ޚަބަރު

ފައިޒާ ވެކްސިން ޖަހަން ރަޖިސްޓްރީކުރާ މީހުން ގަޑިއަށް ސަމާލުވުމަށް އިލްތިމާސްކުރައްވައިފި


ފައިޒަރ ވެކްސިން ޖަހަން ރަޖިސްޓްރީ ކުރުމަށްފަހު އެޕޮއިންޓްމެންޓްދޭ ދުވަހާއި ގަޑިއަށް ހާޒިރުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފިއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިން ރާއްޖޭގައި ދޭންފަށައިފައިވަނީ މިމަހުގެ 11ވަނަ ދުވަހުއެވެ. ފައިޒަރ ވެކްސިން ދިނުމަށް މިހާރު ހަމަޖެހިފައިވަނީ 16 އަހަރުން މަތީގެ ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަކަށް ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކެވެ. މާލެ ސަރަހައްދުގައި ފައިޒާ ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ގޮތާ ގުޅޭގޮތުން އެޗްޕީއޭއިން ވިދާޅުވީ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ދީގެން ކަމަށެވެ.

އެޗްޕީއޭއިން ވަނީ ވެކްސިން ޖެހުމަށް ރަޖިސްޓްރީން ކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު އެޕޮއިންޓްމެންޓް ދެވޭ ދުވަހާއި ގަޑިއަށް ހާޒިރުވުމަށް އެދިވަޑައިގެންފައެވެ. ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ލިބިފައިވާ ފައިޒަރ ވެކްސިންގެ މުޅި ޢަދަދުން 2 ޑޯޒް ފޯރުކޮށްދެވޭނެ ޢަދަދަށް ބަލައިގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ޑަބްލިއުއެޗްއޯގެ ކޯވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށްވަނީ 5،500 ފައިޒާ ވެކްސިން ޑޯޒް ލިބިފައެވެ. މިވެކްސިން ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުގައެވެ. މިވެކްސިން ރައްކާކޮށްފައި ބަހައްޓަންޖެހެނީ ފިނިހޫނުމިން 70 ޑިގްރީގައެވެ.

މިވެކްސިން މައިގަނޑުގޮތެއްގައި މާލެ ސިޓީގައި ޖެހުމަށް ނިންމާފައިވީނަމަވެސް ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ޚާއްސަ ކެޓަގަރީތަކުގެ މީހުންނަށެވެ. އެގޮތުން ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުންނާއި ޑަޔަލިސިސް ހަދަމުންދާ މީހުންނާއި ކެންސަރުގެ ފަރުވާއެއްކަމުގައިވާ ކީމޯތެރަޕީއާއި ރޭޑިއޯތެރަޕީ ދޭ މީހުންނާއި ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވާ ފަދަ ބޭސްތައް އެކި ސަބަބުތަކަށްޓަކައި ބެނުންކުރާ މީހުން ހިމެނެއެވެ.