ޚަބަރު

ކޯވިޑް-19، ދިފާޢު: މިއަދު ވެކްސިން ޖެހި މީހުންގެ ޢަދަދު އިއްޔެއަށްވުރެ ދެގުނަ އިތުރު


ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ ޢަދަދު 3000އިން މައްޗަށް އަރައިފިއެވެ. މިހާރުވަނީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައިވެސް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު ރާއްޖޭގައި ޖުމްލަ 1626މީހުންނަށްވަނީ ވެކްސިން ދީފައެވެ. މިއީ އޭގެ ކުރީ ދުވަހަށްވުރެ ދެގުނަ އިތުރު އަދަދެކެވެ. މިއާއެކު މިހާތަނަށް ރާއްޖޭގައި ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދުވަނީ 3204އަށް އަރާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު މާލެ ސަރަޙައްދުން ވެކްސިން ޖެހީ 1477މީހުންނެވެ. މާލެ ސަރަޙައްދުން ޖުމްލަ 2786މީހުންވަނީ ވެކްސިން ޖަހާފައެވެ.

އަތޮޅުތަކުގެ ރަށްތަކުގައި 149މީހުނަށް ވެކްސިން ދީފައިވެއެވެ. މިހާތަނަށް ވެކްސިންދިން މީހުންގެ ޖުމްލަ އަދަދަކީ 418އެވެ.

މާލޭގެ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދަނީ 6ސެންޓަރެއްގައެވެ. އެއީ މާލޭ ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް، ސެނަހިޔާ، ވިލިމާލެ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. އަތޮޅުތަކުގެ 4ހޮސްޕިޓަލެއްގައި ވެކްސިން ޖެހުމުގެ މަސައްކަތްވަނީ ފަށާފައެވެ.

ރާއްޖޭގައި ކޯވިޑް19އިން ދިފާއުވުމަށް ޖަހާ ވެކްސިން ޖަހަން ފަށާފައިވަނީ މިމަހުގެ 1ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ޖަހަންފެށީ އޮކްސްފޯޑާ ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނި ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިން ތައްޔަރުކުރީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައެވެ. ރާއްޖޭގައި މިހާރު ޖަހަން ފަށާފައިވާ ކޮވިޝީލްޑް ވެކްސިންގެ 100000 ޑޯޒްއަކީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިންއެވެ.

ވެކްސިން ފުރަތަމަ ފަށާފައިވަނީ ކޯވިޑް 19އާ ގުޅިގެން ފްރަންޓް ލައިންގައި މަސައްކަތްކުރަމުންދާ މީހުންނާ އުމުރުން ދުވަސްވީ މީހުންނަށެވެ. އަދި މިހާރުވަނީ ޓީޗަރުންނާ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށްވެސް ވެކްސިން ދިނުމުގެ މަސައްކަތް ފަށާފައެވެ. ވެކްސިންގެ ޑޯޒް ފުރިހަމަކުރެވޭނީ ދެ ޑޯޒް ވެކްސިން ޖަހައިގެންނެވެ. ފުރަތަމަ ޑޯޒްއަށްފަހު ދެވަނަ ޑޯޒް ޖަހަންޖެހޭނީ 4 ހަފްތާ ފަހުންނެވެ.

ރާއްޖެއިންވަނީ ކުރިއަށް އޮތް ހަމަސްތެރޭ، ވެކްސިން ޖެހޭ މުޅި އާބާދީއަށް ވެކްސިން ދީ ނިންމުމަށް އަމާޒު ހިފާފައެވެ. އެގޮތުން 7 ލައްކަ ޑޯޒް ގެނައުމަށް ސަރުކާރުން އޯޑަރު ދީފައިވާއިރު، ޗައިނާއިންވެސް ރާއްޖެއަށް 100000 ވެކްސިން ޑޯޒް ހައިޔާކުރުމަށްވަނީ ނިންމާފައެވެ.