ދުވަހުގެ ތެރޭގައި ކުރާ ތަހުލީލު ނެގެޓިވްވެއްޖެނަމަ ކަރަންޓީނުގެ މުއްދަތު ފަސް ދުވަހަށް ކުރުކުރުމަށްވެސް އެޤައުމުން ވަނީ ނިންމާފައެވެ.
އެއާލައިނުތަކުން އިނގިރޭސިވިލާތަށްކުރާ ޝެޑިއުލް ދަތުރުތައްވަނީ މި ދުވަސްވަރު ވަގުތީގޮތުން މެދުކަނޑާލައިފައެވެ. ނަމަވެސް ޚާއްޞަ އެއްބަސްވުންތަކުގެ ދަށުން ބައެއް ޤައުމުތަކުންދަނީ މަދު ޢަދަދެއްގެ ފުލައިޓުތައް އެ ޤައުމަށް ދަތުރުކުރަމުންނެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 1.8 މިލިއަން މީހުންނަށް ކޯވިޑް ޖެހި 63،506 މީހުންވަނީ މަރުވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 21،672 މީހުންނަށް ބަލިޖެހި 424 މީހުންވަނީ މަރުވެފައެވެ. އެ ޤައުމުގައި މިހާރުވަނީ ކޯވިޑާއި ދެކޮޅަށް ވެކްސިން ދޭން ފަށައިފައެވެ.