ޚަބަރު

ނިމިދިޔަ އަހަރަކީ ސްޓެލްކޯއަށް ގޮންޖެހުން ބޮޑު އެހެންނަމަވެސް ކާމިޔާބު އަހަރެއް - މުޣުނީ


ކޯވިޑް-19ގެ ޙާލަތުގައިވެސް ނިމިދިޔަ 2020ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބު އަހަރެއްކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މުޣުނީ މިހެން ވިދާޅުވީ މިފެށުނު 2021ވަނަ އަހަރު ފުރަތަމަ މަސައްކަތު ދުވަހު ކުންފުނިން ބަލަހައްޓަމުން ގެންދާ ހުރިހާ އިންޖީނުގެއެއްގެ މުވައްޒަފުންނާއި ލައިވް ސްޓްރީމް މެދުވެރިކޮށް މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، 2020ވަނަ އަހަރަކީ ސްޓެލްކޯއަށް ކާމިޔާބުގެ އަހަރެއް ކަމަށެވެ. ކޯވިޑް-19ގެ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސަރަހައްދު ފުރަބަންދުވުމުން، ސްޓެލްކޯގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށް ދިނުމަށް އޮފީހުގައި 220 މުވައްޒަފުން ފުރަބަންދުވިކަން އޭނާ ފާހަގަކުރެއްވިއެވެ. އާއިލާއާއި ވަކިން އޮފީހުގައި ބަންދުވެ ތިބެ، ކުރަންޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއްކަމަށާއި، އެހެން ނަމަވެސް އެކަމުގައި އެ މުވައްޒަފުން ދައްކައިދިނީ ޤައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރި ވުމުގައި ނަމޫނާ މިސާލެއްކަމަށް މުޣުނީ ވިދާޅުވިއެވެ. މުޣުނީ ވަނީ ލޮކްޑައުންގައި ގޭގައި ތިއްބަވައިގެން މަސައްކަތް ކުރެއްވި މުވައްޒަފުންގެ ސަޕޯޓިންގ މަސައްކަތާއި، އަތޮޅުތަކުގެ އިންޖީނުގެތަކުގެ މުވައްޒަފުންވެސް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

2020 ވަނަ އަހަރު ނިމިގެން ދިޔައިރު ސްޓެލްކޯގެ މަސައްކަތްތަކުގެ މައްޗަށް ބަލާއިރު ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަނެ، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަންޖެހޭކަމަށް މުޣުނީ ވިދާޅުވިއެވެ. އަދި ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރެއްވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"ކޯވިޑްގެ ހާލަތުން މިންޖުވުމަށް ކުރަމުން ދިޔަ އަދި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަކީ ޤައުމީ މަސައްކަތަކަށް ވާއިރު އެކަމުގައި މިކުންފުނި ޝާމިލްވެ އަމަލީ ގޮތުން މަސައްކަތް ކުރެވިފައި ވާކަން ފާހަގަ ކުރަން. އެގޮތުން ކޯވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ އެން.އީ.އޯ.ސީގެ އެކި ޚިދުމަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާކަން މި ފާހަގަކުރަނީ އެ މުވައްޒަފުންގެ ޚިދުމަތަށް ފަހުރުވެރިވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައިވާނެ" މުޣުނީ ވިދާޅުވިއެވެ.

ކޯވިޑް-19ގެ އުދަނގޫ ދަނޑިވަޅުގައި ކަރަންޓު މެދުނުކެނޑި ފޯރުކޮށްދިނުމާއި، ވޮލަންޓިއަރ މަސައްކަތަށް ނުކުތުމުގައި މުވައްޒަފުން ބައިވެރިވުމާއި، މާލެއާއި އަތޮޅުތަކުގައި އިންޖީނުތައް އޯވަރ ހޯލްކޮށް މެއިންޓެއިންކޮށް ބެލެހެއްޓުމުގައި ހާއްސަކޮށް އަހަރުގެ "ޕީކް" ދުވަސްވަރު ކަރަންޓު ކަނޑާލަން ނުޖެހި، ޚިދުމަތް ދެމުން ގެންދިޔަ ގެންދިއުން އެއީ ކުންފުނީގެ ތާރީހުގެ ތެރެއިންވެސް ލިޔެވިގެން ދާނެ ފަހުރުވެރި މަސައްކަތެއްގެ ގޮތުގައި މުޣުނީ ވަނީ ސިފަކުރައްވާފައެވެ. އަދި އެކުންފުނިން ހިންގާ ބިޔަ 2 މަޝްރޫޢުކަމަށްވާ "ފިފްތު ޕަވަރ މަޝްރޫއު" އާއި "އިންޓަރ ކަނެކްޝަން" މަޝްރޫއު މަސައްކަތްވެސް ނުހުއްޓި އެހާލަތުގައިވެސް ކުރިއަށް ދިޔަކަން މުޣުނީ ވަނީ ފާހަގަ ކުރައްވާފައެވެ.

"ތެލަށް ބަރޯސާވެ، ކަރަންޓު އުފެއްދުން އެކަނި އެއީ ކުންފުނީގެ ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާ ކުރުމާއި ސޯލާގެ ވިޔަފާރި ފުޅާ ކުރުމަށް އަޅުގަނޑުމެން ކުރި މަސައްކަތް ހުސްވި އަހަރު ނިންމާލީ ފްލޯޓިން ސޯލާގެ އަމިއްލަ ޕްރޮޖެކްޓެއް "ސްޓެލްކޯ ސޯލާ ޕޮޑް – ގުރީން ލައިފް" ގެ ނަމުގައި ނިމުނު އަހަރު އެންމެ ފަހު މަސައްކަތް ދުވަހު ލޯންޗް ކުރުމާއެކު، މިއީ މި ސިނާއަތަށް މި ކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއް. އަދި މިއީ ދިވެހި ރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ، ސްޓެލްކޯގެ ހިދުމަތުގެ 70 އަހަރު ފުރުން ފާހަގަ ކުރުމުގެ ގައުމީ ޖަލްސާއަށް ވަޑައިގެން މި ސިނާއަތުގައި އަމިއްލަ އުފެއްދުމާއި ކަރަންޓުގެ އަގު ހެޔޮ ކުރެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް ކުރެއްވި އުއްމީދު ހަގީގަތަށް ހެދުމަށް ކުރެވިގެން ދިޔަ ވަރަށް ފަންނުވެރި އަދި ބިނާ ކުރަނިވި މަސައްކަތެއް" މުޣުނީ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އިއުލާން ކުރައްވާފައިވާގޮތަށް, މިއަހަރަކީ ޤައުމު އާރަސްތުކުރުމުގެ އަހަރުކަމަށްވާތީ، ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ މި އަހަރުގެ އަމާޒަކީ ޚަރަދު ކުޑަކުރުމާއެކު، އައު ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ފޯރުކޮށްދިނުމާއި، ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުންކަމުގައި މުޢުނީ ވަނީ ވިދާޅުވެފައެވެ.