ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވައިފިއެވެ. ބާޒަރުމަތީގައި ކުރިން އެސްޓީއޯގެ ކޮންސްޓަރަކްޝަން މެޓީރިއަލް ވިއްކަމުންދިޔަ އިމާރާތުގައި ހުޅުވި މި ސެންޓަރުން ދިވެހި ދަނޑުވެރިން އުފައްދާ ހުރިހާ ބާވަތެއްގެ އުފެއްދުން ގަތުމަށް އެސްޓިއޯއިން ވަނީ ނިންމާފައެވެ.
ދަނޑުވެރިންގެ އުފެއްދުންތަކަށް މާކެޓް ހޯދާދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ދިވެހި ދަނޑުވެރިކަން ފުޅާކުރުމަށް އެގްރޯ ނެޓްގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފައްދާ އެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެސްޓިއޯއިން އަލަށް ހުޅުވި އެގްރި ސެންޓަރާއި އެގްރޯނެޓްގެ މަސައްކަތް ވަރަށް ތަފާތެވެ.
އެގްރި ސެންޓަރު ހުޅުވާދެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމުރު ވިދާޅުވީ ބާޒާރުގައި މޭވާއާއި ތަރުކާރީ ކިތަންމެ އަގުބޮޑުކޮށް ވިއްކަމުންދިޔަ ނަމަވެސް، އޭގެ ނަފާ މިހާރު ލިބެނީ ދަނޑުވެރިންނަށް ނޫންކަމަށެވެ. އެހެންކަމުން އެގްރިސެންޓަރުގެ މަސައްކަތަކީ ދަނޑުވެރިޔާގެ އުފެއްދުން ބާޒާރުގައި ވިއްކުމާއި ދެމެދުގައި ހުރި ފަށަލަތައް ނައްތާލާ ދަނޑުވެރިން ކުރާ މަސައްކަތުން އެމީހުންނަށް ރަނގަޅު އާމްދަނީއެއް ލިބޭނެކަން ޔަޤީންކޮށްދިނުމެވެ.
އަމްރު ވިދާޅުވީ އެގްރި ސެންޓަރަށް ދަނޑުވެރިން ފޮނުވާ ތަކެތި ކިރުމަށްފަހު ޚާއްސަ ޕޯޓަލްއެއް މެދުވެރިކޮށް އެ ތަކެއްޗަށް ޖެހޭ ވަރު ދަނޑުވެރިއާއަށް އަންގާނެކަމަށާއި އެތަކެއްޗަށް ވާ ފައިސާ އެ ދަނޑުވެރިއެއްގެ އެކައުންޓަށް ވަގުތުން ޖަމާކުރާނެކަމަށެވެ.
އަމްރު ވިދާޅުވީ ދަނޑުވެރިން ހައްދާ ގޮވާން ގަތުމަށްފަހު އެގްރިސެންޓަރުން އެތަކެތި ރިސޯޓުތަކަށް ހޯލްސޭލްކުރަން ރާވާފައިވާ ކަމަށެވެ. އަދި ރިސޯޓުތަކުން އެކަމަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ލިބިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަންނާނެ އެންމެ ދަށް އަގު އެގްރިސެންޓަރުގެ ވެބްސައިޓުގައި ވާނީ ޝާއިއުކޮށްފައި. އޭރުން ދެކަމެއް އެބަ ހާސިލުވޭ. އެއްކަމަކީ ދަނޑުވެރިން ރަނގަޅު އަގެއް ލިބުން. އަނެއް ކަމަކީ ބާޒާރުގައި އަގުތައް ހިފެހެއްޓިގެން ދިއުން. ބައެއް ފަހަރު ތަކެތީގެ އަގު 1000 ރުފިޔާއިން މައްޗަށް އަރައިގެން އެބަދޭ. އެކަމަކު ދަނޑުވެރިޔާ ލިބެނީ ހަމަ އެއް އަދަދެއް. އެހެން ބަޔަކު އަގު ކޮންޓްރޯލު ކުރަނީ." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވިއެވެ.
އެގްރިސެންޓަރުގައި ރަޖިސްޓްރީ ކުރާ ދަނޑުވެރިން އެމީހުން ހައްދާ ތަކެތި ފޮނުވުމުގެ ކުރިން އޭގެ ބާވަތާއި އަދަދު އެ ސެންޓަރަށް އަންގަންޖެހެއެވެ.
އެގްރިސެންޓަރު ހުޅުވާ މިއަދުން ފެށިގެން ދަނޑުވެރިންގެ އުފެއްދުންތައް އެ ސެންޓަރަށް ވަނީ ގަންނަން ފަށާނައެވެ. މިހާރުވެސް 200 އަށްވުރެ ގިނަ ދަނޑުވެރިން އެތަނުގައި ވަނީ ރަޖިސްޓްރީކޮށްފައެވެ. އެ ސެންޓަރުން ގަންނަ އުފެއްދުންތައް ކަނޑައަޅާ އެތަކެތި ގަންނާނެ އެންމެ ކުޑަ އަގުވެސް އެ ސެންޓަރުން ވަނީ ކަނޑައަޅާފައެވެ. އަދި މި އަގުތައް ކަނޑައަޅާފައިވަނީ ދަނޑުވެރިންނާއި މަޝްވަރާކުރުމަށްފަހުކަމަށްވެސް އެ ސެންޓަރުން ބުނެއެވެ.
އެސްޓީއޯގެ އަމާޒަކީ ދިވެހިން އުފެއްދުންތަކަށް ހަމަ އަގު ހޯދާދީ ދިވެހިން ދަނޑުވެރިންކަން ކުރި އަރައިގެންދިޔުންކަމަށް އެކުންފުނިން ބުނެއެވެ.