ދުނިޔެ

ކޯވިޑާއި ދެކޮޅަށް ކުރާ މަސައްކަތުގައި އެއްބާރުލުން ބޭނުން - ދުރާގީ


ކޯވިޑްގެ ސަބަބުން އިޓަލީވިލާތަށް ކުރިމަތިވެފައިވާ ޙާލަތުން އަރައިގަނެ ޤައުމު އަލުން އާރާސްތުކުރުމަށް ރައްޔިތުން އެކުގައި މަސައްކަތްކުރުމަށް އެ ޤައުމުގެ އައު ބޮޑުވަޒީރު މާރިއޯ ދުރާގީ ގޮވާލައްވައިފިއެވެ. ބޮޑުވަޒީރުގެ މިކަމަށް ގޮވާލެއްވީ ފުރަތަމަ ފަހަރަށް އެ ޤައުމުގެ ޤަނޫނު ހަދާ މަޖިލީހާއި މުހާތަބުކުރައްވާ ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ދުރާގީ ވިދާޅުވީ ކޯވިޑްގެ ސަބަބުން ހީނަރުވެފައިވާ އިޓަލީވިލާތުގެ އިޤްތިޞާދު ކޮޅަށް ޖެހުމަށް ސަރުކާރުން ގިނަ އިސްލާހުތަކެއް ތައާރަފްކުރާނެކަމަށެވެ. ޔޫރަޕިއަން ސެންޓްރަލް ބޭންކުގެ ކުރީގެ އިސްވެރިޔާގެ މަޤާމުވެސް ފުރުއްވާފައިވާ ދުރާގީ ވިދާޅުވީ ކޯވިޑާއި ދެކޮޅަށް ސަރުކާރުން ކުރެވެންހުރި ހުރިހާ މަސައްކަތައް ކުރާނެކަމަށާއި އިޓަލީވިލާތަކީ ކުރިއަށްއޮތް ޖީލުތަކަށް އިހަށްވުރެ ވަރުގަދަ އަދި ފެހި ޤައުމަކަށް ހައްދަވަން ބޭނުންފުޅުވާކަމަށެވެ.

ބޮޑުވަޒީރުގެ ގޮތުގައި ހުންނަވާ ދުރާގީ އެންމެ ޚާއްޞަ އިސްކަމެއް ދެއްވާނީ އިޓަލީވިލާތުގައި ކޯވިޑް ވެކްސިން ދިނުމުގެ މަޝްރޫޢު ވީ އެންމެ ރަނގަޅަކަށް ކުރިއަށް ގެންދިޔުމަށްކަމަށް ވިދާޅުވިއެވެ. އެގޮތުން ވެކްސިން ދިނުމުގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ދުވެލި އަވަސްކުރުމަށް ޤައުމުގެ އަސްކަރިއްޔާގެ އެހީތެރިކަން ހޯއްދަވާނެކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

އިޓަލީވިލާތުގެ ހީނަރުވެފައިވާ އިޤްތިޞާދު އަލުން އާރާސްތުކުރުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން އެ ޤައުމަށް ދީފައިވާ 240 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުކުރާނެ ގޮތް ރޭވުމަށްވެސް ޚާއްޞަ އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވިއެވެ. ޔޫރަޕިއަން ޔޫނިއަނުން ދީފައިވާ ފައިސާ އެންމެ ރަނގަޅަށް ޚަރަދުކުރުމުގެ ބޭނުމުގައި އިޓަލީވިލާތުގެ ޕަބްލިކް އެޑްމިނިސްޓްރޭޝަން ނިޒާމު އިސްލާހު ކުރައްވާނެކަމަށް ދުރާގީވަނީ އިޝާރާތްކުރައްވާފައެވެ. މިވަގުތަށް އެންމެ މުހިންމީ ހުރިހާ ގޮތަކުން މަސައްކަތްކޮށް ކޯވިޑާއި ދެކޮޅަށް ކާމިޔާބީ ހޯދައި، ޤައުމުގެ ރައްޔިތުންގެ ފުރާނަ ރައްކާތެރިކުރުންކަމަށް އޭނާ ވިދާޅުވިއެވެ.

