ޚަބަރު

މިއަދު ވެކްސިން ޖެހީ 354 މީހުން


ކޯވިޑް-19އިން ދިފާޢުވުމަށް އިތުރު 354 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 241،127 މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

މިއަދަކީ ހުކުރު ދުވަހަށް ވުމުން މިއަދު މާލެ ސަރަހައްދުގައި ވެކްސިން ޖަހާފައި ނުވެއެވެ. މިއަދު ވެކްސިން ޖަހާފަިއވަނީ އަތޮޅު ތެރޭގެ ރަށްތަކުގައެވެ. އަތޮޅު ތެރެއިން މިއަދު ވެކްސިން ޖެހި 354 މީހުންނާއެކު އަތޮޅު ތެރެއިން ވެކްސިން ޖެހި މީހުންގެ އަދަދުވަނީ 109،083 އަށް އަރާފައެވެ. އަތޮޅުތަކުގެ 237 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަން ފަށާފައިވާއިރު، މާލެއާ ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 8 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި 2 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. މާލޭގައި ވެކްސިން ޖަހައިދެމުން އަންނަ ތަންތަނުގެ ތެރޭގައި ސޯޝަލް ސެންޓަރާއި، ވިލިމާލެ ޒުވާނުންގެ މަރުކަޒު، ހުޅުމާލޭ ވެކްސިނޭޝަން ސެންޓަރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ގާއިމްކޮށްފައިވާ ސެންޓަރާއި، ޓްރީޓޮޕް ހޮސްޕިޓަލު ހިމެނެއެވެ.

މީގެ ތެރެއިން ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒު ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުގައިވެސް ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00އިން މެންދުރުފަހު 15:00އާ ހަމައަށެވެ. ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައި ވެކްސިން ދިނުން ކުރިއަށްދާނީ ހެނދުނު 10:00 އިން މެންދުރު 12:00އާ ހަމައަށެވެ.

މީގެ އިތުރަށް ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް، މާދަމާ ޖަހަން ފެށުމަށް ވަނީ ނިންމާފައެވެ. މާދަމާ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދޭންފަށަން ނިންމާފައިވާއިރު، ވެކްސިންދިނުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 1 އިން 4 އާއި ދެމެދު ކޮވިޝީލްޑް ވެކްސިން ޖެހި މީހުންނަށް ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުއެވެ.