ޢައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދިން ރޮކެޓު ޙަމަލާތަކެއްގައި އެ ޤައުމަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ޙަމާސުން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ޢައްޒާއަށް ދެމުންދާ ވައިގެ ޙަމަލާތަކަށް ބަދަލުހިފުމަށް 130 ރޮކެޓު އިސްރާއީލުގެ ވެރިރަށް ތަލް އަބީބަށް އަމާޒުކޮށް ފޮނުވާލައިފައިވާކަމަށެވެ. ޙަމާސުން ދިން ޙަމަލާތަކުގައި އިސްރާއީލުގެ ގިނަ ޢިމާރާތްތަކަށާއި އުޅަނދުތަކަށް ގެއްލުންވެފައިވެއެވެ. ނަމަވެސް އެންމެ ފާހަގަކޮށްލެވޭ ގެއްލުމެއް ލިބިފައިވަނީ އިސްރާއީލުގެ ސިނާޢީ ސަރަޙައްދަކަށެވެ. އެގޮތުން އެ ސަރަޙައްދުގައި ހުންނަ ހަކަތަ އުފައްދައި މަރުކަޒެއްގައި ވަރަށް ބޮޑަށް ރޯވެފައިވެއެވެ.
ޙަމާސުން ދިން ޙަމަލާތަކުގެ ކުރިން އިސްރާއީލުން ޣައްޒާއަށް ދިން ވައިގެ ޙަމަލާއެއްގައި މީހުން ދިރިއުޅޭ 13 ބުރީގެ ޢިމާރާތެއް ބިމާހަމަވެފައިވެއެވެ. އެ ޢިމާރާތުގައި ޙަމާސް ޖަމާޢަތުގެ ސިޔާސީވެރިންގެ އިދާރާއެއް ޤާއިމުކޮށްފައިވެއެވެ. ނަމަވެސް އެ ޢިމާރާތައް އަމާޒުކޮށް ޙަމަލާ ދިނުމުގެ ކުރިން އެ ޢިމާރާތުންވަނީ މީހުން ހުސްކޮށްފައެވެ.
އިސްރާއީލުގެ ޙައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫގެ އަމުރުފުޅަށް އެ ޤައުމުގެ އިސްތިޢުމާރީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާއާއި ހުޅަނގު އައްސޭރިއާއި ޤުދުސްގައިދަނީ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ. މެއި މަހުގެ 11ވަނަ ދުވަހު އިސްރާއީލުން ދިން ވަރުގަދަ ވައިގެ ޙަމަލާތަކުގައިވަނީ ފަލަސްޠީނުގެ 28 މީހުން މަރުވެ، 150 މީހުން ޒަޚަމުވެފައެވެ. މަރުވި މީހުންގެ ތެރޭގައި 10 ކުޑަކުދިންނާއި އިސްލާމިކް ޖިހާދުގެ 2 އަސްކަރީވެރިން ހިމެނެއެވެ. އޭގެ ކުރީ ދުވަހުވެސް އެ ސަރަޙައްދުތަކުގައި އިސްރާއީލުން ހިންގި ޖަރީމާތަކުގައި 700 މީހުން ޒަޚަމުވިއެވެ. އިސްރާއީލުގެ އިސްތިޢުމަރީ ސިފައިން ދަނީ ރަބަރު އުންޑައާ ސްޓަން ގުރެނޭޑާއި ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވެސް ހަތިޔާރެއް ނެތް ޢާންމު ރައްޔިތުންނާ ދެކޮޅަށް އެއްވެސް ބެލުމެއް ނެތި ޙަމަލާދެމުންނެވެ.
އޭގެ ރައްދުގައި ޙަމާސް ޖަމާޢަތުންވަނީ އިސްރާއީލާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެ ޖަމާޢަތުންވަނީ އެތައް ސަތޭކަ ރޮކެޓު އިސްރާއީލާ ދެކޮޅަށް ފޮނުވާލައިފައެވެ. އޭގެ ތެރެއިން ބައެއް ރޮކެޓުތައްވަނީ އިސްރާއީލުން ބޮޑު ޚަރަދުގެން ޤާއިމުކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމު ފޫއަޅުވާލައި ޔަހޫދީން ދިރިއުޅޭ ސަރަޙައްދުތަކަށް ފޯރާފައިވެއެވެ. އެ ރޮކެޓުތަކުގެ ސަބަބުން އިސްރާއީލުގެ 2 މީހުން މަރުވެ، ބައެއް ޢާންމުން ޒަޚަމުވެ، ބައެއް ގެދޮރާއި އުޅަނދުތަކަށް ގެއްލުންވެފައިވެއެވެ. އިސްރާއީލަށް ބޮޑު ސިހުމެއް އަންނަވަރުގެ ޙަމަލާތަކެއް ޙަމާސުން ދޭން ފެށީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތްކަމަށްވާ މަސްޖިދުލް އަޤްޞާގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތައް ހުއްޓާލައި ފަހަތަށް ޖެހުމަށް ދިން މުޙުލަތަށް އިސްރާއީލުން އިޖާބަނުދިނުމުންނެވެ.