ދުނިޔެ

ކޯވިޑް ބަލީގައި އެމެރިކާގެ މަޖިލިސް މެމްބަރެއް މަރުވެއްޖެ


ކޯވިޑް ޖެހިގެން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް މަރުވެއްޖެއެވެ. މިއީ ކޯވިޑް ޖެހިގެން އެ މަޖިލީހުގެ މެންބަރެއް މަރުވި ފުރަތަމަ ފަހަރެވެ.

އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގައި ޓެކްސަސް ސްޓޭޓް ތަމްސީލު ކުރާ ރިޕަބްލިކަނުންގެ ރޮން ރައިޓު އެ މަޖިލީހަށް ހޮވުނީ 2018ވަނަ އަހަރުގެ ތެރޭގައެވެ. ރޮން ވަނީ މަޖިލީހުގެ ތިރިގޭގެ ޚާރިޖީ ކޮމިޓީއާއި ތަޢުލީމާއި ލޭބާ ކޮމިޓީގައިވެސް މަސައްކަތްކޮށްފައެވެ.

ރޮން ކޯވިޑަށް ޕޮޒިޓިވްވިއިރު އޭނާ ގެންދިޔައީ ކެންސަރު ބައްޔަށްވެސް ފަރުދާ ހޯއްދަމުންނެވެ. އުމުރުން 67 އަހަރުގެ ރޮން ކޯވިޑަށް ޕޮޒިޓިވްވީ މިދިޔަ މަހުގެ ތެރޭގައެވެ.

މީގެ ކުރިންވެސް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ގިނަ މެންބަރުންތަކަށް ވަނީ ކޯވިޑް ޖެހިފައެވެ. އެހެންނަމަވެސް މީގެން އެއްވެސް މެމްބަރަކަށް މި ބަލީގައި ބޮޑުވަރެއް ނުވެއެވެ. ނަމަވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި މަޖިލީހުގެ ގޮނޑިއެއް ކާމިޔާބުކުރި އުމުރުން 41 އަހަރުގެ ލޫކް ލެޓްލޯ ވަނީ ކޯވިޑް ބަލީގައި މަރުވެފައެވެ. އެހެންނަމަވެސް އޭނާ މަރުވިއިރު އަދި މަޤާމުގެ ހުވާކޮށްފައެއް ނުވެއެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ އަދި އެ ބަލީގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެ ޤައުމުގައި މިހާތަނަށް 27.7 މިލިއަން މީހުންނަށް ބަލިޖެހި 476،405 މީހުން ވަނީ މަރުވެފައެވެ. އަދި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 87،031 މީހުންނަށް ބަލިޖެހި 1،489 މީހުންވަނީ މަރުވެފައެވެ.