ދުނިޔެ

ނައިބު ރައީސް ވެކްސިން ޖައްސަވައިފި، ޓްރަންޕު ހުންނެވީ ތައްޔާރަށް


އެމެރިކާގެ ނައިބު ރައީސް، މައިކް ޕެންސް ކޯވިޑް-19 ވެކްސިން ޖައްސަވައިފިއެވެ. ނައިބު ރައީސް ޕެންސަށް ކޯވިޑް ވެކްސިން ދިން މަންޒަރުވަނީ ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައެވެ. ރިޔާސީ އިދާރާ، ވައިޓު ހައުސުން ބުނީ އޭގެ ބޭނުމަކީ ވެކްސިނަކީ ރައްކާތެރި އެއްޗެއްކަމާއި އޭގެ ރަނގަޅު އަސަރު އެމެރިކާގެ ރައްޔިތުންނަށް އަންގައިދިނުންކަމަށެވެ.

ކޯވިޑްގެ ސަބަބުން މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހި، އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ. އެ ޤައުމުގައި މިހާތަނަށް 17.7 މިލިއަން މީހުންނަށް ބަލިޖެހި 319،788 މީހުން މަރުވެފައިވެފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް 156،040 މީހުންނަށް ބަލިޖެހި 1،737 މީހުންވަނީ މަރުވެފައެވެ. ކޯވިޑާއި ދެކޮޅަށް ފައިޒާ އާއި ބަޔޯއެންޓެކުގެ އުފެއްދި ވެކްސިން މިދިޔަ ހަފުތާގެ ހޯމަ ދުވަހުގައި އެމެރިކާގައިވަނީ އެ ޤައުމުގެ ރައްޔިތުންނަށް ދޭން ފަށާފައެވެ.

ދެ ޑޯޒް ހިމެނޭ އެ ވެކްސިންގެ ފުރަތަމަ ޑޯޒް އުމުރުން 61 އަހަރުގެ ޕެންސުގެ އިތުރުން އޭނާގެ އަނބިކަނބަލުން ކޭރެން ޕެންސާއި ސާޖަން ޖެނެރަލް ޖެރޯމް އެޑަމްސަށްވެސްވަނީ ވެކެސިން ދީފައެވެ.

ވެކްސިން ޖެއްސެވުމަށްފަހު ޕެންސު ވިދާޅުވީ ވެކްސިން ދިނުމުގެ ރަސްމިއްޔާތަކީ ތާރީޚީ ހަފުތާއެއް ނިންމާލުމަށް ބާއްވާފައިވާ ވަރަށް ޚާއްޞަ ރަސްމިއްޔާތެއްކަމަށާއި އެ ރަސްމިއްޔާތުގެ ބޭނުމަކީ އެމެރިކާގެ ރައްޔިތުންނަށް އުންމީދު އައު ވެފައިވާކަން ޔަޤީންކޮށްދިނުންކަމަށެވެ. ވެކްސިންގެ ރައްކާތެރިކަން ސާބިތުކޮށްދިނުމަށް އެމަނިކުފާނާއި އަނބިކަނބަލުން ކޭރެންއަށް ވެކްސިން ޖެހުމަކީ އެކަމާއިމެދު ދެމަފިރިކަނބަލުން އުފާފުޅުކުރައްވާކަމެއްކަމަށްވެސް ޕެންސް ވިދާޅުވިއެވެ.

މީގެ ކުރިން ކޯވިޑް ޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކުވަނީ އެމަނިކުފާނުވެސް އެންމެ ރަނގަޅު ވަގުތު އައިސް ޖެހުމުން ވެކްސިން ޖެއްސެވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އައު އިންތިޚާބީ ރައީސް، އުމުރުން 78 އަހަރުގެ ޖޯ ބައިޑަންއަށްވެސް އަންނަ ހަފުތާގެ ތެރޭގައި ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައެވެ.

95 އިންސައްތައި ކާމިޔާބުކަމަށް ދައްކާ ފައިޒާގެ ވެކްސިންގެ ފުރަތަމަ ތިން މިލިއަން ޑޯޒް އެމެރިކާގެ 50 ސްޓޭޓަށް ބެހުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގައި އެމެރިކާގެ ވެރިކަމާއި ޙަވާލުވެ ވަޑައިގަތުމަށް ތައްޔާރުވަމުންދާ ބައިޑަންވަނީ ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ 100 ދުވަހުގެތެރޭގައި ވެކްސިންގެ 100 މިލިއަން ޑޯޒް އާންމުންނަށް ދެއްވުމަށް ގަސްތުކުރައްވާކަން ހާމަކުރައްވާފައެވެ.