ދުނިޔޭގެ ވިޔަފާރި

ޗައިނާގެ ކުންފުނިތަކަށް ލިބޭ ވިޔަފާރީގެ ގެއްލުމުގެ ބަދަލު ހިފާނަން: ޗައިނާ


އެމެރިކާގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ލިބޭ ވިޔަފާރީގެ ގެއްލުމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު ޗައިނާއިން ދީފިއެވެ.

އެމެރިކާގެ ޤައުމީ ސަލާމަތައް ނުރައްވާކަމަށް ބުނެ ޗައިނާގެ ޓެލެކޮމް ކުންފުނިތައް އެމެރިކާގައި ވިޔަފާރިކުރުން މަނާކުރުމަށް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމާފައެވެ.

ނިއުޔޯކް ސްޓޮކް އެކްސްޗޭންޖް، އެންވައިއެސްއީއިން ވަނީ ޗައިނާގެ ޓެލެކޮމިއުނިކޭޝަން ކުންފުނިތަކުން އެމެރިކާގެ ރައްޔިތުންގެ ޒާތީ މަޢުލޫމާތު ޗައިނާ ސަރުކާރާއި ހިއްސާކުރުމުން އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެ ފިޔަވަޅު އަޅަން ނިންމާފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ އަމަރުފުޅަކަށް އަޅާ މިފިޔަވަޅުގެ ދަށުން ޗައިނާގެ ޓެލެކޮމް ކުންފުނިތައްކަމަށްވާ؛ ޗައިނާ މޯބައިލް ކުންފުންޏާއި، ޗައިނާ ޔުނިކޮމް އަދި ޗައިނާ ޓެލެކޮމް ކުންފުންޏާއި ދެކޮޅަށް މިދިޔަ ހޮނުހިރު ދުވަހު ވަނީ ފިޔަވަޅު އަޅާފައެވެ. މި ފިޔަވަޅުގެ ސަބަބުން ޖަނަވަރީ 11 ވަނަ ދުވަހަށްފަހު މި ކުންފުނިތަކަށް އެމެރިކާގައި ވިޔަފާރިކުރުން މަނާވާނެއެވެ.

މި ފިޔަވަޅުތަކާއި ގުޅޭގޮތުން ޗައިނާގެ ކޮމާސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އެމެރިކާގެ މިފިޔަވަޅު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި އެމެރިކާގެ ސަބަބުން ޗައިނާގެ ކުންފުނިތަކަށް ލިބޭ ވިޔަފާރީގެ ގެއްލުމުގެ ބަދަލު ހިފާނެކަމުގެ އިންޒާރު އެ މިނިސްޓްރީން ވަނީ ދީފައެވެ.

އެމެރިކާގެ ރައީސް ޓްރަމްޕްގެ ވެރިކަމުގައި ޗައިނާއާއި އެމެރިކާގެ ސިޔާސީ ވާދަވެރިކަން ބޮޑުވެ ދެ ޤައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން އެމެރިކާއިން ޗައިނާއާއި ދެކޮޅަށް އަޅާފައިވާ އެކި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ މެމްބަރުންނަށް އެމެރިކާއަށް ދަތުރުކުރުމަށް ދަތިކުރުމާއި، ޗައިނާގެ ކުންފުނިތަކަށް ވިޔަފާރިކުރުމަށް ވަނީ ދަތިތައް ކުރިމަތިކުރުވާފައެވެ. މީގެ އިތުރުން ޗައިނާގެ ވާވޭ ކުންފުނީގެ ވިޔަފާރި އެމެރިކާގައި މުޅިން ހުއްޓާލުމަށް ރައީސް ޓްރަމްޕް ވަނީ ނިންމަވާފައެވެ. އެގޮތުން ޗައިނާގެ ވާވޭ ކުންފުންޏާއެކު އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ހިންގަން ބޭނުންނުވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއާއި ޗައިނާއާ ދެމެދު މިހާރު ކުރިއަށްދާ ވިޔަފާރީގެ ހަނގުރާމައިގެ ތެރޭގައި އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާ އެއް ކުންފުންޏަކީ ވާވޭއެވެ. އެގޮތުން އެމެރިކާއިން އަޅަމުންދާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނިތަކާއެކު ވިޔަފާރިކުރުމަށް ވާވޭއަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.