ޚަބަރު

އިންޑިޔާއިން އިތުރު ކޯވިޑް-19 ވެކްސިންތައް އުފައްދާނެ: ބޮޑުވަޒީރު މޯދީ


އިންޑިޔާގައި ތައްޔާރުކުރާ އިތުރު ކޯވިޑް-19 ވެކްސިންތައް އެހެން ޤައުމުތަކަށް ބޭރުކުރާނެކަމަށް އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ވޯލްޑް އެކޮނޮމިކް ފޯރަމްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު މޯދީ ވިދާޅުވީ އިންޑިޔާގައި އުފައްދާފައިވާ ދެ ވެކްސިނެއް މިހާތަނަށް ތަޢާރަފްކޮށްފައިވާއިރު ކުރިއަށް އޮތްތަނުގައި އެފަދަ ގިނަ ވެކްސިންތަކެއް އިންޑިޔާއިން ލިބެން ހުންނާނެކަމަށެވެ. ވެކްސިން ތައްޔާރުކުރުމަށް ބޭނުންވާ އުމްރާނީ ވަޞީލަތްތައް އިންޑިޔާގައި ޤާއިމްކޮށްފައިވާކަން ފާހަގަކުރައްވަމުން މޯދީ ވިދާޅުވީ ވެކްސިންގެ މަސައްކަތުގައި އިންޑިޔާއިން ދުނިޔެއަށް ޢަދާކޮށްދޭންޖެހޭ ޒިންމާ އެ ޤައުމުން ޢަދާކޮށްފައިވާކަމަށެވެ.

ބޭހާއި ވެކްސިން އުފެއްދުމުގައި ދުނިޔޭގެ އެންމެ ފުންނާބުއުސް އެއް ޤައުމުކަމުގައިވާ އިންޑިޔާއިން މިހާރުވަނީ ކޯވިޑް-19އާއި ދެކޮޅަށް ދެ ވެކްސިނެއް ތައްޔާރުކޮށްފައެވެ. އެއީ އެސްޓްރަޒެނެކާގެ ޚާއްޞަ ލައިސެންސެއްގެ ދަށުން ކޯވިޝީލްޑްގެ ނަމުގައި އުފައްދާ އޮކްސްފޯޑާއި އެސްޓްރަޒެނެކާގެ ވެކްސިނާއި އިންޑިޔާން ކައުންސިލް އޮފް މެޑިކަލް ރިސާޗާއި ބަރަތު ބަޔޯއެންޓެކުން ތައްޔާރުކޮށްފައިވާ ކޯވެކްސިނެވެ.

ކޯވިޝީލްޑް ވެކްސިން ތައްޔާރުކުރަމުންދަނީ އިންޑިޔާގެ ސީރަމް އިންސްޓިޓިއުޓުންނެވެ. އިންޑިޔާގެ މަހާރަޝްތާގެ ޕޫނޭ ސިޓީގައި ހުންނަ ސީރަމް އިންސްޓިޓިއުޓަކީ ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ކުންފުންޏެވެ. އިންޑިޔާގެ ކުންފުންޏެއްކަމަށްވާ ޒައިޑަސް ކަޑިއްލާއިންވެސްދަނީ ޑީއެންއޭގެ މައްޗަށް ބިނާކޮށް ކޯވިޑް-19އާއި ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރަމުންނެވެ. އެ ފެސިލިޓީއަކީ ބޮޑުވަޒީރު މޯދީގެ އުފަން ސްޓޭޓުކަމުގައިވާ ގުޖުރާތުގެ އަހުމަދުއާބާދުގައި ހުންނަ ފެސިލިޓީއެކެވެ.

އިންޑިޔާއިންދަނީ އެ ޤައުމުގައި އުފައްދާފައިވާ ކޯވިޑް-19 ވެކްސިންތައް އެކި ޤައުމުތަކަށް އެކްސްޕޯޓު ކުރަމުންނެވެ. އަދި އިންޑިޔާއިންދަނީ ހިލޭ އެހީގެ ގޮތޮގައިވެސް އެތައް ހާސް ވެކްސިން ޑޯޒްތައް އަވަށްޓެރި ޤައުމުތަކަށް ފޯރުކޮށްދެމުންނެވެ. އިންޑިޔާގައި ކޯވިޑް-19 ވެކްސިން ދިނުމުގެ ޙަރަކާތް ފަށާފައިވަނީ ޖަނަވަރީ މަހުގެ 16ވަނަ ދުވަހުގައެވެ. މިހާތަނަށް އެ ޤައުމުގައި 2.4 މިލިއަނެއްހާ މީހުންނަށްވަނީ ވެކްސިން ދީފައެވެ. މި އަހަރުގެ ޖުލައި މަހުގެ ކުރިން 300 މިލިއަން މީހުންނަށް ވެކްސިން ދިނުމަށް އިންޑިޔާއިންވަނީ އަމާޒު ހިފާފައެވެ.

މޯދީ ވިދާޅުވީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑިޔާގެ 1.3 ބިލިއަން ރައްޔިތުންނަށް ސަރުކާރުގެ ފަރާތުން 'ހެލްތު އައިޑެންޓިޓީ ކާޑު' ދޫކުރާނެކަމަށެވެ. އޭނާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން މުޅި ދުނިޔެއަށް ލިބިފައިވާ ކުއްލި ސިހުމުން އަރައިގަތުމަށް އިންޑިޔާއިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާކަމަށާއި އެ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. މޯދީ ވިދާޅުވީ އިންޑިޔާގެ އިޤްތިޞާދީ ޙާލަތު ވަރަށް އަވަހަށް ބަދަލުވެގެން ދާނެކަމުގެ ޔަޤީންކަން ވިޔަފާރީގެ ދުނިޔެއަށް ދެއްވާކަމަށެވެ. އިންޑިޔާގައި ކޯވިޑް-19 ވެކްސިން އުފެއްދުމަށް އެ ޤައުމުން އިސްކަންދޭ މައިގަނޑު އެއް ސަބަބަކީ އެ ޤައުމަކީ އެކްސްޕޯޓު ހަބަކަށް ހެދުންކަމަށްވެސް މޯދީ ވިދާޅުވިއެވެ.