ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކަށް ބޭނުންވާ މިންވަރަށް ކޯވިޑް-19ގެ ވެކްސިން ލިބިފައިނުވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ދުނިޔޭގެ ޤައުމުތަކަށް ހަމަހަމަކަމާއެކު ކޯވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަށް އުފައްދާފައިވާ ކޮވެކްސް ފެސިލިޓީއަށް އެއް އަހަރު ފުރުމުން އެކުލަވާލާފައިވާ ޚާއްޞަ ރިޕޯޓެއްގައެވެ.
މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ޓެޑުރޮސްވަނީ ވެކްސިން ބެހުމުގައި ގެންގުޅޭ ތަފާތުކުރުންތައް ކުށްވެރިކޮށް ހަމަހަމަކަމާއެކު ޤައުމުތަކަށް ވެކްސިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި އެހީތެރިވުމަށް މުއްސަނދި ޤައުމުތަކަށް ގޮވައިލައްވައިފައެވެ. ޑަބުލިޔުއެޗުއޯއިން ނެރެނު ރިޕޯޓުގައި އޭނާ ވިދާޅުވީ ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ވެކްސިންގެ 900 މިލިއަން ޑޯޒް ދީފައިވާކަމަށާއި އޭގެ ތެރެއިން 81 އިންސައްތަ ވެކްސިން ލިބިފައިވަނީ މުއްސަނދި ނުވަތަ މެދުފަންތީގެ ޤައުމުތަކަށްކަމަށެވެ. އަދި ފަޤީރު ޤައުމުތަކަށް ލިބިފައިވަނީ ވެކްސިންގެ އެންމެ 0.3 އިންސައްތަކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ވެކްސިން ލިބުމުގައި ޤައުމުތަކުގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކާމެދު ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންވެސްވަނީ ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ ވިލާތުގެ ކޮންމެ 6 ރައްޔިތުންގެ ތެރެއިން އެކަކަށް ވެކްސިން ދީފައިވާކަމަށާއި އުތުރު އެމެރިކާގެ ކޮންމެ ފަސް މީހެއްގެ ތެރެއިން އެކަކަށް ވެކްސިން ދީފައިވާކަމަށެވެ. ނަމަވެސް އެފުރިކާގެ ޤައުމުތަކުގައި މިހާތަނަށް ވެކްސިން ދީފައިވަނީ ކޮންމެ 100 މީހުންގެ ތެރެއިން އެކަކަށްކަމަށާއި އެއީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވެކްސްގެ ދަށުން 118 ޤައުމަކަށް ވެކްސިންގެ 40.5 މިލިއަން ޑޯޒުވަނީ ފޯރުކޮށްދީފައެވެ. މި އަހަރު ނިމުމުގެ ކުރިން ވެކްސިންގެ ދެ ބިލިއަން ޑޯޒު ހޯދުމަށް ކޮވެކްސުން މަސައްކަތްކުރެއެވެ. ކޮވެކްސުންވަނީ ފަޤީރު ޤައުމުތަކަށް އިންޑިޔާ މެދުވެރިކޮށް ވެކްސިން ފޯރުކޮށްދިނުމަށް ކުރިމަތިވެފައިވާ ދަތިތައް ޙައްލުކުރުމަށް އެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދޭނެ އިތުރު ކުންފުނިތައް ހޯދަމުންދާކަމަށް ބުނެފައެވެ.