ޚަބަރު

ގެވެށިއަނިޔާ ކުރިމަތިވަނީ އަންހެނުންނަށް އެކަންޏެއްނޫން- އަނިލް


ގެވެށި އަނިޔާ އަކީ ވަކި ޖިންސަކަށް ނިސްބަތްވީތީ ކުރިމަތިވާ އަނިޔާއެއް ނޫންކަމަށާއި، އަދި ހަމައެކަނި އަންހެނުންނަށް ލިބޭ އަނިޔާއެއްވެސް ނޫންކަމަށް އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ. ޖެންޑަރ ބޭސްޑް ވަޔަލެންސް އީ-ލާނިންގް ކޯސް އިފްތިތާހް ކޮއްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އަނިލް ވިދާޅުވީ ކަންމިހެން އޮތްނަމަވެސް އަންހެނުންނަށް މިފަދަ އަނިޔާ ލިބޭ މިންވަރު ގިނަކަމަށެވެ. އެގޮތުން ޖިންސީ އަދި ޖިސްމާނީ އަނިޔާ ރާއްޖޭގައި ގިނަ އަންހެނުންނަށް ލިބެނީ އާއިލާގެ ތެރެއިން ނުވަތަ ގާތް މީހުންގެ ފަރާތުން ކަމަށް ދިރާސާތަކުން ދައްކާކަމަށް އަނިލް ވިދާޅުވިއެވެ. މީގެ އިތުރުން ސަރުކާރުން އެއްވެސް މީހަކަށް އަނިޔާއެއް ދިނުމަށް އެއްބާރުލުން ނުދޭނެ ކަމަށާއި އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަށް އަޅާނެކަމަށް އަނިލް ވިދާޅުވިއެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ މި އީ-ކޯހަކީ ގެވެށިއަނިޔާ ލިބެމުންދާ ފަރާތްތަކާއިމެދު ސިއްހީ ދާއިރާއިން ޢަމަލުކުރާނެ އުސޫލުތަށް ކަނަޑައެމަށް ދުނިޔޭގެ އާބާދީ ޖަމިއްޔާއާއި ގުޅިގެން ތައްޔާރޮށްފައިވާ ގައިޑްލައިންގެ މައްޗަށް އެކުލަވާލާފައި ވާ މޮޑިއުލަކަށް ހިންގާ ކޯހެއްކަމަށެވެ. މީގެ އިތުރުން މިފަދަ ކޯހެއްގެ އަމާޒަކީ ރާއްޖެފަދަ ޖަޒީރާ ޤައުމެއްގައި މިފަދަ މައްސަލަތަކަށް އެދެވޭ އަވަސް ހައްލެއް ހޯދައި ދިނުން ކަމަށް އިރުތިޝާމް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސިއްހީ ދާއިރާއަކީ ޖިންސީ އަދި ޖިސްމާނީ އަނިޔާލިބޭ ފަރާތްތަކަށް އިންސާފު ލިބުމުގައި މުހިންމު ރޯލެއް އަދާކުރެވޭނެ ބައެއްކަމަށެވެ. 2004 ވަނަ އަހަރު ރާއްޖޭގައި ކުރެވިފައި ވާ ދިރާސާއަކުން ދައްކާގޮތުގައި 15 އަހަރާއި 49 އަހަރާދެމެދުގެ ކޮންމެ 3 އަންހެނަކުން 1 ކަކީ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއެއް ލިބިފައި ވާ މީހެކެވެ.