ޚަބަރު

ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ހަދަނީ


މަސްޖިދުއްޛިކްރާ ނުވަތަ ޒިކުރާ މިސްކިތް ހުރި ބިމުގައި އަންނަ ރަމަޟާންމަހަށް ވަގުތީ މިސްކިތެއް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

މަޖީދީމަގު، ޛިކްރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ އިޢުލާންވެސް ކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ ވަގުތީ މިސްކިތެއް ހަދައިދޭނެ ބަޔަކު ނުވެއްޖެނަމަ ސަރުކާރުގެ އަމާޒަކީ އޮންނަ އުޞޫލްގެ ދަށުން ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކާ ޙާވާލުކޮށްގެން މިސްކިތް ހެދުންކަމަށެވެ.

ޛިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އެޅުމަށް ނިންމާފައިވާއިރު 1،100އަށްވުރެ ގިނަ މީހުންގެ ސޮޔާއެކު މިދިޔަ ހަފުތާގައި އިސްލާމިކު މިނިސްޓްރީއަށް ޕެޓިޝަނެއް ވަނީ ހުށައަޅާފައެވެ. މިޕެޓިޝަން އަމިއްލަ ފަރާތަކުން މިނިސްޓްރީއަށް ހުށަހަޅާފައިވަނީ އެ މިސްކިތް ތަޅާލާފައިވުމުގެ ސަބަބުން އެސަރަޙައްދުގައި ދިރިއުޅެމުންދާ އެތައް ރައްޔިތުންނެއް އެކަމުގެ ދަތިކަން ތަހައްމަލު ކުރަމުންދާތީއެވެ.

ކުރިން ހުރި ޒިކުރާ މިސްކިތް އެތަނުން ނަގަން ކުރީގެ ސަރުކާރުން ނިންމާފައިވަނީ އެތަނުގައި ނަމާދުކުރެވޭނެ އިންތިޒާމްތަކާއެކު 10 ފަންގިފިލާގެ އިމާރާތެއް އެޅުމަށްކަމަށް ބުނެއެވެ. މިސްކިތް އެޅުމަށްކަމަށް ބުނެ 2018 ވަނަ އަހަރު ވަނީ ކޮންޓްރެކްޓެއްވެސް ހަދާފައެވެ. ނަމަވެސް މިކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ފާހަގަވެފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކުރައްވާފައެވެ.މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކުރިއަށް ގެންގޮސްފައިނުވާއިރު، މަސައްކަތް ހަވާލުކުރި ކުންފުންޏަށް ކުރީގެ ސަރުކާރުން 30 މިލިއަން ރުފިޔާވެސް ވަނީ ދީފައެވެ.
މިހާރު ވަނީ ކުރީގެ މިސްކިތް ތަޅާލާ އެ ބިން ސާފުކޮށްފައެވެ.