ޚަބަރު

ކޯވިޑް-19 : މަހަކަށްފަހު ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ޙާލަތުން ނަގައިފި


ކޯވިޑް-19އާ ގުޅިގެން މޮނީޓަރިންއަށް ލާފައި އޮންނަތާ މަހަކަށްފަހު ފުވައްމުލަކު ސިޓީ މޮނިޓަރިންގެ ޙާލަތުން ނަގައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 9ވަނަ ދުވަހު ފުވައްމުލައް މޮނިޓަރިންގެ ޙާލަތަށް ލާފައިވައިރު، އެހާލަތު އުވާލާފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާ ގުޅިގެން ފުވައްމުލަކު ސިޓީން މިހާތަނަށް ރެންޑަމް ސާމްޕަލްގެ ގޮތުގައި 1406 ސާމްޕަލް ނަގާފައިވާކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާއަށް ބަލައި އިތުރުބަޔަކު ޕޮޒިޓިވްވެފައިނުވާކަމަށާއި، މިހާރު ފެންނަ ޕޮޒިޓިވް ކޭސްތަކަކީ ކުރީގެ ކޭސްތަކުގެ ކޮންޓެކްޓުންކަމަށެވެ.

ކޯވިޑް-19ގެ ކޭސްތަކާއި ގުޅިގެން އެސިޓީގައި މިވަގުތު 42 މީހުން ކަރަންޓީނުގައި އެބަތިބިކަމަށާއި ބަލިޖެހިގެން ފަރުވާ ހޯދާ 10 މީހުން އެބަތިބިކަމަށް އެޗްއީއޯސީން ވިދާޅުވިއެވެ.

ފުވައްމުލަކުސިޓީ މޮނިޓަރިނުން ނެގިނަމަވެސް ކޮންޓެކްޓުވި މީހުން ކަރަންޓީނުކުރުމާއި އެކްޓިވް ސަވައިލަންގެކަންކަން އަދިވެސް އެސިޓީގައި ކުރިއަށްދާނެކަމަށް އެޗްއީއޯސީން މައުލޫމާތުދެއްވިއެވެ.

ފުވައްމުލަކުސިޓީގެ މޮނިޓަރިން ހާލަތު އުވާލުމުން މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ އައްޑޫ ސިޓީއާ ހއ. ބާރަށް އެކަންޏެވެ.