2030 ވަނަ އަހަރުގެ ނިޔަލަށް ޖައްވަ ދޫކުރާ ވިހަ ގޭސްތައް ބޭނުންކުރުން ހުއްޓާލުމަށް ރާއްޖޭން ހިފާފައިވާ އަމާޒަށް އދ. އިން މަރުޙަބާ ކިޔައިފިއެވެ.
ދާދިފަހުން ކުރިއަށްދިޔަ "ކްލައިމެޓް އެމްބިޝަން ސަމިޓް" ގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ދިވެހިރާއްޖެއަށް ލިބެމުންދާ އެހީތައް މިގޮތުގައި ލިބެމުންދާނަމަ، ރާއްޖެއިން ކުރިން ކަނޑައަޅާފައިވާ ޖައްވަށް ދޫކުރާ ވިހަގޭސް މަދުކުރުމުގެ ލަނޑުދަނޑި ނުވަތަ ނޭޝަނަލް އެމިޝަން ރިޑަކްޝަން ޓާގެޓްގެ މިންވަރު، 2030 ގެ ނިޔަލަށް %26 އިންސައްތައަށް އިތުރު ކުރާނެކަމަށް ވިދާޅުވެފައެވެ.
މި ސަމިޓަކީ 2015 ގައި އެއްބަސްވެވުނު ޕެރިސް އެގްރީމެންޓަށް 5 އަހަރުވުން ފާހަގަކުރުމުގެ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
މިކަމާގުޅިގެން ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން ކުރި ޓުވީޓެއްގައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ އެމިޝަން ޤައުމަކަށް ރާއްޖެވުމަށް ހިފާފައިވާ އަމާޒަށް މަރުޚަބާ ކިޔާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި އެޖަމިއްޔާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެކަން ހާމަކޮށްފައިވެއެވެ.
ޖައްވަށް ދޫކުރެވޭ ވިހަގޭސް ނުވަތަ ގްރީން ހައުސް ގޭސް ބޭރުކުރުމުގައި، ދުނިޔޭގެ ނިސްބަތުން ދިވެހިރާއްޖެއަކީ އެންމެ ހިއްސާ ކުޑަ އެއް ޤައުމުކަމުގައި ވިޔަސް، ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނޭދެވޭ އަސަރެއްކުރާ އެއް ޤައުމެވެ. އެހެންކަމުން މިކަމުގެ ސީރިއަސްކަން ދުނިޔޭގެ ޤައުމުތަކަށް އަންގައިދީ، ތަރައްޤީވަމުން އަންނަ ޤައުމުތަކުން، ވަކިން ޚާއްސަކޮށް ރާއްޖެފަދަ ޖަޒީރާ ޤައުމުތަކަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުންތަކާއި ގުޅޭގޮތުން ވަކާލާތުކުރުމުގައި ރާއްޖޭން އަންނަނީ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވެ، ދުނިޔެއަށް ނަމޫނާ ދައްކަމުންނެވެ.
ނެޓް ޒީރޯ އެމިޝަން ޤައުމަކަށްވުމަށްޓަކާ އިޖްތިމާޢީ ގޮތުންނާއި އިޤްތިސާދީ ގޮތުންނާއި އަދި ތިމާވެށީގެގޮތުން ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭއިރު، މީގެ ތެރެއިންވެސް އެންމެ ބޮޑު ބަދަލެއް ގެންނަންޖެހޭނެ ދާއިރާއަކީ ހަކަތައިގެ ދާއިރާއެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގައި ކަރަންޓް އުފެއްދުމަށް ތެލަށް ބަރޯސާވާ މިންވަރު ވީހާވެސް ކުޑަކޮށް، އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއަރުވާ، ހަކަތައިގެ ސިނާޢަތަކީ ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތެއްގައި ހިންގާ ސިނާޢަތަކަށް ހެދުމަށް ސަރުކާރުން މިހާރުވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ރާއްޖެއަކީ ތަރައްޤީވަމުން އަންނަ ޤައުމެއްކަމުން، ހަކަތައިގެ ޔަޤީންކަން ހޯދުމަކީ ހަރުދަނާ އިޤްތިޞާދެއް ޤާއިމުކުރުމަށް މުހިއްމު އަދި އެހާމެ ބޭނުންތެރިކަމެކެވެ. ކަރަންޓު އުފެއްދުމުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފެއްދުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. މި ސިޔާސަތު ތަންފީޒުކޮށް، ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ސަރުކާރުން އަންނަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.
