ސިޔާސީ

101 ރަށެއްގައި ހުވާކުރާނީ އޮންލައިންކޮށް، މާލޭގެ ދަރުބާރު ސަލްޓަންޕާކުގައި


ކައުންސިލްތަކުގެ ހުވާކުރުން ދަރުބާރުތައް މާދަމާ ހެދުނު 09:00 ޖަހާއިރު ފަށާނެކަމަށް ލޯކަލް ގަވަމެންޓް އޮތީރިޓީ އެލް.ޖީ.އޭއިން ވިދާޅުވެއްޖެއެވެ. 101 ރަށެއްގެ ކައުންސިލަރުންނަށް ހުވާލާ ދިނުމުގެ ރަސްމިއްޔާތު އޮންނާނީ އޮންލައިންކޮށެވެ. މާލޭ ސިޓީ ކައުންސިލަރުންނާއި މޭޔަރު ހުވާކުރުން އޮންނާނީ ސަލްޓަންޕާކުގައެވެ.

މިދިޔަ މަހުގެ 10 ވަނަދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކާމިޔާބުކޮށް ކައުންސިލަރުންނަށް ހޮވުނު ފަރާތްތަކާއި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ހުވާކުރުމުގެ ދަރުބާރުތައް ފެށޭނީ މަދާމާ ހެނދުނު 09:00 ޖަހާއިރުއެވެ. މި ދަރުބާރުގައި މެމްބަރުން ހުވާކުރުމާއި ހުވާގެ އިޤްރާރުގައި ސޮއިކުރުން އޮންނާނެއެވެ.

ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތުތަކަށް ވަމުންދާ އެންމެ ފަހުގެ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ޕީ.އެސް.އެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ހިއްސާކުރައްވަމުން އެލް.ޖީ.އޭގެ ޑިރެކްޓަރ ލީގަލް މޮނިޓަރިން އެންޑް އިންވެސްޓިގޭޝަން ޢަބްދުﷲ ރަޝީދު ވިދާޅުވީ، ކޯވިޑްގެ ޙާލަތާ ގުޅިގެން، ހުވާކުރުމުގެ ކަންކަން މި ފަހަރު ދެ ގޮތަކަށް ކުރިއަށްދާނެކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ހުވާކުރުމުގެ ދަރުބާރަށް ފަނޑިޔާރުން ހާޒިރުވެ ހުވާލާދެއްވާއިރު އަނެއް ބައި ރަށްރަށުގައި މިކަން ދާނީ އޮންލައިންކޮށްކަމަށެވެ.

މިހާރު ހަމަޖެހިފައިވާ ގޮތުން 101 ރަށެއްގައި ހުވާކުރުމުގެ ދަރުބާރުގައި ފަނޑިޔާރުން ބައިވެރިވެޑައިގަންނަވާނީ އޮންލައިންކޮށެވެ. ހުވާކުރުމުގެ ދަރުބާރަށް ފަނޑިޔާރުން ހާޒިރުވެވަޑައިގަންނަވާނީ 99 ރަށެއްގައެވެ. 187 ކައުންސިލަރެއް ހުވާކުރާނީ އޮންލައިންކޮށެވެ. ޢަބްދުﷲ ރަޝީދު ވިދާޅުވީ އެއްވެސް ސަބަބަކާ ހެދި ހުވާކުރުމުގެ ކަންކަން މާދަމާ ކުރިއަށް ނުދާނެ އެއްވެސް ރަށެއް ނޯންނާނެކަމަށެވެ. މި ފަހަރުގެ ހުވާކުރުމުގެ ދަރުބާރަށް ކައުންސިލަރުން ފިޔަވާ އާއްމުންގެ އެއްވެސް މީހަކަށް ނުވަދެވޭނެކަމަށްވެސް ޢަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

" އޮންލައިންކޮށް އޭނާ ބައިވެރިވާކަމަށްވާނަމަ ދަރުބާރު ކުރިއަށްދާއިރުގައި އިޤުރާރުގައި ސޮއިކުރާތަން ސްކްރީނަށް ދައްކަންޖެހޭނެ. އެލްޖީއޭގައިވެސް ސްޓޭޝަން ވެގެންތިބޭނެ އޮންލައިންކޮށް ހުވާކުރުމުގެ ދަރުބާރު ކުރިއަށްދާއިރު، އެކަންކަން ބެލުމަށް އަޅުގަނޑުމެންގެ ސްޓާފުން ގްރޫޕްތަކަށް ބަހާފައި. އެހެންވީމަ އޭނާ ސްކްރީނަށް ދައްކަންޖެހޭނެ ސޮއިކޮށްފައި އޮންނަ އިޤުރާރު. އެއަށްފަހު އޭނާ އޭގެ ފޮޓޯއެއް ނުވަތަ ސްކޭންކޮށްފައި ކައުންސިލަށް އެދުވަހު ފޮނުވީމަ، އަޅުގަނޑުމެންގެ ސިސްޓަމްގެ ތެރެއަށް އެޑޭޓާތައް އެންޓަރކުރެވިގެންދާނެ. ފިޒިކަލީ ސޮއިކުރާ 3 ކޮޕީ ކަރަންޓީނުގެ ކަންކަން ނިމުނީމަ ކައުންސިލާ ޖެހޭނެ ހަވާލުކުރަން" ރަޝީދު ވިދާޅުވިއެވެ.