އިޓަލީވިލާތުގައި ވެރިކަންކުރަމުންދިޔަ އިއްތިހާދުގެ ތެރޭގައި ދެބަސްވުން އުފެދި އިއްތިހާދު ރޫޅުމުން އިޓަލީވިލާތުގެ ރައީސް، ސާޖިއޯ މަތަރެއްލާވަނީ ޤައުމުގެ ހިންގުމާއި ހަވާލުވުމަށް ދުރާގީގެ އަރިހުން އެދިވަޑައިގެންފައެވެ. އިޓަލީވިލާތުގެ ސިޔާސީ ބޮޑެތި ޕާޓީތަކުގެ ތެރެއިން އެއް ޕާޓީ ފިޔަވައި ހުރިހާ ޕާޓީއަކުންވަނީ އިޓަލީވިލާތުގެ ބޮޑުވަޒީރުކަމަށް ދުރާގީ އައްޔަނުކުރުމަށް ތާއީދުކޮށްފައެވެ. ދުރާގީގެ ވަޒީރުންގެ މަޖިލީހުގައި ސިޔާސީ އެކި ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނިވަޑައިގަންނަވައެވެ. 23 ވަޒީރުން ތިއްބަވާ އެ މަޖިލީހުގައި 8 އަންހެން ބޭފުޅުންވެސް ތިއްބަވައެވެ.

އިޓަލީވިލާތުގެ ހީނަރުވެފައިވާ އިޤްތިޞާދަށް ހެޔޮ ބަދަލެއް ގެނައުމުގައި ދުރާގީ ކާމިޔާބުވެވަޑައިގެންފިނަމަ އެ ޤައުމަށް ކުރިމަތިވެފައިވާ މައްސަލަތަކާއިމެދު ކަންބޮޑުވުން ފައުޅުކުރާތާ ގިނަ ދުވަސްތަކެއް ވެފައިވާ ޔޫރޯ ޒޯނަށްވެސް އޭގެ ފައިދާ ކުރާނެއެވެ. އޭގެ އިތުރުން ވިލާތުގެ އުތުރުށްވުރެ ފަގީރު ދެކުނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުން މުޅި އެ ސަރަހައްދަށް އެއްކޮށް އޭގެ ފައިދާ ކުރާނެކަމުގެ ޔަޤީންކަން އުތުރަށް ލިބިގެންދާނެއެވެ.

އިޓަލީވިލާތުގައި މިހާތަނަށް 2.7 މިލިއަން މީހުންނަށް ކޯވިޑް ޖެހި 93،577 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. ކޯވިޑްގެ ސަބަބުން އިޓަލީވިލާތަށް ކުރިމަތިވެފައިވާ ޙާލަތު ރަނގަޅުކުރުމަށް ދުރާގީއަށް މާ ގިނަ ވަގުތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. މީގެ ދެ އަހަރު ފަހުން އިޓަލީވިލާތުގައި އަނެއްކާވެސް އިންތިޚާބެއް އޮންނާނެއެވެ. އިންތިޚާބުގެ ކުރިން މި ހިނގާ ދެ އަހަރު ދުވަހު ބޮޑުވަޒީރުގެ ގޮތުގައި ދުރާގީއަށް ދެމިހުރެވޭނެކަމާއިމެދުވެސް ވަނީ ސުވާލު އުފެދިފައެވެ. ދުރާގީގެ އިއްތިހާދުގައި ހިމެނޭ ސިޔާސީ ޕާޓީތަކަކީ އިމިގްރޭޝަނާއި އުމްރާނީ ތަރައްޤީއާއި އިންސާފާއި ވެލްފެއާ އާއި ގުޅޭ ކަންކަން ހިމެނޭގޮތަށް މުހިންމު ގިނަ ކަންކަމާއި މެދު ތަފާތު ޚިޔާލުތައް ގެންގުޅޭ ޕާޓީތަކެކެވެ.

ދުރާގީގެ ސަރުކާރަކީ 1946ވަނަ އަހަރުން ފެށިގެން އިޓަލީވިލާތުގައި ވެރިކަންކުރާ 67ވަނަ ސަރުކާރެވެ. އަދި ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ވެރިކަންކުރާ ހަތްވަނަ ސަރުކާރެވެ.