އިއާދަކުރަނިވި ހަކަތައާއި، ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް އިސްރާފު ކުޑަކުރުމާގުޅޭ މަޝްރޫޢުތަކަށް 275.8 މިލިޔަން ރުފިޔާ މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނާފައިވެއެވެ. އިއާދަ ކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ އިތުރުން، ތެލަށްކުރާ ޚަރަދު ކުޑަކުރެވި ރާއްޖެއިން ބޭރުވާ ފައިސާގެ މިންވަރު ކުޑަކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ހަކަތައިގެ ދާއިރާ ފުޅާކުރުމަށް ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކަށް ބަލާލާއިރު، ރާއްޖޭގެ 48 ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ނިޒާމް ބޭނުންކުރަން ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށްވަނީ 48 ރަށެއްގައި 7.5 މެގަވޮޓުގެ ހައިބްރިޑް ނިޒާމުތައް ޤާއިމުކޮށް ނިންމާފައެވެ. މިއާއެކު މުޅި ރާއްޖޭގައި ޖުމްލަ އިއާދަކުރަނިވި ހަކަތަ ޤާއިމުކޮށްފައިވާ މިންވަރު ވަނީ 21.5 މެގަވޮޓަށް އިތުރުވެފައެވެ.
ހަމައެހެންމެ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އިޢުލާންކުރައްވާފައެވެ. އަދި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ މިއަހަރުގެ ނޮވެމްބަރުމަހުގެ 5 ވަނަ ދުވަހުއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، އަދި ބޭނުންކުރުން 2023 ގެ ނިޔަލަށް ހުއްޓާލުމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއިން ވަނީ "ސިންގަލް ޔޫޒް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" އެއް އެކުލަވާލާފައެވެ. މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ގެ "ޖަޒީރާ ދިރިއުޅުން" ބައިގެ "ކުންޏަކީ ވަޞީލަތަކަށް ހެދުން،" މި ދާއިރާގެ ދަށުން އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު މަދުކުރުމުގައި އަމަލުކުރާނެ ސިޔާސަތުތައް އެކަށައަޅާފައިވެއެވެ.
އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭންގައި ހިމެނޭ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމުން ރާއްޖެއަށް މިހާރު އެތެރެކުރާ ޕުލާސްޓިކުގެ ބައެއް ބާވަތްތައް އެތެރެކުރުން ހުއްޓާލެވޭނެއެވެ. ހަމައެހެންމެ، ރާއްޖޭގައި ކުނީގެ ގޮތުގައި އުފައްދާ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕުލާސްޓިކުގެ މިންވަރު މަދުކޮށް، މި ބާވަތުގެ ކުނީގެ ސަބަބުން ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރެވިގެންދާނެއެވެ. އަދި، މީގެ ސަބަބުން ތިމާވެށްޓާ ރަޙުމަތްތެރި އުފެއްދުންތައް ތަޢާރުފުކުރުމަށާއި ދެމެހެއްޓެވި ވެށްޓެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.
ރާއްޖޭގެ އިޤްތިޞާދީ ނަފާ އެންމެ ބޮޑަށް ގުޅިލާމެހިފައި ވަނީ ރާއްޖޭގެ ކަނޑުފަޅުގެ ރީތިކަމާއި، މުއްސަނދިކަމާއެވެ. އެހެންކަމުން ރާއްޖޭގެ ކަނޑުތައް ހިމާޔަތްކުރުމަށް އެކަންކަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ސަރުކާރުން އަންނަނީ މުހިއްމު މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެ ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުތަކުގައި ސައިންޓިފިކް އެކްސްޕެޑިޝަންތައް ކުރިޔަށް ގެންގޮސް، މި އެކްސްޕެޑިޝަންތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް، ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދްރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމުގައި ބޭނުންކުރާނެ މެރިޓައިމް ސްޕޭޝަލް ޕްލޭންތައް އެކުލަވާލުމުގެ މަސައްކަތްވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގެ ހަވާސާގައި ރާއްޖެއިން ވަނީ "ކްލައިމެޓް ރެޒީލިއަންޓް އައިލެންޑް އިނީޝިއޭޓިވް" މޮޑެލްއެއްވެސް ހުށަހަޅާފައެވެ. މިއީ ކުދި އެހެން ޖަޒީރާ ޤައުމުތަކަށްވެސް، ދެމެހެއްޓެނިވި ގޮތެއްގައި ގުދުރަތީ ދިރުންތަކުން މުއްސަނދިވެފައިވާ ސަރަޙައްދުތައް ހިމާޔަތްކުރުމާއި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް މަދުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ ގޮތުން އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުންފަދަ ކަންކަންކުރުމުގައި ބޭނުންކުރެވިދާނެ ނަމޫނާ މޮޑެލްއެއްކަން ސަރުކާރުން ފާހަގަކުރައްވާފައިވެއެވެ.