ހުޅުމާލޭގައި މެދުފަންތީގެ 162 ހައުސިންގ ޔުނިޓް އެޅުމަށް އަމިއްލަ ބަޔަކާ ހަވާލުކޮށްފިއެވެ.
ހުޅުމާލޭގައި "މިކްސް ރެސިޑެންޝަލް ޑިވެލޮޕްމަންޓް" ދަށުން ތަރައްޤީކުރުމަށް ކުރިން މެގަ އިންފްރާ ޕްރޮޖެކްޓްސްއާއި ހަވާލުކުރެވިފައިވާ ޕްރޮޖެކްޓް ޑީޑް އޮފް އެސްއިންމެންޓްގެ ދަށުން ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ތަރައްޤީކުރުމަށް މިއަދު ވަނީ ސޮއިކޮށްފައެވެ. އެކަމަށްޓަކާ އެޗް.ޑީ.ސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޝުހެއިލް އަޙްމަދެވެ. އަދި ރެއިންބޯ މެގަ ޑިވެލޮޕާސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މާޒިން އިބްރާހީމެވެ.
މިޑް ރޭންޖް ހައުސިންގ ނުވަތަ މެދުފަންތީގެ ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން 162 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވާ ރެއިންބޯ މެގަ ޑިވެލޮޕާސްއަކީ ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި މެގަ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗަރ ކުންފުންޏެކެވެ. އެކުންފުންޏާއި މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ. އަދި މިއީ މެދުފަންތީގެ ހައުސިންގ ޔުނިޓްތަކެއްކަމުގައިވިޔަސް، މިތަންތަނުން ލަގްޒަރީ ޕްރޮޕަޓީއަކުން ލިބޭނެ ސުވިމިންގް ޕޫލު، ޖިމް ފަދަ ގިނަ ވަޞީލަތްތަކެއް ލިބިގެންދާނެކަމަށް އެޗް.ޑީ.ސީން ވިދާޅުވިއެވެ.
އެޗް.ޑީ.ސީން ވިދާޅުވީ، އެކޯޕަރޭޝަންގެ އަމާޒަކީ ހުރިހާ ފަންތިއަކަށް އަމާޒުކޮށްގެން ހިންގާ މިފަދަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިމަގުގައި އިތުރުކޮށް އެފަދަ މަޝްރޫޢުތަކުގެ ދަށުން ވީހާވެސް ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ތަނަވަސް ފުރުޞަތުތަކެއް ފަހިކޮށްދިނުންކަމަށެވެ. އަދި އަންނަ އަހަރުވެސް އެކި ފަންތިތަކަށް ބަހާލައިގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގުމަށް އެކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
އެގޮތުން ވަޒީފާ އަދާކުރުމަށް މާލެ ސަރަޙައްދުގައި ދިރިއުޅޭ މެދުފަންތީގެ އާމްދަނީއެއް ލިބޭ މީހުންނާއި، ކިޔެވުމާއި ވަގުތީ ބޭނުންތަކަށް މާލޭ ސަރަޙައްދުގައި ދިރިއުޅޭ ކިޔަވާކުދިންނަށް ޚާއްޞަކޮށްގެން "ކޯ ލިވިން" ކޮންސެޕްޓުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އެޗް.ޑީ.ސީޏް މިހާރު ވަނީ އިޢުލާންކޮށްފައެވެ.
ހުޅުމާލޭގައި މެދުފަންތީގެ ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމަށް ބަޔަކާއި ޙަވާލުކޮށްފައިވާއިރު، ހުޅުމާލޭގައި އިތުރު 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއްގެ މަސައްކަތް، އަމިއްލަ ކުންފުންޏަކުން މިމަހު ފެށުމަށް ހަމަޖެހިފައިވާކަން އެކޯޕަރޭޝަނުން ދާދިފަހުން ވަނީ ހާމަކުރައްވާފައެވެ. މި މަޝްރޫޢަކީ އަމިއްލަ ކުންފުންޏެއްކަމަށްވާ އެޕޯލޯ ހޯލްޑިގްސްއިން ހުށައެޅި ހުށަހެޅުމަށް ކުރިއަށްގެންދިއުމަށް ހުއްދަ ދީފައިވާ މަޝްރޫޢެކެވެ. 1000 ހައުސިންގ ޔުނިޓްގެ މި މަޝްރޫޢުގައި އެކި ރޭންޖްގެ ހައުސިންގ ޔުނިޓްތައް ހިމެނެއެވެ.