ވިޔަފާރި

ބީއެމްއެލްގެ ރިކަވަރީ ލޯނު ސްކީމް 441އަށް ވިޔަފާރިއަކަށް


ކޯވިޑް19 ރިކަވަރީ ލޯން ސްކީމްގެ ދަށުން ބީއެމްއެލްއިން މިހާތަނަށް 585.9 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

"ކޯވިޑް ރިކަވަރީ ލޯނު"ގެ ދަށުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބެންކް އޮފް މޯލްޑިވްސްއިންނެވެ. އަދި ކުދި ވިޔަފާރިތަކަށް ލޯން ދޫކުރަނީ އެސްޑީއެފްސީ މެދުވެރިކޮށެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ބީއެމްއެލްއިން ދޫކުރާ "ރިކަވަރީ ލޯނު ސްކީމް"ގެ ދަށުން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 441 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފައެވެ. މިއީ ޖުމްލަ 585.9 މިލިއަން ރުފިޔާއާއި 8 މިލިއަން ޑޮލަރެވެ.

މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް މި ލޯން ސްކީމްގެ ދަށުން ބީއެމްއެލްއަށް 602 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވެއެވެ. އޭގެތެރެއިން 441 ފަރާތަކަށް ލޯނު ދޭން ވަނީ ނިންމާފައެވެ. އަދި ޝަރުތު ހަމަނުވާ 141 ފަރާތަކުން ލޯނަށް އެދި ހުށަހަޅާފައިވާއިރު، 20 ފަރާތެއްގެ އެޕްލިކޭޝަން ރިޖެކްޓު ކުރެވިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޯވިޑް19 ރިކަވަރީ ލޯން ސްކީމަކީ ކޯވިޑްއާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ޚަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެންގެވުމުގެ މަތިން ބީއެމްއެލްއިން ތަޢާރަފްކޮށްފައިވާ ލޯނު ސްކީމެކެވެ.

ކޯވިޑް19އާ ގުޅިގެން އިޤްތިސާދީގޮތުން ލިބިފައިވާ ހީނަރުކަން ކުޑަކުރުމަށް އެހީތެރިވުމުގެ ގޮތުން ބޮޑެތި ވިޔަފާރިތަކަށް ލޯނު ދޫކުރަނީ ބީއެމްއެލްއިންނެވެ. މި ސްކީމްގެ ދަށުން ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން ރިސޯޓް ވިޔަފާރިތަކަށް 7.7 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އަދި ރިސޯޓް ނޫން ވިޔަފާރިތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ. އިކޮނޮމިކް ރިލީފް ޕެކޭޖުގެ ތެރެއިން ދޫކުރާ މި ލޯންތަކަށް ކުރިމަތިލެވޭނީ 2019 ވަނަ އަހަރު 10 މިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބިފައިވާ ރިސޯޓުތަކަށާއި އެހެނިހެން ވިޔަފާރިތަކަށެވެ.

ލޯނުތައް ދޫކުރުމަށް ނިންމާފައިވަނީ %6 އިންޓްރެސްޓް ރޭޓުގައެވެ. މި ލޯންތައް އަނބުރާ ދެއްކުމަށް 3 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ހަމަޖެހިފައިވާއިރު، ގިނަވެގެން 6 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބޭނެއެވެ.