ދުނިޔެ

ބަލިން ރަނގަޅުވި ސްޕެއިން މީހުންނަށް ވެކްސިން ދޭނީ ހަ މަސް ފަހުން


ސްޕެއިނުގައި ކޯވިޑް ޖެހި ރަނގަޅުވާ މީހުންނަށް ބައްޔާއި ދެކޮޅަށް ވެކްސިން ދޭނީ ބަލިން ފަސޭހަވާތާ ހަ މަސް ދުވަސްވުމުންކަމަށް އެ ޤައުމުގެ ޞިއްޙަތާއިބެހޭ ވުޒާރާއިން ބުނެފިއެވެ.

ސްޕެއިނުގައި މިވަގުތު ދަނީ ފައިޒާ ، މޮޑާނާ، އަދި އެސްޓްރަޒެނެކާގެ ވެކްސިން ދެމުންނެވެ. ސްޕެއިނުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނީ އުމުރުން 55 އަހަރުން ދަށުގެ މީހުންގެ ތެރެއިން ޞިއްޙީ ބޮޑެތި މައްސަލައެއް ނެތް ފަރާތްތަކުން ބަލިޖެހި ރަނގަޅުވުމަށްފަހު ވެކްސިން ޖެހުމުގެ ކުރިން ހަ މަސް ދުވަހު މަޑުކުރަންޖެހޭނެކަމަށެވެ.

ވިލާތުގެ ޤައުމުތަކުގައި ހަމައެކަނި އަޅާފައިވާކަމަށް ބެލެވޭ މި ފިޔަވަޅު އެޅުމަށް ސްޕެއިނުން ނިންމީ ބަލިޖެހި ރަނގަޅުވެފައިވާ މީހުންނަށް ހަ މަސް ނުވަނީސް އަލުން ބަލިޖެހުމުގެ ފުރުޞަތު ކުޑަކަމަށް ބުނެއެވެ. އެހެންކަމުން މިޙާލަތުގައި އިސްކަން ދޭނީ މީގެ ކުރިން ބަލިޖެހިފައި ނުވާ މީހުންނަށްކަމަށް ސްޕެއިނުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެއެވެ. ނަމަވެސް އުމުރުން 55 އަހަރުން މަތީގެ މީހުންނާއި، ޞިއްޙީ އެހެން މައްސަލަތައް ހުންނަ މީހުންނަށް ބަލިން ފަސޭހަވާތާ ހަ މަސް ނުވިނަމަވެސް ވެކްސިން ދޭނެކަމަށް އެ ވުޒާރާއިން ބުނެއެވެ.

އިނގިރޭސިވިލާތުން ކޮށްފައިވާ ދިރާސާއެއްގެ ނަތީޖާއިން ދައްކާގޮތުގައި މީގެ ކުރިން ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެއިން 99 އިންސައްތަ މީހުންގެ ހަށިގަނޑުގައި ބަލިން ފަސޭހަވުމަށްފަހު ތިން މަސް ދުވަސް ވަންދެން ބައްޔާއި ދެކޮޅަށް މަސައްކަތްކުރާ އެންޓިބޮޑީ ދެމި ހުރެއެވެ. އަދި 88 އިންސައްތަ މީހުންގެ ހަށިގަނޑުގައި ހަ މަސް ދުވަހުގެ މުއްދަތަށް އެންޓިބޮޑީ ހުއްޓެވެ.

ސްޕެއިނުގައި މިހާރު ކުރިއަށްދާ ވެކްސިން ޕްރޮގްރާމްގެ ދަށުން އުމުރުން 55 އަހަރުން ދަށުގެ މީހުންގެ ތެރެއިން މިވަގުތަށް ވެކްސިން ދެމުންދަނީ ހަމައެކަނި ޞިއްޙީ ޚިދުމަތްތެރިންނަށެވެ. އިމިއުނޮލޮޖީއާއި ބެހޭ ބައެއް މާހިރުން ބުނީ ވެކްސިންގެ ސްޓޮކް ހުރި މިންވަރު ދަށްނަމަ، އަދި ކުރިން ބަލިޖެހިފައިވާ މީހުން ޔަޤީންކަމާއިއެކު ފާހަގަކުރެވޭނެ ހަރުދަނާ ނިޒާމެއް އޮތްނަމަ ކުރިން ބަލިޖެހިފައި ނުވާ މީހުންނަށް ވެކްސިން ދިނުމުގައި އިސްކަން ދިނުމަކީ ބަލައިގަނެވޭނެކަމެއްކަމަށެވެ.

ސްޕެއިނުގައި މިހާރު ފެތުރެމުންދާ ބަލީގެ ތިންވަނަ ރާޅު މަޑުޖެހެން ފަށާފައިވާކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. އެ ޤައުމުގައި މިހާތަނަށް 3.02 މިލިއަން މީހުންނަށް ކޯވިޑް ޖެހި، 63،704 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ ކޮންމެ 100،000 މީހުންގެ ތެރެއިން 493 މީހުންނަށެވެ. އޭގެ ކުރީ ހަފުތާގައި ކޮންމެ 100،000 މީހުންގެ ތެރެއިން 900 މީހުންނަށް ދިޔައީ ބަލިޖެހެމުންނެވެ.

ކޯވިޑް ޖެހި ފަސޭހަވެފައިވާ މީހުންނަށް ވެކްސިން ދިނުމުގެ ބޭނުމެއް ނެތްކަމަށް އިޓަލީވިލާތުގެ ސައިންސްވެރިންވަނީ ބުނެފައެވެ. ނަމަވެސް އެ ޤައުމުގެ ސަރުކާރުން ބަލިން ރަނގަޅުވެފައިވާ މީހުންނަށް ވެކްސިން ނުދިނުމާއި ގުޅޭގޮތުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

ފަރަންސޭސިވިލާތުގެ އާންމު ޞިއްޙަތާއިބެހޭ އިދާރާއިން ޤަބޫލުކުރާގޮތުގައި އަލާމާތްތަކާއި އެކު ބަލިޖެހިފައިވާ މީހުންނަށް ވެކްސިން ދިނުމުގެ ބޭނުމެއް ނެތެވެ. ނަމަވެސް ބަލީގެ އަލާމާތްތައް ފެންނަން ފެށި ދުވަހުން ފެށިގެން ތިން މަސް ދުވަހަށްފަހު އެ ފަރާތްތަކަށްވެސް ވެކްސިން ޖެހުމުގެ ފުރުޞަތު އެ ޤައުމުންވަނީ ދީފައެވެ. ނަމަވެސް ނެދަލޭންޑްސުންވަނީ ބަލިން ރަނގަޅުވާތާ ހަތަރު ހަފުތާގެ ފަހުން ބައްޔާއި ދެކޮޅަށް ވެކްސިން ޖެހުމަށް ލަފާދީފައެވެ.