ދުނިޔެ

ޖަޕާނުން ފައިޒާގެ ވެކްސިނަށް ހުއްދަދީ ވެކްސިން މަޝްރޫޢު ފަށަނީ


ކޯވިޑާއި ދެކޮޅަށް ފައިޒާއާއި ބަޔޯއެންޓެކު ކުންފުނިން އުފައްދާފައިވާ ވެކްސިން ބޭނުންކުރުމުގެ ޙުއްދަ ޖަޕާނުން ދީފިއެވެ. މިއީ ކޯވިޑްގެ ވެކްސިނަކަށް ޖަޕާނުން ޙުއްދަދިން ފުރަތަމަ ފަހަރެވެ.

ޖަޕާނުގައި މިހާތަނަށް 414،472 މީހުންނަށް ކޯވިޑް ޖެހި 6،912 މީހުންވަނީ މަރުވެފައެވެ. މި އަހަރުގެ ޖުލައި މަހުގެ 23ވަނަ ދުވަހުގައި އެ ޤައުމުގައި އޮލިމްޕިކް ގޭމްސް ކުޅިވަރު މުބާރާތް ބޭއްވުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި ކޯވިޑްގެ ތިންވަނަ ރާޅެއް އެ ޤައުމުގައިދަނީ ފެތުރެމުންނެވެ.

މިދިޔަ ހަފުތާގައި ޖަޕާނު ސަރުކާރުގެ ޚާއްޞަ ޕެނަލަކުންވަނީ ފައިޒާގެ ވެކްސިނަށް ޙުއްދަ ދިނުމަށް ފެންނަކަމަށް ސަރުކާރަށް ލަފާދީފައެވެ. އެއާއިއެކު އެ ޤައުމުގެ ޞިއްޙަތާއި ބެހޭ ވަޒީރު ނޮރޮހިސާ ޓަމޫރާވަނީ ވީ އެންމެ އަވަހަކަށް އެ ޤައުމުގައި ވެކްސިން ބޭނުންކުރުމަށް ބޭނުންވާ ޙުއްދަ ދޭނެކަމަށް ވިދާޅުވެފައެވެ. ސަރުކާރުން ވެކްސިނަށް ޙުއްދަދިނީ އިއްޔެގެ ވަގުތެއްގައެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑެ ސޫގާ ވިދާޅުވީ އަންނަ ހަފުތާގެ މެދުތެރޭގައި އެ ޤައުމުގައި ކޯވިޑް ވެކްސިން ދޭން ފަށާނެކަމަށެވެ. އެގޮތުން އެ ޤައުމުގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ ކުރީ ސަފުގައި މަސައްކަތްކުރާ 10،000 ޞިއްޙީ ޚިދުމަތްތެރިންނަށެވެ. 126 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖަޕާނުގެ ހުރިހާ ރައްޔިތުންނަށް މި އަހަރުގެ މެދަކާއި ހަމައަށް ދިޔުމުގެ ކުރިން ވެކްސިން ދެވޭވަރަށް ވެކްސިން ހޯދުމަށް އެ ޤައުމުގެ ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ.

ޖަޕާނުގެ ބޮޑު ބައެއްގައި އަދިވެސް އޮތީ ކޯވިޑާއި ގުޅިގެން ކުއްލި ޙާލަތު އިޢުލާނުކޮށްފައެވެ. މިދިޔަ އަހަރުގެ ފަހުކޮޅުގައި ފެތުރެން ފެށި ބަލީގެ ތިންވަނަ ރާޅުގެ ޙާލަތު މިހާރު ދަނީ މަޑުމަޑުން ރަނގަޅުވަމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ވެރިރަށް ޓޯކިޔޯއިން މި ބަލިޖެހިފައިވަނީ 400 އެއްހާ މީހުންނަށެވެ.