ޚަބަރު

ކޯވިޑް-19 : ކޮޅުފުށިން 9މީހުން ޕޮޒިޓިވްވެއްޖެ


މ.ކޮޅުފުށިން 9 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. އެރަށުން މާލެ އައި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން އެރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

މ.ކޮޅުފުށި މޮނިޓަރިންގެ ޙާލަތަށް ގެނައީ މި ކޭސްއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައެވެ. އެގޮތުން ރަށު ތެރޭގައި ބަލި އުޅޭތޯ ބެލުމަށް، ބަލިމީހާގެ ކޮންޓެކްޓުންނާއި ރެންޑަމް ސާމްޕަލްވަނީ ނަގާފައެވެ. ޕީއެސްއެމްއަށް މަޢުލޫމާތު ދެއްވަމުން ރަށު ކައުންސިލްގެ ރައީސް ހުސައިން ޝާމިލް ވިދާޅުވި އެރަށުން ޖުމްލަ 106 ސާމްޕަލް ނެގިކަމަށެވެ. އެއީ 52 ކޮންޓެކްޓުންނާއި، އެރަށުން ރެންޑަމްކޮށް ނެގި 54ސާމްޕަލްއެވެ. މީގެތެރެއިން 86 ސާމްޕަލްގެ ނަތީޖާ ލިބިފައިވާއިރު، 9 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި 20 ސާމްޕަލްގެ ނަތީޖާ ނުލިބެއެވެ.

"ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި އެބަ ހިމެނޭ 60އަހަރުން މަތީގެ 2މީހުންނާ، 1އަހަރުގެ ކުއްޖަކާ، 9އަހަރުގެ ކުއްޖެއް. ދެން ހިމެނެނީ ޒުވާނުން." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންނާއި އެގޭގޭގައި ދިރިއުޅެމުންދާ މީހުން މިހާރުވަނީ، ގޭގޭގައި ކަރަންޓިންކޮށްފައެވެ.

ޝާމިލް ވިދާޅުވީ ގިނަ ކޭސްތަކެއް ފެނުމާ ގުޅިގެން، އަލަށް ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު 9 މީހުންގެ ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި އިތުރަށް ރަށުން ސާމްޕަލް ނެގުމަށްޓަކައި، އެކަމަށްޓަކައި ބޭނުންވާ ޓެސްޓް ކިޓްތައް ރަށަށް ގެނެސް، ހެލްތް ސެންޓަރުން އެ މަސައްކަތް ފަށާފައިވާކަމަށެވެ.

އެއްވެގެން ކުރިއަށްގެންދާ ހުރިހާ ހަރަކާތްތަކެއް ރަށުގައިވަނީ ހުއްޓާލާފައެވެ. އެގޮތުން ސްކޫލްތަކުގެ ކިޔެވުމާއި ކުޅިވަރު ހަރަކާތްތަކާއި، އަދި ޖަމާތުގައި ނަމާދުކުރުންވެސް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށް ކައުންސިލުން މަޢުލޫމާތުދެއެވެ. އަދި ރަށުގެ ކޯވިޑް ޓާސްކްފޯސްއާ ގުޅިގެން ރަށުގެ އާއްމު ޙާލަތާ ގުޅޭ ކަންކަންދަނީ ބަލަހައްޓަމުންނެވެ.

ކޮޅުފުށްޓަށް ޗުއްޓީއަށް ދިއުމަށްފަހު މާލެ އައި މީހާ ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ، މާލެ އައިސް ދެވަނައަށްވީދުވަހު ކޯވިޑުގެ އަލާމާތްތައް ފެނިގެން ޓެސްޓު ހެދުމުންނެވެ. ބައްޔަށް ޕޮޒިޓިވްވީ އަންހެނެކެވެ. މި މީހާ ރަށުން މާލެ އައިސްފައިވަނީ މިމަހުގެ 19ވަނަ ދުވަހުއެވެ.

މ.ކޮޅުފުށީގައި 200 ގޭބިސީގައި މީހުން ދިރިއުޅެމުންދެއެވެ. އެއީ ގާތްގަނޑަކަށް 700މީހުންގެ އާބާދީއެކެވެ.