ޚަބަރު

އިޤްތިޞާދު ކުރިއެރުވޭނީ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކޮށްގެން - މިނިސްޓަރ ނަހުލާ


ދަތުރުފަތުރު ދުވެލި އަވަސްވެ، ކަނެކްޓިވިޓީ އިތުރުވެގެންދިއުމުން ރައްޔިތުންނަށް މުދާ ހެޔޮއަގުގައި ފޯރުކޮށްދިނުމަށް ވިޔަފާރިވެރިންނަށް ފަސޭވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިހެން ވިދާޅުވީ، އިންޑިއާގެ ޓުޓިކޮރިންއާއި ގދ. ތިނަދުއާ ދެމެދު ކާގޯގެ ޚިދުމަތް ފެށުމަށް ތިނަދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ޤައުމެއް ޤައުމެއްގެގޮތުގައި ތަރައްޤީވެގެން ދިއުމުގެ މައިގަނޑު އެއް އަސާސަކީ ދެމެހެއްޓެނިވިގޮތެއްގައި އެ ޤައުމެއްގެ އިޤްތިޞާދު ކޮޅަށްޖެހި، އިޤްތިޞާދީގޮތުން ފުދުންތެރި ޤައުމަކަށްވެގެންދިއުން ކަމަށެވެ. އަދި އިޤްތިޞާދީ ހަރަކާތްތައް ފުޅާކޮށް އިތުރުކުރެވޭނީ އެކަށީގެންވާ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށް އަވަސް ޚިދުމަތްތަކެއް ދެވިގެންކަމަށެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކޮށް، މި ނިޒާމު ކައިރި ޤައުމުތަކާ ގުޅާލެވި، އަވަސް ޚިދުމަތްތަކެއް، އެކަށީގެންވާ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށެވެ. އަދި އެ އަމާޒަށް ވާޞިލުވުމަށްކުރާ މަސައްކަތްތަކުގައި، ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި ކާގޯގެ ޚިދުމަތް ފެށިގެންދިއުމަކީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްޤީވެފައިވާ ވިޔަފާރި ބަނދަރުތަކަށް އިންޑިއާއިން ކާގޯ ފެރީގެ ޚިދުމަތް ފެށިގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއްކަން ފާހަގަކޮށްލަން. މިއީ އަތޮޅުތަކުގެ ވިޔަފާރިވެރިންނަށް އަތްފޯރާފަށެއްގައި މުދަލާއި ކާބޯތަކެތި އެތެރެކުރުމަށް ދެކުނާއި އުުތުރުގައި ހުޅުވުނު މައި ދޮރާއްޓެއްކަމުގައި ވެގެންދާނެ. މިކަމުގެ ސަބަބުން ރާއްޖެއަށް އިޤްތިޞާދީ ކުރިއެރުންތައްލިބި، ބާޒާރުގައި ހެޔޮއަގުގައި ތަކެތި ފޯރުކޮށްދެވޭނެ" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓަރ ނަހުލާ ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހަލުވިކުރުމުގެގޮތުން އަހަރުތަކަކަށްފަހު، ދިވެހިރާއްޖޭގައި ޤައުމީ ޝިޕިންގ ލައިނެއް އަލުން އުފައްދާ ރަސްމީގޮތުން އެ ޚިދުމަތްދޭން ފެށުމަކީ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާންޖެހޭނެކަމެއްކަމަށެވެ. އަދި މިއީ އިޤްތިޞާދީގޮތުން ވަރަށް މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވާ، ރާއްޖޭގެ އަމިއްލަ ޝިޕިންގ ލައިނެއް ވުޖޫދުވުމަކީ ރާއްޖޭގެ މެރިޓައިމް ދާއިރާއަށްވެސް ލިބުނު ބޮޑު ކުރިއެރުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.