ތިމާވެށި

ދެމެހެއްޓެނިވި ތިމާވެއްޓެއް ނެތި، އިންސާނީ ހައްގުތައް ރައްކާތެރިނުކުރެވޭނެ - ފޮރިން ސެކްރެޓަރީ


ދެމެހެއްޓެނިވި ތިމާވެއްޓެއްނެތި އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތް ކާމިޔާބު ނުކުރެވޭނެކަމަށް ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވީ، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި "ދަ ކޭސް ފޮރ ދި ޔުނިވަރސަލް ރިކޮގްނިޝަން އޮފް ދަ ރައިޓް ޓު އަ ސޭފް، ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވަޔަރަންމަންޓް"ގެ ނަމުގައި ޔުނިވަރސަލް ރައިޓްސް ގްރޫޕްއިން އިންތިޒާމްކޮށްގެން ބޭއްވި ވަރޗުއަލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮރިން ސެކްރެޓެރީ ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ހުރި ގުޅުމާއި ބެހޭގޮތުން ދިގު މުއްދަތަކަށް ކުރެވެމުންދާ މަޝްވަރާތަކަށް އަލިއަޅުއްވާލައްވާފައެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ކުރެވޭ ބަހުސްތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމުގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރުގެ މުހިންމުކަމަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ހައްގުތަކާއި ތިމާވެއްޓަށް ޚާއްސަ ރެޕެޓުއަރއެއް 2012 އަހަރު އައްޔަން ކުރެވުނުކަން ފޮރިން ސެކްރެޓަރީވަނީ ފާހަގަކުރައްވާފައެވެ. ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ނެތި، އިންސާނީ ހައްގުތައް ރައްކާތެރިނުކުރެވޭނެކަންވެސް ފޮރިން ސެކްރެޓަރީވަނީ ފާހަގަ ކުރައްވާފައެވެ.


ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ދިމާވާ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންގެ، ޚާއްސަކޮށް ދިވެހިންގެ، ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ކަނޑުގެ ލޮނުގަނޑު އުސްވުމުން ދިވެހިރާއްޖެފަދަ ނާޒުކު ގައުމަކަށް ނޭދެވޭ އަސަރުކުރާނެކަން ފޮރިން ސެކްރެޓަރީ ޣަފޫރުވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށްވެސް ޣަފޫރު އަލިއަޅުއްވާލެއްވިއެވެ. ވާހަކަ ނިންމަވާލައްވަމުން ފޮރިން ސެކްރެޓަރީ ޣަފޫރު ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ބެހޭ އދ.ގެ ކޯރ ގްރޫޕުން ކުރަމުންދާ މަސައްކަތަށް މެމްބަރު ޤައުމުތަކުގެ އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންފައެވެ.

"ދަ ކޭސް ފޮރ ދި ޔުނިވަރސަލް ރިކޮގްނިޝަން އޮފް ދަ ރައިޓް ޓު އަ ސޭފް، ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވަޔަރަންމަންޓް"ގެ ނަމުގައި ކުރިއަށްގެންދިޔަ ވަރޗުއަލް ބައްދަލުވުމުގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު ބައިވެރިވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުގެ ފަރާތްޕުޅުންނެވެ. މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ބެހޭ ކޯ ގްރޫޕްގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ތިމާވެށި ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުމަށް ބޭއްވި މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެށީގެ މިހާރުގެ ޚާއްސަ ރެޕެޓުއަރ ޑޭވިޑް ބޯއިޑް، އަދި ކުރީގެ ރެޕެޓުއަރ ޖޯން ނޮކްސްގެ އިތުރުން ޔުނިވަރސަލް ރައިޓްސް ގްރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަރ މާކް ލިމަންގެ ޕްރެޒެންޓޭޝަން ވަނީ ހުށަހަޅާފައެވެ.