ޚަބަރު

ރަށަށް ބަދަލުވާން ބޭނުންވާ 500 އާއިލާއަކަށް 26.7 މިލިޔަން ރުފިޔާ


މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ މި ޙާލަތުގައި މާލޭގައި އުޅެން ދަތިވާ މީހުންގެތެރެއިން ޢާއިލާއާއެކު ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ ކޯވިޑް-19ގެ މިޙާލަތުގައި ދަރިންނާއެކު މާލޭގައި ދިރިއުޅެމުން އަންނަ ޢާއިލާތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް ދަތިތައް ކުރިމަތިވަމުން އަންނައިރު މިޙާލަތުގައި އަމިއްލަ ރަށައް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށެވެ.

ޖެންޑަރ މިނިސްޓްރީން މިހާރު އަންނަނީ ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން "އަމިއްލަ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ދިނުން" މިނަމުގައި އުސޫލެއް އެކުލަވާލައި އަންނަ މަހުގެތެރޭގައި ގެޒެޓް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި އެއަށްފަހު މިއެހީއަށް އެދުމުގެ ފުރުޞަތު ހުޅުވާލާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. ބޯހިޔާވަހިކަމުގެ ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެހީވުމުގެގޮތުން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މިގޮތުން ފުރަތަމަ ފިޔަވަހި ޚާއްސަކުރަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށެވެ. އަދި ދެވަނަ ފިޔަވަހި ޚާއްސަކުރަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން އިބްރާހިމް މުޙައްމަދު ވިދާޅުވީ މިޕްރޮގްރާމގައި ބައިވެރިވާ ފަރާތްތައް ޝަރުތު ހަމަވޭތޯ ކަނޑައަޅަނީ އެކި މިނިސްޓްރީތައް ހިމެނޭ ގޮތަށް އެކުލަވާލާ ޚާއްސަ ކޮމިޓީއަކުން ކަމަށެވެ. އަދި އެކޮމިޓީގެ ފަރާތުން ދިރިއުޅުމުގެ ޙާލާތާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތައް ހިމަނާ އެސެސްމަންޓެއް ހަދާނެކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރަށް އާއިލާގެ މެމްބަރުން އަދަދާއި ދިރި އުޅޭމުންދާ ތަނުގެ ހާލަތުގެ މައްޗަށް ރިއާއަތް ކުރާނެކަމަށް އިބްރާހިމް ވިދާޅުވިއެވެ.

"އިޖްތިމާޢި ރައްކާތެރިކަމުގެ ނިޒާމްގެ ތެރެއިން އެއްވެސް އިނާޔަތެއް ލިބޭތޯ ބަލާނެ. އާއިލާގައި ޖިސްމާނީ އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ މަޢުލޫމާތު ހިމަނާނެ. ތަޢުލީމް ހާސިލް ކުރާ މީހުން ތިބި ތޯއާއި ތަޢުލީމީ ފެންވަރު ބަލާނެ." ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.

އިބްރާހީމް ވިދާޅުވީ ރަށްރަށަށް ބަދަލުވާ ފަރާތްތަކުގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ޚާއްސަ ޢިނާޔަތެއް ދެއްވާނެކަމަށެވެ. މިގޮތުން ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށެވެ.

"3 އަހަރު ދުވަހުގެ ތެރޭ ދައްކާގޮތަށް 1 އަހަރުގެ ގްރޭސް ޕީރިއަޑަކާ އެއްކޮށް ލޯން ދޫކުރާނީ. 3 އަހަރު ފަހުން ދައްކާނަމަ އިތުރު 3 މަސްދުވަހަށް %5 އިންޓްރެސްޓެއް ނަގާނެ. ރަށަށް ބަދަލުވާ މުއްދަތުގެ ތެރޭގައި އަދި ދިރިއުޅުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ހަމަސްދުވަހުގެ މުއްދަތަށް ކޮންމެ އާއިލާއކަށް ކަނޑައެޅޭ ވަކި އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވޭ." ޖެންޑަރ މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން އިބްރާހީމް މުޙައްމަދު ވިދާޅުވިއެވެ.

މިޕްރޮގްރާމްގެ ދަށުން ޖެންޑަރ މިނިސްޓްރީން ވަނީ އަސާސީ ޚިދުމަތްތައް ކަނޑައެޅޭ ރޭޓަކުން ފޮރުކޮށްދިނުމަސްވެސް ނިންމާފައެވެ. އަދި މާލޭގައި ސިވިލްސަރިވސަގއި މަސައްކަތް ކުރާ ފަރާތަކަށް ރަށުން ސިވިލްސަރވިސްގެ ވަޒީފާ ހޯދައިދިނުމުގައި އެހީތެރިވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި އދ.ގެ އެކި އެޖެންސީތަކާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ޖެންޑަރ މިނިސްޓްރީން މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

ޖެންޑަރ މިނިސްޓްރީން އަންނަނީ ކޯވިޑް-19ގެ މިހާލަތުގައި މާލޭގައި މަގުމަތިވެފައި ތިބި މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ ފަރުވާ ފޯރުވައިދެމުނެނެވެ. މީގެ އިތުރުން އަމިއްލަ ރަށަށް ގޮސް ކަރަންޓީން ވާނެ ތަނެއް ނެތް ފަރާތްތަކަށް އެކަން ހަމަޖައްސާ މާލީ ގޮތުން އެހީ ބޭނުންވާނަމަ އެކަންވެސް ކުރައްވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ނާޒުކު ޙާލަތްތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް، އެ ފަރާތްތަކަށް ކެއަރ ޕެކޭޖު ފޮނުވުމުގެ މަސައްކަތްވެސް ޖެންޑަރ މިނިސްޓްރީން ގެންދަނީ ކުރަމުންނެވެ.