ސިޔާސީ

އައްޑޫސިޓީގެ ފެނުގެ ނިޒާމުގެ މަސައްކަތް އަންނައަހަރު ނިންމާލެވޭނެ


އައްޑޫސިޓީގެ ހުރިހާ ރަށަކަށް
ސާފު ބޯފެން ލިބޭނެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމި، ޚިދުމަތް
ދެވޭވަރުވާނެކަމަށާއި، އަންނަ އަހަރުތެރޭގައި ނަރުދަމާގެ އަމަލީ މަސައްކަތްވެސް ފެށޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި
މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އައްޑޫސިޓީގެ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި
ސުވާލުތަކަށް ޖަވާބުދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަ ޠާރިޤު އިބްރާހިމް
ވިދާޅުވީ އައްޑޫ ސިޓީގެ ރަށްތަކަށް ފެން ފޯރުކޮށްދިނުމަށް ކުރެވެމުންދާ
މަސައްކަތްތަކުގެ ދަށުން އެންމެ ލަސްވެގެން އަންނަ އަހަރުގެ ތެރޭގައި  ހުރިހާ ރަށަކަށް ސާފު ފެން ލިބޭނެކަމަށެވެ.  

އައްޑޫގެ ހުރިހާ ރަށަކަށް ފެން
ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން މިހާރު މަރަދޫ ފޭދޫއަށް ސާފު
ފެން ފޯރުކޮށްދިނުމަށް ބޭނުންވާ މައިގަނޑު ސާމާނު 
ގެންދެވި އަމަލީ ގޮތުން މަސައްކަތް ފެށިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އައްޑޫ ސިޓީގެ
ހިތަދޫ މެދު ދާއިރާގައިވާ 1500އެއްހާ ގެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ގޭގެއަށް
ފެން މީޓަރު ގުޅުމުގެ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ ކަމަށާއި، އައްޑޫ
ސިޓީގެ ހުޅުދޫގެ ގޭގެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި އެކަމަށް ބޭނުންވާ މައިހޮޅި
އެޅި ގޭގެއަށް ފެން މީޓަރު ފޯރުކޮށްދޭ ހިސާބަށް މަސައްކަތް ގޮސްފައިވާ ކަމަށް
ވިދާޅުވިއެވެ. މިމަސައްކަތުގެ 51 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، އައްޑޫ
ސިޓީގެ ފޭދޫގެ ގޭގެއަށް ފެން ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ 61 އިންސައްތަ
މަސައްކަތް ނިމި މައިހޮޅި އެޅުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިމަހުގެ ތެރޭގައި ގޭގެއަށް ފެން މީޓަރު ގުޅުމުގެ މަސައްކަތް
ފެށޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.


ނަރުދަމަގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީގެ
ހިތަދޫ މެދު ދާއިރާގައި ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި މިކަމަށް
ބޭނުންވާ ސާމާނު ވެސް އައްޑޫއަށް ފޮނުވާފައިވާކަމާށެވެ. އަދި އެސަރަހައްދުގައި
ގާއިމްކުރަން ޖެހޭ ދެ ވެކިއުމް ސްޓޭޝަންގެ ތެރެއިން އެއް ވެކިއުމް ސްޓޭޝަންގެ
މަސައްކަތް ނިމި ދެވަނަ ވެކިއުމް ސްޓޭޝަންގެ މަސައްކަތް ނޮވެމްބަރު މަހުގެ
ތެރޭގައި ފެށޭނެ ކަމަށާއި، އަދި މިމަސައްކަތްތައް ނިމި އަންނަ އަހަރުގެ ތެރޭގައި
އެސަރަހައްދަށް ނަރުދަމާ ނިޒާމުގެ ހިދުމަތް ލިބޭނެ ކަމަށް ވިދާޅުުވިއެވެ.


މިނިސްޓަރ ވިދާޅުވީ އައްޑޫގެ ބައެއް އަވަށްތަކުގެ ފެނާ ނަރުދާމާގެ މަސައްކަތްތައް  ކުރުމަށް އެމްޑީޕީގެ ސަރުކާރުން 231 މިލިއަނަށްވުރެ
ގިނަ ރުފިޔާއަށް ބައިވޯޓަރ ކުންފުންޏާއެކު އެއްބަސްވި ނަމަވެސް އެކުންފުންޏާއި
ހަވާލުކޮށްފައިވަނީ 78 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މިމަޝްރޫއު އޮޑިޓް
ކުރަންޖެހޭކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.