ތިމާވެށި

ދިވެހި ކަނޑުތައް ހިމާޔަތްކުރުމަށް "ނޫ ރާއްޖެ" ޕްރޮގްރާމް މުހިންމު - ރައީސް


މަދުވެގެން ރާއްޖޭގެ ކަނޑުތަކުގެ %20 ޙިމާޔަތްކުރުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒަށް ވާޞިލްވުމަށްތަކައި "ނޫ ރާއްޖެ" ޕްރޮގްރާމަކީ މުހިއްމު ހަރަކާތަކަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހި ސަރުކާރާއި، ކަނޑުފަޅުގެ ދިރުންތައް ހިމާޔަތްކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ހަރަކާތްތެރިވާ "ބްލޫ ޕްރޮސްޕެރިޓީ" ކޯލިޝަން ގުޅިގެން ކުރިއަށްގެންދާ "ނޫ ރާއްޖެ" ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ޚާއްސަ ވީޑިއޯ މެސެޖުގައެވެ.

ރާއްޖޭގެ ޤައުމީ ޓެރެޓަރީގެ %98އަކީ ކަނޑުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެއީ ގުދުރަތީގޮތުން ރާއްޖެ އުފެދިފައިވާ ގޮތަށްވުރެ، ދިވެހިންގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ ޚާއްސަ ސިފައެއްކަމަށެވެ. އަދި ކަނޑުތަކާއި ކަނޑުފަޅުގެ ދިރުންތަކާއި ދިވެހިންނާމެދު އޮންނަނީ ވަރަށް ޚާއްސަ ގުޅުމެއްކަމަށާ އެއީ ދިވެހިންގެ އާދަކާދައާއި ސަޤާފަތާއި ތާރީޚާ ގުޅި ލާމެހިފައިވާ ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ޙިމާޔަތް ނުކުރެވިއްޖެނަމަ، ދިވެހިންގެ ދިރިއުޅުމަށާއި މުޅި ޤައުމުގެ އިޤްތިޞާދަށްވެސް އެކަމުގެ ނޭދެވޭ އަސަރު އެތައްގޮތަކުން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ސަބަބަށްޓަކައި މިދިޔަ އަހަރު އދ.ގެ 74ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވުމަށް އަޅުގަނޑު ކުރި ދަތުރުގައި ކަނޑުފަޅުގެ ދިރުންތައް ޙިމާޔަތްކުރުމަށާއި ނޫ އިޤްތިޞާދު ކުރިއެރުވުމަށް ޙަރަކާތްތެރިވާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއެއްކަމަށްވާ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ދިވެހި ސަރުކާރުން ގުޅުމަށް ނިންމީ. މިއަދު މިގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ނޫ ރާއްޖެ ނުވަތަ ބްލޫ މޯލްޑިވްސް ޕްރޮގްރާމް ލޯންޗްވެގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ނޫ ރާއްޖެ"ޕްރޮގްރާމް ވެގެންދާނީ ރާއްޖޭގެ ކަނޑުފަޅުގެ ދިރުންތައް ޙިމާޔަތްކޮށް ރާއްޖޭގެ އިޤްތިޞާދަކީ ތިމާވެއްޓާ ރައްޓެހި އިޤްތިޞާދަކަށް ހެދުމަށް ވަރަށް ބޮޑު އެހީއަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިޕްރޮގްރާމް މެދުވެރިކޮށް ކުރާ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާއަށް ރިޢާޔަތްކޮށް ނޫ އިޤްތިޞާދެއް ބިނާކުރުމުގައި ޤުދްރަތީ ދިރުންތައް ދެމެހެއްޓޭނެ ގޮތަކަށް ސިޔާސަތުތައް އެކަށައަޅައި ކުރިޔަށް ދިޔުމަސް މެރިޓައިމް ސްޕޭޝަލް ޕްލޭންނެއް އެކުލަވާލާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއީ ރާއްޖޭގެ ކަނޑުތަކުގެ މަދުވެގެން %20 ޙިމާޔަތްކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު ފުއްދުމަށް އިތުރު ބާރަކަށްވެގެންދާނެ ޕްރޮގްރާމެއް. އަދި ސަރުކާރުގެ ޖަޒީރާ ރާއްޖެ އަދި ނޫ އިޤްތިޞާދުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން މި ޙަރަކާތުގެ ތެރެއިން ލިބިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤައުމީ އިޤްތިޞާދާއި ޤައުމީ ދުޅަހެޔޮކަން ބަރޯސާވެފައިވަނީ ތިމާވެއްޓާއި ވަކިން ޚާއްސަ ގޮތެއްގައި ކަނޑުތަކުގެ ދުޅަހެޔޮކަމާއި މުއްސަނދިކަމުގެ މައްޗަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންކަމުން ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ "ނޫ އިޤްތިޞާދު"ގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު 2 ސިނާޢަތްކަމަށްވާ މަސްވެރިކަމާއި ފަތުރުކަން ކުރިއެރުވުމުގައި ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ބާރުލިބޭ ކަންކަމަށް ސަރުކާރުން އިސްކަންދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއީ ކޯވިޑް-19ގެ ސަބަބުން ދިމާވި ދަތިތަކުން އަރައިގަނެ، ޤައުމުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތްތަކަށްވެސް ކޮންމެހެން މުހިއްމުކަމެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެތެރޭ މޭން

ރައީސް އެ ވިދާޅުވި %20 ގެ ތެރެއަށް މާއާއި މާލިވަށައިގެން އެންމެ ކައިރީގަވާ ފަޅުތަކާއި ކަނޑުތައް ހިމާާާާާާޔަތްކުރުން ވަރަށް މުހިންމު. މާލެ ނޫންް ރާއްޖޭގެ އެހެން ހިސާބުތައް ތަރައްގީ ކުރުމަށްޓަކައިމެ އެންމެ ފުރަތަމަ ކުރަންވީ އެއް ކަމަކީ ވެސް މާލެ ވަށައިގެންނާއި މާލެ ކައިރީީގަވާ ކަނޑު ފަޅުތައް ހިމާޔަތްކުރުން