ޚަބަރު

ކޯވިޑް-19 ދިފާޢު: ރާއްޖޭގައި ރެކޯޑް ޢަދަދަކަށް މިއަދު ވެކްސިން ޖަހައިފި


ކޯވިޑް-19އިން ދިފާޢުވުމަށް މިއަދު ރާއްޖޭގައި ރެކޯޑް ޢަދަދަކަށް މީހުން ވެކްސިން ޖަހައިފިއެވެ.

މާލެއާއި އަތޮޅުތަކުގެ ރަށްރަށްރަށުގައި ޤާއިމްކޮށްފައިވާ ސެންޓަރުތައް ހިމެނޭހެން ރާއްޖޭގައި މިއަދު ޖުމްލަ 9،781 މީހުންވަނީ ވެކްސިން ޖަހާފައެވެ.

ވޭތުވެދިޔަ 24ގަޑިއިރު ގިނަ ބަޔަކު ވެކްސިންޖެހީ އަތޮޅުތަކުގެ ސެންޓަރުތަކުގައެވެ. އަތޮޅު ތަކުގެ ސެންޓަރުތަކުގައި 5،000އަށްވުރެ ގިނަ މީހުން ވެކްސީން ޖަހާފައިވެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ރާއްޖޭގައި ވެކްސިން ޖެހި 9،781 މީހުންނާއެކު މިހާތަނަށް ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 175،456 އަށް އަރާފައެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ވޭތުވެދިޔަ 24ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުން 5،322 މީހުންވަނީ ވެކްސިން ޖަހާފައެވެ. މާލެ ސަރަޙައްދުން ވެކްސިން ޖެހާފައިވަނީ 4،459 މީހުންނެވެ.

މިއާއެކު އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ އަދަދުވަނީ 75،633 އަށް އަރާފައެވެ. މާލެ ސަރަޙައްދުން ވެކްސިންޖެހި މީހުންގެ ޖުމްލަ ޢަދަދަކީ 99،821 އެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި މިހާރުވަނީ ޢުމުރުން 18 އަހަރުން މަތީގެ ހުރިހާ އުމުރުފުރާތަކަށް ވެކްސިން ޖެހުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މިއާއިއެކު ކޮވިޝީލްޑް ވެކްސިން ދިނުމުގެ ހުއްދަ އޮންނަ ހުރިހާ އުމުރުފުރާތަކަށް މިހާރު މިވަނީ ރާއްޖޭގައި ވެކްސިން ދޭން ފަށާފައެވެ. ރާއްޖޭގައި މިވަގުތު ދެމުންދަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒްއެވެ.

މިމަހުގެ 15ވަނަ ދުވަހާ ހަމައަށް ކޯވިޑް-19ގެ ފުރަތަމަ ޑޯޒް ޖެހުން މަޑުޖައްސާލައި، ދެވަނަ ޑޯޒް ޖަހަން ފެށުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން ދާކަމަށް ހެލްތު މިނިސްޓަރުވަނީ ވިދާޅުވެފައެވެ.