ޚަބަރު

ކޯވިޑް-19 : ވެކްސިން ޖެހި ފަހުން ނިޔާވި މީހާގެ އަނބިމީހާވެސް ނިޔާވުމުން އެކަން ތަޙްޤީގުކުރަން ފަށައިފި


ކޯވިޑް-19ގެ ވެކްސިން ޖަހާފައި ވަނިކޮށް ނިޔާވި ޢުމުރުން 93 އަހަރުގެ މީހާގެ އަނބިމީހާ މިއަދު ނިޔާވެފައިވާތީ އޭނާއަކީވެސް ވެކްސިން ޖަހާފައިވާ މީހަކަށްވުމުން އެމައްސަލަ ތަޙްޤީގުކުރަން ފަށާފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑައިރެކްޓަރ އަޙްމަދު ނާސިރު ވިދާޅުވީ ގދ.ގައްދުއަށް ނިސްބަތްވާ މިދެމަފިރިންގެ ތެރެއިން ޢުމުރުން 81 އަހަރުގެ އަންހެންމީހާ ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައިކަމަށެވެ.

އެހެންކަމުން މިދެކޭސް އެއްކޮށް ތަޙުޤީގުކުރަމުންދާކަމަށާއި، އެދެމީހުންނަށްވެސް ވެކްސިން ދީފައިވަނީ މިމަހުގެ 17ވަނަ ދުވަހުކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ މުސްޠަފާ ވިދާޅުވީ ވެކްސިން ޖެހުމަށްފަހު ކަމެއް ދިމާވެއްޖެނަމަ އެކަން ބެލުމަށް ޚާއްސަ ކޮމިޓީއެއް އޮންނަކަމަށާ، އެކޮމިޓީން އެކަންކަން ބަލަމުންދާނީ ޙާދިސާ ދިމާވާ މީހާއަށް ފަރުވާދިން ޑޮކްޓަރާއި، އެމްއެންޔޫގެ ބޭފުޅުން އަދި އިތުރު ސްޕެޝަލިސްޓުންގެ އެހީތެރިކަން ބޭނުންވާނަމަ އެކަންވެސް ކޮށްގެންކަމަށެވެ.

ނަމަވެސް ގިނަ ޢަދަދެއްގެ ބަޔަކަށް ވެކްސިން ޖަހަމުންދާއިރު، އިއްތިފާޤަކުން ނުވަތަ ވެކްސިނާއި ގުޅުން ނެތިވެސް ހާދިސާއެއް ހިނގައިފާނެކަމަށާ، ޚާއްސަކޮށް މީހަކު މަރުވެއްޖެނަމަ އެކަން ފުރިހަމައަށް ބަލައި ތަޙްޤީގުކުރާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިމަހުގެ ފުރަތަމަ ދުވަހުންފެށިގެން ރާއްޖޭގައި އަންނަނީ ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖަހަމުންނެވެ.