ޚަބަރު

ކޯވިޑް-19 : ފަސް ދުވަސްފަހުން މާޅޮހުގެ މޮނިޓަރިން އުވާލައިފި


މޮނިޓަރިންއަށް ލީތާ ފަސް ދުވަސްފަހުން ބ.މާޅޮހުގެ މޮނިޓަރިން ހާލަތު އުވާލައިފިއެވެ.

ބ.މާޅޮސް މޮނިޓަރިންއަށް ލާފައިވަނީ އެރަށުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ފަތުރުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ މާޅޮހު މޮނިޓަރިންގެ ހާލަތު އުވާލީ ކޯވިޑް-19ގެ ރައްކާތެރިކަމުގެ ގޮތުން ބަލަން ކަނޑައެޅުނު ކަންކަން ބެލުމަށް ފަހު، މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް މި ވަގުތު ނެތުމުން ކަމަށެވެ.

މާޅޮހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ފަތުރުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހުން ފުރުމުގެ ކުރިން ހެދި ޑިޕާޗަރ ސާމްޕަލްއިންނެވެ. މިދެމީހުންނާ ޑައިރެކްޓް ކޮންޓެކްވި ކަމަށް ބެލެވުނު 7 މީހެއްގެ ތެރެއިން އެކަކުވެސްވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިމީހާއާ ކޮންޓެކްޓްވި މީހުންނާ އެކު އެރަށުން ރެންޑަމްކޮށް ނެގި 29 ސާމްޕަލްވަނީ ނެޓިވްވެފައެވެ.

މާޅޮހެކޭ އެއްގޮތަށް އެއަތޮޅު ކަމަދޫންވެސް ފަތުރުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން އެމީހާ ކޮންޓެކްޓްވި 4 މީހެއްގެ ސާމްޕަލްވެސް ނަގާފައިވާ ކަމަށާއި، މިސާމްޕަލް ތަކުގެ ނަތީޖާ ނެގެޓިވް ކަމަށް އެރަށު ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ. މާޅޮހުން ޕޮޒިޓިވްވި ފަތުރުވެރިޔާވަނީ ކަރަންޓީންކޮށްފައެވެ.