ދުނިޔެ

ކޯވިޑް ބަލީގައި އެފުރިކާގައި މަރުވި ޢަދަދު 100،000 ހުރަސްކޮށްފި


އެފުރިކާގައި ކޯވިޑް-19 ޖެހިގެން މަރުވި މީހުންގެ ޢަދަދު 100،000 ހުރަސްކޮށްފިއެވެ.

އެފުރިކާ ބައްރުގައި މިހާތަނަށް 100،354 މީހުން މަރުވެފައިވާއިރު އުތުރު އެމެރިކާގެ ސަރަޙައްދުތަކުގައި ބައި ބިލިއަނެއްހާ މީހުންވަނީ މަރުވެފައެވެ. އަދި ވިލާތުގައި މަރުވެފައިވާ މީހުންގެ ޢަދަދުވަނީ 900،000 އަށްވުރެ އިތުރުވެފައެވެ.

ދުނިޔޭގެ އެހެން ބައްރުތަކާއި އަޅާބަލާއިރު އެފުރިކާ ބައްރުގައި ކޯވިޑް ޖެހިގެން މަރުވާ މީހުންގެ ޢަދަދު ނިސްބަތުން ދަށް ނަމަވެސް އެ ބައްރުގައި ހިމެނޭ ޤައުމުތަކުގައި ބަލިމަޑުކަމުގެ ދެވަނަ ރާޅެއްދަނީ ބާރު ދުވެލީގައި ފެތުރެމުންނެވެ. އޭގެ ސަބަބުން ޤައުމުތަކުގެ ހަސްފަތާލުތަކަށް ބާރުބޮޑުވެ ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގައިދަނީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ.

އެފުރިކާ ބައްރުން އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވަމުންދަނީ އެ ބައްރުގެ ދެކުނުގެ ސަރަޙައްދުތަކުގައެވެ. އެގޮތުން އެފުރިކާ ބައްރުން މަރުވެފައިވާ މީހުންގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޙިއްޞާކުރަނީ އެ ސަރަޙައްގެ މައި އިޤްތިޞާދީ މަރުކަޒުކަމުގައިވާ ދެކުނު އެފުރިކާއިންނެވެ. އެ ޤައުމުގައި ކޯވިޑްގެ އައު ވޭރިއެންޓެއް ހަލުވިކަމާއިއެކު ފެތުރެމުންދާތީ ހަސްފަތާލުތައްދަނީ ފުރެމުންނެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯގެ އެފުރިކާ އޮފީހުގެ ކޯޑިނޭޓަރެއްކަމަށްވާ ރިޗާޑް މިހީގޯ ވިދާޅުވީ އެފުރިކާ ސަރަޙައްދުގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު އިތުރުވެ، ޙާލު ދެރަވާ މީހުންގެ ޢަދަދު އިތުރުވުމުން ބައެއް ޤައުމުތަކުން ބޮޑެތި އުނދަގޫތަކާއި ކުރިމަތުލަމުންދާކަމަށެވެ. ބައެއް ޤައުމުތަކުގައި ލިބެން ހުރި އޮކްސިޖަންގެ މިންވަރު ލިމިޓުކުރަން ޖެހުން ފަދަ ޙާލަތްތައްވެސް މެދުވެރިވަމުންދާކަމަށާއި، އޭގެ ސަބަބުން ޙާލު ދެރަވާ ބަލިމީހުންނަށް ފަރުވާ ދިނުމަށް އުނދަގޫވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މިހީގޯ ވިދާޅުވީ ދެކުނު އެފުރިކާއާއި ކައިރި ޤައުމުތައް ކަމުގައިވާ ޒިމްބާބްވޭ، މޮޒަމްބީގު އަދި މަލާވީގައިވެސް ކޯވިޑް ޖެހިގެން މަރުވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށެވެ. އެއާއިއެކު މިދިޔަ އަހަރުގެ ފަހުކޮޅުގައި ފެނުނު ވޭރިއަންޓު އެފުރިކާގެ ދެކުނުގެ ޤައުމުތަކަށް ފެތުރިފައިވާކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ޔަޤީންކުރުމަށް އިތުރު ޖީނޯމިކް ސިކުއެންސިން ތަހުލީލުތައް ކުރިއަށް ގެންދަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކޯވިޑް ޖެހިގެން ދުނިޔޭގައި މަރުވަނީ ބަލިޖެހޭ މީހުންގެ 2.3 އިންސައްތައެވެ. ނަމަވެސް އެފުރިކާގައި އެ ނިސްބަތް ހުރީ 2.6 އިންސައްތައިގައެވެ. އެ ސަރަޙައްދުގައި ބަލީގެ ފުރަތަމަ ރާޅު ފެތުރެމުންދިޔައިރު އެ ނިސްބަތްހުރީ 2.4 އިންސައްތައިގައެވެ. އެފުރިކާގައި ބައްޔަށް ތަހުލީލުކުރާ މިންވަރު ދަށްވުމުގެ ސަބަބުން ބަލި ޖެހިފައިވާ މީހުންގެ ޢަދަދު ދިމާނުވުން އެކަށީގެންވާއިރު، އޭގެ ސަބަބުން ބަލީގައި މަރުވާ މީހުންގެ ނިސްބަތަށް ބަދަލު އައުން އެކަށީގެންވާކަމަށް މާހިރުންވަނީ ފާހަގަކޮށްފައެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، ޑޮކްޓާސް ވިތައުޓް ބޯޑާސްއިންވަނީ އެފުރިކާގެ ދެކުނުގެ ސަރަޙައްދުތަކަށް ވީ އެންމެ އަވަހަކަށް މި މަހުގެ ތެރޭގައި ކޯވިޑް ވެކްސިން ފޯރުކޮށްދިނުމަށް ގޮވައިލާފައެވެ. ހުޅަނގުގެ މުއްސަނދި ޤައުމުތަކުގައި ކޯވިޑާއި ދެކޮޅަށް ވެކްސިން ދިނުމުގެ މަޝްރޫޢުތައް ފެށިގެން ކުރިއަށްދާއިރު އެފުރިކާގައި ހިމެނޭ ގިނަ ޤައުމުތަކުގައި ވެކްސިން މަޝްރޫޢުތައް އަދިވަނީ ނުފެށިއެވެ.