މާދަމާ ހެނދުނު 09:00 ޖަހާއިރު ހުވާކުރުމުގެ ރަސްމިއްޔާތުތައް ފެށުނު ނަމަވެސް އޮންލައިންކޮށް ކުރިޔަށްދާތީ ހުރިހާ ރަށެއްގައި އެއް ވަގުތެއްގައި މިކަން ކުރިޔަށް ނުދާނެކަންވެސް ރަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ހަވީރު 05:00 ޖެހުމާއި ހަމައަށް ހުވާކުރުމުގެ ކަންކަން ކުރިޔަށްދާނެކަމަށްވެސް ރަޝީދު ވިދާޅުވިއެވެ.

" މިހާރު ޤާނޫނުގެ 8 ވަނަ އިސްލާޙާ އެއްކޮށް އަތޮޅު ކައުންސިލް އެކުލެވިގެން މިވަނީ އިންތިޚާބުކުރެވޭ ރައީސަކާއި، އެއަތޮޅެއްގެ ރަށު ކައުންސިލްތަކަށް އިންތިޚާބުކުރެވޭ ރަށު ކައުންސިލްގެ ރައީސުންގެ މައްޗަށް. އެހެންވީމަ ރަށު ކައުންސިލްގެ ރައީސްގެ ހުވާކުރެއްވުމަށްފަހު، އޭނަ އަތޮޅު ކައުންސިލުގެ މެމްބަރަކަށް މިވަނީ. އެހެންވީމަ އަތޮޅު ކައުންސިލްގެ މެމްބަރުކަމުގެ ހުވާ އޭނާ ކުރައްވަނީ ރަށު ކައުންސިލްގެ ހުވާކުރުމަށްފަހު. އެހެންވީމަވެސް އެއްގަޑިއެއްގައި ހުރިހާ ކައުންސިލެއްގެ ހުވާކުރުން ހަމަޖެއްސޭނެ ގޮތެއްނެތް. އެހެންނަމަވެސް ހުވާކުރުމުގެ ހުރިހާކަމެއް އެއް ދުވަހުގެ ތެރޭގައި ނިމިގެންދާނެ" ރަޝީދު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ހުވާކުރުމުގެ ދަރުބާރު ބޭއްވުމަށް ހަމަޖެހިފައިވަނީ ސަލްޓަން ޕާކުގައެވެ. މާލޭ ސިޓީގެ މޭޔަރާއި ކައުންސިލަރުންނަށް ހުވާލާދެއްވާނީ ހައިކޯޓްގެ އިސްފަނޑިޔާރު އަލްއުސްތާޛު ހާތިފް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި އަލަށް އިންތިޚާބުވި މޭޔަރާއި ކައުންސިލަރުންގެ އިތުރުން މިހާރުގެ މޭޔަރާއި ކައުންސިލަރުން ބައިވެރިވާނެއެވެ.

މަދާމާ އޮންނަ ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތަށް ފަށާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ދެއްވާ ޚާއްސަ ޚިޠާބަކުންނެވެ.

މިިދިޔަ ކައުންސިލް އިންތިޙާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެޕާޓީން ވަނީ 400 ގޮނޑި ކާމިޔާބުކޮށްފައެވެ. މީގެތެރޭގައި 3 ސިޓީގެ މޭޔަރުކަމާއި އެކު އެ ސިޓީތަކުގެ މެޖޯރިޓީވަނީ އެމްޑީޕީން ހޯދާފައެވެ. ދެން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުންނެވެ. އެ ކޯލިޝަނުން ވަނީ 325 ގޮނޑިއެއް ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި މިހާތަނަށް އެމްޑީޕީން ކާމިޔާބުކުރަމުން އައި މާލެސިޓީގެ މޭޔަރުގެ މަޤާމާއި މާލެ ސިޓީގެ މެޖޯރިޓީވެސް ހިމެނެއެވެ.