ޚަބަރު

ކޯވިޑް-19 ދިފާޢު: ވެކްސިންގެ ދެ ޑޯޒް 102،589 މީހުން ފުރިހަމަކޮށްފި


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ހުކުރު ދުވަހު އަތޮޅުތެރޭގެ 1،243 މީހަކު ޖަހައިފިއެވެ. މިއާއެކު ވެކްސިންގެ ދެޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދުވަނީ އެއްލައްކަ ދެހާހަށްވުރެ މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު 1،243 މީހުންވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. މިއެންމެންނަކީވެސް އަތޮޅުތެރޭގައި ވެކްސިން ޖެހި މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 102،589 އަށް އަރާފައެވެ.

ހުކުރު ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 432 މީހުންނެވެ. މިއާއެކު މިހާތަނަށް 296،961 މީހުން ރާއްޖެއިންވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ރާއްޖޭގައި 3ބާވަތުގެ ވެކްސިން އަންނަނީ ދެމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިންއާ، ސައިނޯފާމް އާއި ފައިޒާ ވެކްސިންއެވެ. ފައިޒާ ވެކްސިން ދެމުން އަންނަނީ ޚާއްސަ ހާލަތްތައްތަކުގައިވާ މީހުންނަށް އެކަންޏެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން 11:45އަށެވެ.