ޚަބަރު

ކައިވެނި ޕާޓީއެއް ހުއްޓުވައި ސޯލްޓް ކެފޭ ޖޫރިމަނާކޮށްފި


ސޯލްޓް ކެފޭގައި ބޭއްވި ކައިވެނި ޕާޓީއެއް ފުލުހުން ހުއްޓުވައިފިއެވެ.

ފުލުހުން މި ކައިވެނި ޕާޓީ ހުއްޓުވާފައިވަނީ، ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާ ޚިލާފަ ޕާޓީ ބާއްވާފައިވާތީއެވެ. ފުލުހުން ވިދާޅުވީ މިކަމާގުޅިގެން ސޯލްޓް ކެފޭ ޖޫރިމާނާކޮށްފައިވާކަމަށެވެ. ސޯލްޓްކެފޭއަށްވަދެ ކައިވެނި ޕާޓީ ހުއްޓުވާފައިވަނީ މިއަދު ހަވީރު 17:30ހާއިރުއެވެ.

މާލެ ސަރަޙައްދުގައި ކޯވިޑް-19 ފެތުރޭ މިންވަރު އިތުރުވުމާ ގުޅިގެން ހެލްތް ޕްރޮޓެކްޗަން އެޖެންސީއިންވަނީ، ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަށް ހަރުކަށިކޮށްފައެވެ. އެގޮތުން މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގައި ޕާޓީތަކާ، ޙަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކޮށްފައިވަނީ މިދިޔަ ޖެނުއަރީމަހު 27ވަނަ ދުވަހުއެވެ. އަދި ގިނަ މީހުން ބައިވެރިވެގެން ބާއްވާ އެއްވުންތައް ނުބާއްވަން އަންގައި، އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވާމީހުންނާމެދު ފިޔަވަޅުއަލާނެކަމުގެ އިންޒާރުވަނީ ދީފައެވެ.

މި ފިޔަވަޅުތަށް އިތުރަށް ވަރުގަދަކޮށް މިމަހުގެ 12ވަނަ ދުވަހުވަނީ މާލޭ ސަރަޙައްދުގައި އެއްފަރާ އެންމެ ގިނައިން އެއްވެ އުޅެވޭނީ 10މީހުން ކަމުގައިވެސް ކަނޑައަޅާފައެވެ.

މި ފިޔަވަޅުތަކަކީ މީހުން އެއްވާ އެއްވުން ވީހާވެސް ކުޑަކޮށް، ބަލި ފެތުވޭ މިންވަރު ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެވެ. މާލެ ސަރަޙައްދުގައި ކޯވިޑް19 ފެތުރޭ މިންވަރު އިތުރުވާން ފަށާފައިވަނީ ނިމުނު ޖެނިއަރީ މަހުން ފެށިގެންނެވެ. އެގޮތުން މިހާރު ރާއްޖެއިން ކޮންމެ ދުވަހަކު ފެންނަ ކޭސްތަކުގެ އަދަދު އުޅެނީ 100އިން މަތީގައެވެ.