ޚަބަރު

ރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފި


ދިވެހިރާއްޖެއާއި ކިންގްޑަމް އޮފް ލެސޯތޯ އާ ދެމެދު ރަސްމީކޮށް މިއަދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފިއެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، ދެޤައުމުގެ މެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމުގެ ޖޮއިންޓް ކޮމިއުނިކޭގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދިވެހިރާއްޖެއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސެންއެވެ. އަދި ލެސޯތޯގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އެންކޮޕާނޭ ރަސީންގް މޮންޔާނޭއެވެ.

ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އިހްތިރާމްކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ޤައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހްގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތަކެވެ.

ދިވެހިރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެޤައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރުމާއެކު ދެޤައުމު ގުޅިގެން ބައިނަލްއަޤްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

2.12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ލެސޯތޯއަކީ އެޤައުމުގެ ވަށައިގެން ދެކުނު އެފްރިކާ އޮންނަ ޤައުމެކެވެ.