މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް އެމީހުންގެ ޢާއިލާގެ ކައިރީގައި ތިބެގެންވެސް ފަރުވާ ހޯދޭނެ ފުރުޞަތު އެބައޮތްކަމަށާ، އެފުރުޞަތުގެ ބޭނުން ހިއްޕެވުމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ ގޮވާލައްވައިފިއެވެ.
ޖެންޑަރ މިނިސްޓަރ ވިދާޅުވީ މަަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ޒުވާނުންނަށް، މެޑިކަލް އޮފިސަރެއްގެ އެހީގައި އާއިލާކައިރީގައި ތިބެގެން އެކަންކުރެވޭނެ މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާގެ ކަންކަން ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، ރާއްޖޭގައި އެކި ވައްތަރުގެ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެކި މިންވަރަށް ބޭނުންކުރާ މީހުންނާއި، އޭގެ ސަބަބުން އެހެނިހެން ބަލިތަކަށާއި ނަފްސާނީ ބަލިތަކަށްވެސް ހުށަހެޅިފައިވާ މީހުން އެބަތިބިކަމަށެވެ. އެހެންކަމުން ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާ ގުޅިގެން އަމިއްލައަށް ޑިޓޮކްސްވާން ބޭނުންވާ މީހާއަށް އެކަން ކުރެވޭނެ މަގުފަހިކޮށްދީ، ކޮމިއުނިޓީ ރިހެބިލިޓޭޝަންގެ ކަންކަން ވަރުގަދަކުރުމަކީ އަމާޒެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ޞިއްޙީ ފަރުވާއެކުއެކީގައި އެމީހުންނަށް ބޭނުންވާ ކައުންސިލިންގއާއި ވަޒީފާ ހުނަރުތައް ދަސްކޮށްދިނުމަށްވެސް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެންގެ މަޤްޞަދަކީ ޑިޓޮކްސްވާން އަމިއްލައަށް އަންނަ މީހާ ނޫނީ އެހެންގޮތަކުންވެސް ފަރުވާގެ ނިޒާމުގެ ތެރެއަށް ވަންނަ މީހާ އެމީހާ ކުރު މުއްދަތެއްގެ ތެރޭގައި އަނބުރާ މުޖުތަމަޢުއަށް ނުކުތުމުގެ ބަދަލުގައި އެމީހާއަކީ މުޖުތަމަޢުއަށް ފައިދާހުރި މީހެއްގޮތުގައި ސިސްޓަމް ތެރެއިން އެކި މުއައްސަސާތައް ގުޅިގެން މަސައްކަތްތަކެއް ކުރެވި، ކޮލިފިކޭޝަނަކާއެކު ވަޒީފާއެއްވެސް ލިބިގެން ސިސްޓަމް ތެރެއިން ނުކުންނަށް މީހަކަށް ވާން. އަދި ދާއިމަށް އެމީހާގެ ކަންކަން މޮނިޓަރކުރެވޭނެ ކޮމިއުނިޓީ ނިޒާމްތަކެއް ކަށަވަރުކުރުން" ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން އަމިއްލައަށް ބޭނުންވެގެން ޑިޓޮކްސްވާން ބޭނުންވާ ފަރާތްތަކަށް ނެޝެނަލް ޑްރަގް އެޖެންސީގައި ނަންނޯޓުކޮށްގެން، އާއިލާކައިރީ ތިބެގެންވެސް ފަރުވާ ފުރިހަމަކުރުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އަދި އެކަމަށް ބޭނުންވާ ޒުވާނުންނާއި އާއިލާތަކުން، އެ އެހީތެރިކަން ހޯއްދެވުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންނަށް މަސައްކަތްތަކެއް އެބަކުރެވޭ އާއިލާއިން ބަލަހައްޓައިދޭން ބޭނުންވާކަމަށްވަންޏާ ޑިޓޮކްސް މަރުހަލާގައި ބޭހުން ޑިޓޮކްސްކުރާއިރުގައި އާއިލާއާއެކު މެޑިކަލް އޮފިސަރެއްގެ މޮނިޓަރިންނާއެކު އެކަން ކުރެވޭނެ މަގުފަހިކޮށްދޭން. މިޒަމާނަކީ އޮންލައިންކޮށް ވަރަށް ގިނަ ކަންކަން ކުރެވޭ ޒަމާނެއް. އެހެންވީމަ ބޭސްދޭނެ ގޮތާއި އެ މަޢުލޫމާތު އައިލާ މެންބަރަކަށް ކިޔައިދީފައި މިކަން ކުރެވޭނެ ގޮތްވެސް އެބައޮތް. އެހެންވީމަ އެއީވެސް އަޅުގަނޑު އާއިލާތަކަށް ދަންނަވާލަން ބޭނުންވާ ވާހަކައެއް. ތިބޭފުޅުންގެ އާއިލާގައި ތިބޭފުޅުންނާއެކީގައި އެކަން ކުރަން އެއްބަސްވާ މަސްތުވާތަކެތި ބޭނުންކުރާ ކުއްޖަކު ހުރިކަމަށްވަންޏާ މި ފުރުޞަތުގައި އެންޑީއޭއާއި ވާހަކަދައްކައިގެން އަޅުގަނޑުމެންނާއެކީގައި މި މަސައްކަތް ކުރެވިދާނެކަން" މިނިސްޓަރ ވިދާޅުވިއެވެ.
ކޯވިޑް-19ގެ ޙާލަތުގައި ވަކިން ޚާއްސަކޮށް މާލޭ ސަރަޙައްދު ފުރަބަންދުކުރުމާއެކު ވަންނާނެތަނެއް ނެތި މަގުމަތިވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެންޑަރ މިނިސްޓްރީން މަސައްކަތްކުރަމުންދާއިރު، އޭގެ ތެރޭގައިވެސް ނިސްބަތުން ގިނައީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަން އެ މިނިސްޓްރީން ފާހަގަކުރައްވައެވެ.
އެފަދަ ފަރާތްތައް ރިހެބިލިޓޭޝަން ފެސިލިޓީތަކަށް ފޮނުވުމުގެ ކުރިން ޑިޓޮކްސްކުރުމަށްޓަކާ ހުޅުމާލޭ ފަރުކޮޅު ފުށުގައި ޑިޓޮކްސް ފެސިލިޓީއެއް ވަނީ ޤާއިމުކޮށްފައެވެ. އެ ސެންޓަރުން މިހާތަނަށް 17 މީހަކު ޑިޓޮކްސް މަރުހަލާ ފުރިހަމަކުރުމަށްފަހު ހިންމަފުއްޓަށް ވަނީ ފޮނުވާފައެވެ. އަދި 22 މީހަކު ހިންމަފުއްޓަށް ފޮނުވާލުމަށް ތައްޔާރުވަމުންދާކަމަށާއި، އިތުރު 47 މީހަކަށް ޑިޓޮކްސް ފަރުވާ ދިނުމަށްޓަކާ އެސެސްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ޖެންޑަރ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.