ސިއްހަތު

ދިއްދޫ ހޮސްޕިޓަލުން އަލްޓްރާ ސައުންޑް ސްކޭންގެ ޚިދުމަތް ފަށައިފި




ތިލަދުންމަތީ އުތުރުބުރީ އަތޮޅު ހޮސްޕިޓަލުގައި ޒަމާނީ ފެންވަރުގެ އަލްޓްރާ
ސައުންޑް ސްކޭން މެޝިނެއް ބަހައްޓައި ޚިދުމަތްދޭން ފަށައިފިއެވެ.



ހއ އަތޮޅު ހޮސްޕިޓަލުން ބުނީ އަށްލައްކަ ރުފިޔާގެ އަގުހުރި މިމެޝިނަކީ
ސަރުކާރުން އެއަތޮޅުގެ ސިއްހީ ހިދްމަތް ތަރައްޤީކުރުމަށްޓަކައި ފަށާފައިވާ
މަޝްރޫއުގެ ދަށުން ބެހެއްޓުނު މެޝިނެއްކަމުގައެވެ.

ހއ އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރ
މުހައްމަދު ހަސަން ވިދާޅުވީ މިހިދްމަތް ކުރިން ދެމުންގެންދިޔައީ ޕޯޓަބަލް ކުޑަކުޑަ
މެޝިނެއްބޭނުންކޮށްގެންކަމަށެވެ. ނަމަވެސް ޒަމާނީ އާމެޝިންގެ ހިދްމަތް ފެށުމަކީ އެއަތޮޅުގެ
ސިއްހީ ޚިދުމަތަށް ލިބިގެންދިޔަ ވަރަށްބޮޑު ތަރައްޤީއެއްކަމަށް ދެކޭކަމުގައެވެ.



މުހައްމަދު ވިދާޅުވީ ސިއްހީ ހިދްމަތް ފުޅާކުރުމަށް ހޮސްޕިޓަލްގެ އިމާރާތްތަކުގެ
މަރާމާތުގެ މަސައްކަތްތައްވެސް ކުރެވެމުންދާކަމަށެވެ. އަދި އިތުރު އާ ޚިދުމަތްތައް ތައާރަފް
ކުރުމަށް މިނިސްޓްރީއާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށްވެސް މުހައްމަދު ވިދާޅުވިއެވެ.



އެކިދާއިރާތަކަށް ހާއްސަ 10 ޑޮކްޓަރުންނާއި، އާންމުބަލިތަކުގެ 6 ޑޮކްޓަރަކު
ހިދްމަތް ދޭ ހއ އަތޮޅު ހޮސްޕިޓަލަށް ދުވާލެއްގެ މައްޗަށް ދުއިސްއްތައަށްވުރެގިނަ މީހުން
އެކިބަލިތަކަށް ފަރުވާހޯދުމަށް ދާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.