ޚަބަރު

ކޯވިޑް-19 ދިފާއު: ފުލުހުންގެ އިދާރާގެ 92 އިންސައްތަ މުވައްޒަފުން ވެކްސިން ޖަހައިފި


ކޯވިޑް-19އިން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ޕްރޮގުރާމުގައި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ 92 އިންސައްތަ މުވައްޒަފުން ވެކްސިން ޖަހާފައިވާކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ފުލުހުންގެ އިދާރާގައި މަސައްކަތް ކުރައްވާ ފުލުހުންނާއި، މަދަނީ ސްޓާފުން ހިމެނޭހެން ބޮޑު އިންސައްތައެއް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައިވާއިރު، އެ ފަރާތްތަކުން ވެކްސިން ޖަހަމުން ދަނީ ފުލުހުންގެ މެޑިކަލް ބޯޑުގެ ބެލުމުގެ ދަށުންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވިދާޅުވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ފުލުހުންގެ އިދާރާގައި ވަނީ ޑިއެންއޭ ލެބޯޓްރީއެއްވެސް ގާއިމްކޮށްފައެވެ. އެލެބޯޓްރީއަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބަލައިގެންފައިވާ ލެބޯޓަރީއެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓުގައި ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި ވެކްސިން ޕްރޮގުރާމު ފަށާފައިވަނީ މިދިމަހުގެ ފުރަތަމަ ދުވަހުއެވެ. މިހާތަނަށް ރާއްޖެއިން މިހާތަނަށް 220،768 މީހުން މިވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިން ޖެހި 123،227 މީހުންނާއި ރަށްރަށުގައި ވެކްސިން ޖެހި 97،541 މީހުންނެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާދެމެދުގެ މީހުންނަށް ޗައިނާގެ ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. މާލޭގެ އިތުރުން ވެކްސިން ދިނުން ރާއްޖޭގެ އެކި ރަށްރަށުގެ 169 ސެންޓަރެއްގައި ކުރިއަށްގެންގޮސްފައިވެއެވެ.

ޗައިނާގެ ސައިނޯފާމް ވެކްސިންއާއި ޖަރުމަނުވިލާތުގެ ބަޔޯއެން ޓެކްގެ ފައިޒާ ވެކްސިން ރާއްޖޭގައި ދިނުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަ ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.